ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 03:51
ގްރީން ސްޓްރީޓާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން
ގްރީން ސްޓްރީޓާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
އުރީދޫ ދިވެހި ޕްރިމިއާ ލީގު
ގްރީން ސްޓްރީޓު ތާވަލުގެ އެއްވަނައަށް ޖެހިލައިފި!
މިމޮޅާއެކު ގްރީންއިން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ވަގުތީގޮތުން ޖެހިލާފަ
މާދަމަގެ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ނިއު ރޭޑިއަންޓް

ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓާއި ތިނަދޫ ބައްދަލު ކުރި މެޗު 1-2 ގެ ނަތީޖާ އަކުން ގްރީން ސްޓްރީޓުން ކާމިޔާބު ކޮށްފިއެވެ. މިމޮޅާއެކު ގްރީންއިން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ވަގުތީ ގޮތުން ޖެހިލާފައެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފެށިގެން ދެ ޓީމުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާކަރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައި ނުވެއެވެ.

އެހެން ނަމަވެސް މިގޮތުގައި ހާފް ނިމެން ދަނިކޮށް ގްރީންގެ ބޭރު ކުޅުންތެރިޔާ ސޮބޯލް އިލިއާ ވަނީ 35 ވަނަ މިނިޓުގައި ގްރީންއަށް ލީޑު ނަގައިދީފައެވެ. މި ލަނޑާއެކު ގްރީން އިން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެން ފެށިއެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-1 ގްރީން ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފް ފެށiގެން 21 ސިކުންތުގެ ތެރޭގައި ތިނަދޫއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔަބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އެލެކްސެންޑާއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ގްރީންގެ ވަރަށް ގިނަ ކުޅުންތެރިންތަކެއް ކަޓުވާލުމަށްފަހު އެރިއާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ.

ނަތީޖާ އެއްވަރުވުމާއެކު ތިނަދޫއިން ރަނގަޅަށް ކުޅެން ފަށައި ގްރީންގެ ހާފުގައި ކުޅުމުން ގެންދިޔައެވެ. އެހެން ނަމަވެސް އެދެވޭ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވެއެވެ.

މި ނަތީޖާގައި މެޗު ނިމެން ދަނިކޮށް 85 ވަނަ މިނިޓުގައި ގްރީންއާއި އަލަށް ގުޅުނު ޑިފެންޑާ ޝާފިއު އަހުމަދު ވަނީ ގްރީންއަށް މެޗުގެ ލީޑު އަލުން ހޯދައިދީފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގްރީންގެ ކޯޗު ސޮބާހު ބުނީ އޭނާގެ ކުޅުންތެރިން ދެއްކި ހިތްވަރާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި މި މެޗަށް ގްރީންއިން ނުކުތީ ތިން ޕޮއިންޓް ހޯދަންކަމަށާއި އެކަން ހާސިލުވުމުން ވަރަށް އުފާކުރާކަމަށެވެ.

ތިނަދޫގެ ކޯޗު މާޓިނޭޒްވަނީ ފުލް ދަނޑުގައި އެޓީމަށް ފަރިތަކުރަން ނުލިބުމަކީ މެޗުން ބަލިވުމުގެ މައިގަނޑު އެއްސަބަބުކަމަށައި ތިނަދޫގެ ޓީމަށް މި މެޗަށް ފަހު އެހެން ޓީމުތަކުން އިހުތިރާމު ކުރާނެކަމަށެވެ. އަދި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި ރެފްރީގެ ބައެއް ނިންމުންތަށް އޭނާގެ ޓީމާއި ދެކޮޅަށް ނުކުތުމަކީ އޭނާގެ ޓިމު މެޗުން ބަލިވި އެއް ސަބަބު ކަމަށެވެ.

މި މޮޅާއެކު ގްރީންއިން ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައި އުރީދޫ ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް ވަގުތީގޮތުން ޖެހިލާފައެވެ. ތިނަދޫއޮތީ ލިބުނު ތިން ޕޮއިންޓްއާކު ތާވަލުގެ ފަސް ވަނައިގައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ ހޮނިހިރު ދުވަހު ހަވީރުއެވެ. މި މެޗުގައި ބައްދަލު ކުރާނީ ބޮޑު ދެބާރު ކަމަށްވާ އެސް.ޓީ.އޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާއާއި ނިއު ރޭޑިއަންޓްއެވެ.

- ކޮމެންޓް