ޕްރިމިއާ ލީގުގައި ފަހު ވަގުތު އޮލިވާ ޖިރޫ ކާމިޔާބުކުރި ލަނޑުން ފަހަތުން އަރާ ލެސްޓާ ސިޓީގެ މައްޗަށް އާސެނަލް ކުރިހޯދައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ލެސްޓާއާ ވާދަކޮށް އާސެނަލް މޮޅުވީ 3-4 ގެ ނަތީޖާއަކުންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލަށް ގުޅުނު މޮނާކޯގެ ކުރީގެ ފޯވާޑް ލަކަޒާޓޭ އެވެ.
އެހެންނަމަވެސް އޭގެ ތިން މިނެޓު ފަހުން ލެސްޓާ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަޕާނުގެ އޮކަޒާކީ އެވެ. މި ލަނޑަށް ފަހު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ.
ލެސްޓާ އިން މެޗުގެ ލީޑު ނެގީ 29 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެމީ ވާޑީއެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި އާސެނަލްގެ ޑެނީ ވެލްބެކް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ލެސްޓާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހަން އެޓީމުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން 56 ވަނަ މިނެޓުގައި ވާޑީ ވަނީ އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ފަހު 15 މިނެޓު ތެރޭގައި އާސެނަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެޓީމުން ވަނީ ފަހު 10 މިނެޓު ތެރޭގައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން 83 ވަނަ މިނެޓުގައި އާރޮން ރެމްސީ ނަތީޖާ ހަމަހަމަކޮށްފައިވާއިރު، 85 ވަނަ މިނެޓުގައި އޮލިވާ ޖިރޫ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ.