ކ. މާލެ
|
18 ޖުލައި 2024 | ބުރާސްފަތި 10:13
ކޮޕާ އެމެރިކާ ތަށްޓާއެކު މެސީ މެދުގައި
ކޮޕާ އެމެރިކާ ތަށްޓާއެކު މެސީ މެދުގައި
ނަސްލީ ތަފާތުކުރުމުގެ މައްސަލަ
ފްރާންސް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލާގައި މެސީ ވެސް މަޢާފަށް އެދެން ޖެހޭނެ!
މެސީ މަޢާފަށް އެދެން ޖެހެނީ ޓީމްގެ ކެޕްޓަންގެ ހައިސިއްޔަތުންނެވެ.

ފްރާންސް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލާގައި މެސީ ވެސް މަޢާފަށް އެދެން ޖެހޭނެ ކަމަށް އާޖެންޓީނާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ކޮޕާ އެމެރިކާގެ ތަށި ހޯދުމަށްފަހު އުފާފާޅުކުރުމުގެ ތެރޭގައި އާޖެންޓީނާ ބައެއް ކުޅުންތެރިން ވަނީ ފްރާންސް ގައުމީ ޓީމްގެ ކުޅުންތެރިންނަށް ނިސްބަތްވާ ނަސްލީ ތަފާތުކުރުން ހިމެނޭ ލަވައެއް ކިޔާފައެވެ. އެ ވީޑިއޯ ދައުރުވެ އާޖެންޓީނާ ޓީމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ. އެކަމުގައި މެސީ ބައިވެރިވާތަނެއް ނުފެނެއެވެ. ނަމަވެސް އާޖެންޓީނާ ސްޕޯރޓްސް ސަބް ސެކެޓްރީ ހޫލިއޯ ގާރޯ ވިދާޅުވީ ޓީމް ކެޕްޓަނެއްގެ ގޮތުން މެސީ ވެސް މަޢާފަށް އެދެން ޖެހޭނެ ކަމަށެވެ. އަދި އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވެސް މަޢާފަށް އެދެން ޖެހޭނެ ކަމަށެވެ.

މިމައްސަލައިގައި އަމާޒުވި ފާޑުކިއުންތަކަށް ފަހު މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް ވަނީ މަޢާފަށް އެދިފައެވެ. އެކަން ލީޑްކޮށް ބައިވެރިވީ އޭނާ އެވެ. އެމައްސަލަ ފްރާންސް ފެޑެރޭޝަނުން ވަނީ ފީފާއަށް ހުށަހަޅާފައެވެ. މައްސަލަ ބަލާކަން ފީފާއިން ވަނީ ޔަގީން ކޮށްދީފައެވެ. މީގެއިތުރުން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައި ވަނީ އެމައްސަލަ ކޯޓަށްވެސް ހުށަހެޅުމަށެވެ.

އާޖެންޓީނާ ކުޅުންތެރިން ފްރާންސް ކުޅުންތެރިންނަށް ނިސްބަތްވާ ގޮތަށް ކީ ލަވައަކީ 2022 ވަނަ އަހަރުގެ ވަރލްޑްކަޕް ފައިނަލަށް ފްރާންސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން އާުޖެންޓީނާ ސަޕޯޓަރުންވެސް ކީ ލަވައެކެވެ. އެއީ ފްރާންސް ގައުމީ ޓީމްގެ ގިނަ ކުޅުންތެރިން އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާތީ އެވާހަކަތައް ބަޔާންކޮށްފައިވާ ލަވައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް