ކ. މާލެ
|
11 ޖުލައި 2024 | ބުރާސްފަތި 15:17
ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މަގެއްގައި ހަލާކުވެފައިވާ އިމާރާތްތައް ހުރަސްކޮށް ބަޔަކު ހިނގާފައި ދަނީ
ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މަގެއްގައި ހަލާކުވެފައިވާ އިމާރާތްތައް ހުރަސްކޮށް ބަޔަކު ހިނގާފައި ދަނީ
އޭއެފްޕީ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ގާޒާ ސިޓީން ފަލަސްތީން މީހުން ނުކުތުމަށް މަޖްބޫރު ކުރުމަށް ފަހު، ނުކުމެގެންދާ މީހުން ގަޔަށް މަގުމަތިން ބަޑި ޖަހަނީ
ގަތަރުގައި ސުލްހައިގެ ވާހަކަތައް ކުރިއަށްދާ ކަމަށް ބުނި ނަމަވެސް، އިޒްރޭލުން ގެންދަނީ ހަމަލާތައް ވަރުގަދަ ކުރަމުން

އިޒްރޭލް ސިފައިންގެ އަމުރަށް ގާޒާ ސިޓީގެ ރައްޔިތުން އެ ސިޓީ ދޫކޮށް ދާން ފެށުމުން، މަގުމަތިން އެމީހުންގެ ގަޔަށް އިޒްރޭލް މީހުން ބަޑިޖަހާ މަރަމުންދާ ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

އަނެއްކޮޅުން، ތާލަ އަލް-ހަވާ އަށް ޔަހޫދީ ސިފައިން ދިން ހަމަލާގައި ފަލަސްތީނުގެ 30 މީހުން ވަނީ މަރުވެފައިވާ ކަމަށް ގާޒާގެ ސިވިލް ޑިފެންސް ފޯސް ގެ ތަރުޖަމާން އާ ހަވާލާ ދީ އަލް ޖަޒީރާ އިން ހާމަ ކޮށްފައިވެއެވެ.

ގަދަ ކަމުން ގާޒާ ވަޒަންވެރިން އެ ސިޓީން ނެރުމުން މަދުވެގެން 300،000 ފަލަސްތީނު މީހުން ހާލުގައި ޖެހިފައިވާ ކަމަށް އދ. ގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

ގަޒާގެ ދާޚިލީ ވުޒާރާއިން ބުނާ ގޮތުގައި ގާޒާ ސިޓީން މީހުން ނެރުމަކީ އިޒްރޭލުން ފަލަސްތީން މީހުން ނަފްސާނީ ގޮތުން ބަލި ކަށި ކުރުމަށް ހިންގާ ޖަރީމާއެކެވެ. ވަޒަނުން ނުކުމެގެން އެމީހުން ދާނެ އިތުރު ރައްކާތެރި ތަނެއް ނެތްކަމަށް ދާޚިލީ ވުޒާރާއިން ބުނެއެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައަށް 9 މަސް ފުރިގެން ދިޔައިރު ހަނގުރާމަ ނިމުމަކަށް އަތެވެދާނެ ކަމުގެ އުއްމީދެއް އަދިވެސް ފެންނާކަށް ނެތެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތައް ގަތަރުގައި ކުރިއަށް ދަނިކޮށް ވެސް މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ގާޒާގެ ސްކޫލް ތަކަށާއި، އދ ގެ އޮފީސްތަކަށް ހަމަލާ ދިނުމުގެ އިތުރުން އެތައް ސަތޭކަ ހާސް ފަލަސްތީން މީހުން އެމީހުންގެ ވަޒަނުން ނެރެ އިޒްރޭލުން ގެންދަނީ ބޭރު ކުރަމުންނެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 38،295 މީހުން ވަނީ މަރުވެފައެވެ. ފަލަސަތީނުން ޒަޚަމްވީ މީހުންގެ އަދަދު 88،241ށް ވަނީ އަރާފައެވެ. ހަމާސްގެ ހަމަލާގައި އެ މުއްދަތުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް