ކ. މާލެ
|
18 ޖުލައި 2024 | ބުރާސްފަތި 16:51
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ރައީސްގެ ޖަވާބު
''ރައީސްގެ ޖަވާބު'' މިއީ އިންތިޚާބުތަކަށް ދެއްކި ދަޅައެއްތަ؟
ރައީސްގެ ޖަވާބު ޕްރޮގްރާމް ފެއްޓެވީ 1 ފެބްރުއަރީ 2024 ގައެވެ. ވީޑިއޯއެއް އެންމެފަހުން އާއްމުކޮށްފައިވަނީ 7 އޭޕްރީލް 2024 ގައެވެ. މީގެ އިތުރުން، ރައްޔިތުންގެ އަޑު އައްސަވައިގެން، ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝަކުވާ ސީދާ ރައީސްއަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ޚާއްސަ ޕޯޓަލް "ރައްޔިތުންގެ އަޑު" އެމަނިކުފާނު އިފުތިތާހުކޮށްދެއްވީ 23 ފެބުރުވަރީ 2024 ގައެވެ. ނަމަވެސް އެޕޯޓަލްއިން ވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބެއް ނުދެއްވައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ހާމަކަން ބޮޑު ސިޔާސަތެއްގެ ވައުދުފުޅާއެކުއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދެއްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުންނާ ގާތުން ވެރިކަން ކުރައްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގަންނާ މާގިނަ ދުވަހެއް ނުވެއެވެ. ރައްޔިތުންނަށް ވެސް ނޫސްވެރިންނަށް ފިއްލަވައިފި ކަމަށް މިހާރު ބުނުމުގެ ފުރުސަތު އެބައޮތެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެއެވެ. ސިލްސިލާކޮށް ބާއްވަމުން ގެންދާނެ ކަމަށް ވިދާޅުވި ނޫސްވެރިންގެ ބައްދަލުވުންތައް ނުބާއްވާއެވެ. ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ދުވަހެއް ވެސް ހާމައެއް ނުކުރައްވައެވެ. އިވެންޓަކުން ރައީސްއާ ނޫސްވެރިއަކު ސުވާލުކުރި ނަމަވެސް ޖަވާބެއް ނުދެއްވައެވެ.

ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި އާއްމުކުރައްވަން ފެއްޓެވުމަށްފަހު, ރައްޔިތުން މަޖިލީހުގެ އިންތިޚާބަށްފަހު އެންމެ ވީޑިއޯއެއް ވެސް އާއްމު ކުރައްވާފައިނުވެއެވެ. 1 ފެބްރުއަރީ 2024 ގައި މި ސިލްސިލާ ޕްރޮގްރާމް ފެށިއިރު ވެސް ބައެއް އާއްމު ރައްޔިތުން ދިޔައީ އެކަމާމެދު ސުވާލު އުފައްދަމުންނެވެ. އެކަން އަބަަދު ކުރިއަށް ނުގެންދާނެ ކަމަށާއި، އެއީ ނޫސްވެރިންގެ ސުވާލުތަކަށް ފިއްލެވުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. އަދި 20 ވަނަ ރައްޔިތުން މަޖިލިސް އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް ކަމަށް ވެސް ބުނެފައިވެއެވެ.

ރައީސްގެ ޖަވާބު ސިލްސިލާގެ ވީޑިއޯއެއް އެންމެފަހުން އާއްމުކޮށްފައިވަނީ 7 އޭޕްރީލް 2024 ގައެވެ. މަޖިލިސް އިންތިޚާބު ބާއްވާފައިވަނީ 21 އޭޕްރިލް 2024ވީ އާދީއްތަ ދުވަހުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް މިފަދަ ވީޑިއޯއެއް އާއްމު ކޮށްފައިނުއެވެ. އާއްމު ނުކުރާ ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެފައިވަނީ ރައީސްގެ ޖަވާބު ސިލްސިލާ ކުރިއަށް ގެންދިޔުމަށްޕޯޓަލެއް ހެެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕޯޓަލް ނިމުނުހައި އަވަހަކަށް ޖަވާބު ޕްރޮގުރާމު ފެށޭނެ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް މި ޖަވާބު ދެއްވާތާ ވެސް މިހާރު މިވަނީ މަސް ދުވަސް ވެފައެވެ. މިފަދަ ޕޯޓަލް ގާއިމްކުރުމަށް ވެސް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވާ ކަމަށްވާނަމަ ރައީސް މުއިއްޒުގެ ސްޕީޑާމެދު ރައްޔިތުން ސުވާލު އުފައްދާނެއެވެ.

މީގެ އިތުރުން ރައީސްގެ ޖަވާބަށް އިތުރު ޕޯޓަލްއެއް ގާއިމްކުރާއިރު، ރައްޔިތުންގެ އަޑު އައްސަވައިގެން، ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝަކުވާ ސީދާ ރައީސްއަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ޚާއްސަ ޕޯޓަލް "ރައްޔިތުންގެ އަޑު" އެމަނިކުފާނު އިފުތިތާހުކޮށްދެއްވީ 23 ފެބުރުވަރީ 2024 ގައެވެ.

ރައްޔިތުންގެ އަޑު ޕޯޓަލް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާއިރު، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް މަގުފަހިކުރަން ޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ، ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ގާއިމުކުރަންކަމަށާއި، ކަންކަން ވާނުވާގައި އޮތުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ބާރުއަޅުއްވައި، މި ސަރުކާރުން މަސައްކަތްކުރައްވާނީ ރައްޔިތުންގެ އަމާޒަށް ވާސިލުވުމަށްކަމުގައި ވިދާޅުވެފައެވެ.

ނަމަވެސް ރައްޔިތުންގެ އަޑު ޕޯޓަލްއަށް ފޮނުވާ ސުވާލުތަކަށް ޖަވާބު ނުލިބޭކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން "ރައީސްގެ ޖަވާބު" ގެ ނަމުގައި ޕްރޮގުރާމް ވެސް ހުއްޓި، މިފަދަ ގޮތަކަށް ނަތީޖާ ނުކުމެދާނެ ކަމަށް ބައެއް މީހުން އުންމީދެއް ނުކުރެއެވެ. ނޫސްވެރިންނާ އެމަނިކުފާނު ބައްދަލުނުކުރެއްވި ނަމަވެސް ބައެއް މީހުން ސަރުކާރު ދިފާއު ކުރަމުންދިޔައީ ވެސް ރައީސް މުއިއްޒު ރައްޔިތުންނާ ގާތްގުޅުމެއް ބާއްވަވައި، ރައްޔިތުންގެ އަޑު އައްސަވާ ކަމަށް ބުނެއެވެ. ނޫސްވެރިން ބައްދަލުނުކުރައްވާތާ އެތަކެއް ދުވަހެއްވެފާއިރު، ރައީސްގެ ޖަވާބަށް ނުގެނެސްދޭތާ ދެމަހަށް ވުރެ ގިނަ ދުވަސްވުމުން މިއީ ރައްޔިތުންނަށް ހެޔޮ އެދިގެން ނުވަތަ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ހެޔޮ ނިޔަތުގައި ސަރުކާރުން ފެށި ޕްރޮގްރާމެއްތޯ މިއަދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް