ވަކި ބަޔަކަށް ވަޒީފާ ދިނުމަށް އޮންނަ ކޯޓާ އުވާލަން ބަންގްލަދޭޝްގައި ޔުނިވަރސިޓީ ދަރިވަރުން ކުރި މުޒާހަރާ ހޫނުވެ، ފުލުހުންނާ މުޒާހަރާ ކުރި މީހުންނާ ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 5 މީހަކު މަރުވެއްޖެއެވެ.
މަރުވި މީހުންގެ ތެރެއިން މަދުވެގެން ތިން މީހުންނަކީ ދަރިވަރުން ކަމަށާއި، އެކަކަކީ މަގުމަތިން ހިނގާފައި ދިޔަ މީހެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނިޔާވި އިތުރު މީހަކީ ކާކުކަން އަދި ސާފު ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ބަންގްލަދޭޝްގައި މުޒާހަރާ އަށް ޔުނިވަރސިޓީ ދަރިވަރުން ނުކުތީ، އެ ގައުމުގައި އަމަލު ކުރަމުން އަންނަ އުސޫލުގައި އޮންނަ ގޮތުން 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ އާއިލާތަކަށް ވަޒީފާ ދިނުމަށް ޚާއްސަ ކޮށްފައި އޮންނަ ކޯޓާ އާއި ވަޒީފާގެ އެހެނިހެން ކޯޓާގެ ސަބަބުން ވަކި ބަޔަކަށް ފައިދާ ވާތީ ކޯޓާ އުވާލުމަށް ސަރުކާރަށް ގޮވާލުމުގެ ގޮތުންނެވެ.
ބަންގްލަދޭޝްގެ ހުރިހާ ހިސާބެއް ހިމެނޭ ގޮތުން ޔުނިވަރސިޓީ ދަރިވަރުން ބޭއްވި މުޒާހަރާގައި އެތައް ހާސް މީހުން ބައިވެރިވެފައި ވާއިރު މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ވަޒީފާގެ ކޯޓާ ސިސްޓަމް އުވާލުމަށެވެ. މިހާރު އޮންނަ ގޮތުން ސަރުކާރު ވަޒީފާގެ 30 އިން ސައްތަ ރިޒާވް ކުރަން ޖެހެނީ މިނިވަން ކަމުގެ ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާ ތަކަށެވެ.
އަންގާރާ ދުވަހު އެތައް ހާސް ރަޔަޓް ފުލުހުން ބަންގްލަދޭޝްގެ ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ވަނީ ފެނިފައެވެ.
ބަންގްލަދޭޝްގެ ހުޅަނގުއުތުރު ސަރަހައްދެއް ކަމަށްވާ ރަންގްޕޫރުގައި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ރަބަރު ވަޒަނާއި ކަރުނަ ގޭސް ބޭނުން ކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބަންގްލާދޭޝްގެ ހުރިހާ ހިސާބެއްގައި ކުރިއަށް ދިޔަ، މި މުޒާހަރާގައި ފުލުހުން މުޒާހަރާގެ ބައިވެރިންނާ ކުރިމަތި ލުމުގެ ސަބަބުން 100ށް ވުރެ ގިނަ މީހުންނަށް އަނިޔާ ލިބުނު ކަމަށް ޚަބަރުތައް ބުނެއެވެ.
ވެރިރަށް ދާކާ ގައި ދަރިވަރުން ވަނީ ހައިވޭ ތަކާއި ރޭލްވޭ ތައް ދަތުރުކުރާ މަގުތައް ބަންދުކޮށްފައެވެ.
ބަންގްލަދޭޝްގައި ސަރުކާރު ވަޒީފާ ތަކުގެ 56 އިން ސައްތަ އަކީ އެކި އެކި ކޯޓާތަކުގެ ދަށުން ރިޒާވް ކުރެވިފައި ހުންނަ ވަޒީފާތައް ކަމަށްވެއެވެ. މީގެ ތެރެއިން 10 އިން ސައްތަ އަކީ އަންހެނުންނަށް ޚާއްސަ ވަޒީފާތަކެވެ. އަނެއް 10 އިން ސައްތަ އަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ސަރަހައްދުތަކުގެ މީހުންނަށް ޚާއްސަ ކޮށްފައިވާ ވަޒީފާތަކެވެ. 5 އިން ސައްތަ އަކީ އިންޑިޖެނަސް ކޮމިއުނިޓީތަކަށް ޚާއްސަ ވަޒީފާތަކެވެ. އެކެއް އިންސައްތަ ކަނޑައަޅާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަމަށްވެއެވެ.