ރެއާލް މެޑްރިޑަށް ސޮއިކުރި ނަމަވެސް އެކުލަބުގައި އޭނާ ބޭނުންކުރާ ނަންބަރުގެ ޖާޒީ ގަންނަން ލިބެން ފަށާނީ އަދި ހަތަރު ހަފުތާ ފަހުން ކަމަށް ކުލަބުން ބުނެފި އެވެ.
ފްރާންސްގެ ކެޕްޓަން ޕީއެސްޖީ ދޫކޮށް ހިލޭ ޓްރާންސާފާއެއްގައި ރެއާލަށް ސޮއިކުރީ މި މަހުގެ ތިނެއްގަ އެވެ. ނަމަވެސް އޭނާގެ އެގްރީމަންޓް ރަސްމީކޮށް، ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދައްކާލުން އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އާއްމުކޮށް ކުޅުންތެރިޔާގެ ޕްރެޒެންޓޭޝަނަށް ފަހު ޖާޒީ ގަންނަން ލިބެންހުރެ އެވެ.
އެކަމަކު ރެއާލްއިން ބުނީ އެކުލަބުގެ ޖާޒީ ތައްޔާރުކޮށްދޭ އެޑިޑާސް ކުންފުންޏަށް އެމްބާޕޭގެ ޖާޒީގެ އޯޑަރު ދެވުނީ މާ ފަހުން ކަމަށާއި މިހެންވެ ޖާޒީ ތައްޔާރުކުރަން ވަގުތުނުވީ ކަމަށެވެ. ސަބަބަކީ މިއީ އާ ސިީޒަނަށް ލިބިފައިވާ އޯޑަރުތައް ނިންމަން އެޑިޑާސް ކުންފުނި އެންމެ ބިޒީވާ ދުވަސްވަރަށްވުމުން ކަމަށެވެ. މިހެންވެ އެމްބަޕޭގެ ނުވަ ނަންބަރު ޖާޒީތައް ތައްޔާރު ވިއްކޭނީ އަދި ފަހުން ކަމަށްވެ. މިކަމަށް މަދުވެގެން ހަތަރު ހަފުތާ ލަސްވެގެން ހަ ހަފުތާ ނަގާނެ ކަމަށްވެ އެވެ.
ޕީއެސްޖީ އާއި ފްރާންސްގެ ގައުމީ ޓީމުގައި 10 ނަންބަރުގައި ކުޅޭ ކުޅުންތެރިޔާ ރެއާލް މެޑްރިޑުގައި ބޭނުންކުރާނީ ނުވަ ނަންބަރު ޖާޒީ އެވެ. ސަބަބަކީ ރެއާލްގެ 10 ނަންބަރުގައި ކުޅެމުން އަންނަ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް ކޮންޓްރެކްޓް އާކޮށްފައިވާތީ އެވެ.
ރެއާލްގައި އަންނަ ސީޒަނުގައި ބައެއް ކުޅުންތެރިން ބޭނުންކުރާނެ ނަންބަރުތަކަށް ވަނީ ބަދަލުގެނެސްފަ އެވެ. މި ގޮތުން އެޑުއާޑޯ ކަމްވިންގާ ކުޅޭނީ ހަ ނަންބަރުގަ އެވެ. އުރުގުއޭގެ މިޑްފީލްޑަރު ފްރެޑްރިކޯ ވަލްވާޑޭ ކުޅޭނީ އަށް ނަންބަރު ޖާޒީގަ އެވެ. އައުރެލިއަން ޗުއާމެނީ ކުޅޭނީ 14 ނަންބަރުގަ އެވެ. އަދި ތުރުކީގެ ޒުވާން ކުޅުންތެރިޔާ އަރްދާ ގުލާ ކުޅޭނީ 15 ނަންބަރުގަ އެވެ.