ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި، އަދި މިކަމުގައި މުސްލިމް ގައުމުތަކުގެ ވެރިން ހަނު ތިއްބަވާތީ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އިރާނުގެ ވަގުތީ ރައީސް މުހައްމަދު މޮޚްބާރ ވިދާޅުވެއްޖެއެވެ.
މިފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ޔަހޫދީންގެ އަނިޔާވެރިކަން ފަލަސްތީން ރައްޔިތުންނާ މެދު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށާއި، އެއީ އެމެރިކާގެ އެހީތެރިކަމާ އެކު ހިންގާ ޖަރީމާ އެއް ކަމަށާއި، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ބައިނަލް އަގްވާމީ ގޮތުން ކުރެވުނު މަސައްކަތްތައް ފެއިލްވެފައިވާ ކަމަށް މޮޚްބަރ އާދިއްތަ ދުވަހު ވިދާޅުވިއެވެ.
މޮޚްބާރ އިތުރަށް ވިދާޅުވި ގޮތުގައި، ގާޒާގައި ފެތުރިފައިވާ ނުރައްކާތެރި އަދި ލާއިންސާނީ ހާލަތުގެ ނަތީޖާއެއްގެ ގޮތުން ޔަހޫދީ ދައުލަތުގެ އަނދިރި އަނިޔާވެރި ރެކޯޑްތަކުގައި އިތުރު ލައްގަނޑެއް ޖެހިފައިވާ ކަމަށެވެ.
މޮޚްބަރ ވަނީ ފަލަސްތީނުގެ މައްސަލައިގައި މުސްލިމް ގައުމުތަކުގެ ވެރިން އެއްވެސް އަމަލީ ސިފައެއް ނުދައްކަވާ ހަނު ތިއްބަވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އީރާނުގެ ވަގުތީ ރައީސް މި މޭރުމުން ވާހަކަ ފުޅު ދެއްކެވީ ޔަހޫދީ ސިފައިންގެ އަނިޔާވެރި ހަމަލާތައް އެތައް ގުނައެއް މައްޗަށް ޖައްސާ ކުށެއް ނެތް އެތައް ފަލަސްތީނު ރައްޔިތެއްގެ ފުރާނަ ދުއްވާލާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ.
ޔަހޫދީ ސިފައިން ގަސްދުގައި ގެންދަނީ ފަލަސްތީނުގެ ރެފިއުޖީންގެ ވަގުތީ ހިޔާތަކަށާއި، ސްކޫލްތަކަށާއި، މިސްކިތްތަކަށާއި، ފަލަސްތީން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ އދ ގެ އޮފީސްތަކަށް ހަމަލާ ދެމުންނެވެ.
އާދިއްތަ ދުވަހު ޔަހޫދީ ސިފައިންވަނީ ނުސީރަތު ރެފިއުޖީ ކޭމްޕް ގައި ހުންނަ ޔޫއެން އޭޖެންސީ ފޯ ޕެލަސްޓީނިއަން ރެފިއުޖީސް އިން ހިންގާ ސްކޫލަކަށް ބޮން އަޅާފައެވެ. އެ ހަމަލާގައި މަދުވެގެން 15 މީހުން މަރުވެ، 80ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ހޮނިހިރު ދުވަހު ހެނދުނު ޔަހޫދީ ސިފައިން ވަނީ އެފް-16 ހަނގުރާމަ މަތީ ބޯޓުތަކުން، ރައްކާތެރި ސަރަހައްދެއް ކަމަށް އިޒްރޭލުން ކަނޑައަޅާފައިވާ އަލް-މަވާސީ ސަރަހައްދަށް ބޮން އަޅާފައެވެ. އެ ހަމަލާގައި މަދުވެގެން 90 މީހުން މަރުވެ، އިތުރު 300ށް ވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ.
ބޮން އެޅި ސަރަހައްދުތަކުން މަރުވި މީހުންނާއި ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.