ޝަހީމްގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް އަށް މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ސަރުކާރުން ދެއްވި އިސް މަގާމާއި ޝަހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ޝިފާޒް އަލީ ސައީދަށް ދެއްވި ޓޫރިޒަމް މިނިސްޓްރީގެ ނައިބު ކަމުގެ މަގާމާއި އަނބިކަނބަލުން ފާތިމަތު އާފިޔާ އަށް ދެއްވާފައިވާ ބޯޑު މެމްބަރު ކަމުގެ މަގާމު އޭނާ ދިފާއު ކުރައްވައިފިއެވެ.
އާންމުންގެ ފާޑުކިޔުން ވަޒީރު ޝަހީމަށް މިކަމާ ގުޅިގެން ވަރަށް ބޮޑަށް އަމާޒުވުމުން އެމަނިކުފާނު ވިދާޅުވީ، އޭނާގެ އާއިލާގެ މެމްބަރަކު ކިޔަވައިގެން ހުރި ދާއިރާ އަކުން ޚިދުމަތް ކުރަން ލިބޭ ފުރުސަތަކީ ނާޖާއިޒް ގޮތުގައި ހޯދޭ ފުރުސަތެއް ނޫން ކަމުގައެވެ.
"އަޅުގަނޑުގެ ދަރިޔަކު، ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުސަތަކީ އަޅުގަނޑު ނާޖާއިޒް ގޮތުގައި ހޯދައިދޭނެ ފުރުސަތެއް ނޫން. ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ސޯޝަލް މީޑިއާ ގައި ޝަހީމް ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވި އެވެ.
ވަޒީރު ޝަހީމް ގެ އާއިލާގެ ބޭފުޅުންނަށް މަތީ މަގާމުތައް ލިބެނީ އެބޭފުޅުންގެ ގާބިލް ކަމާ ތަޖުރިބާގެ ސަބަބުން ކަމަށް ދޭހަވާ ގޮތައް ސޯޝަލް މީޑިއާ ގައި އޭނާ ވާހަކަ ދެއްކެވިއިރު، މަތީ ތައުލީމީ ފާސްތައް ހާސިލް ކޮށްގެން ތިބި އެތައް ދިވެހިންނެއް އެކަށީގެންވާ ވަޒީފާއެއް ނުލިބިގެން އުޅެމުން ދާކަން ފާހަގަ ކުރެވެއެވެ.
ޝަހީމްގެ ފިރިހެން ދަރިފުޅާ އެއްބަނޑު އެއްބަފާ ކޮއްކޮ އަށް މަތީ މަގާމުތައް ހަމަޖެހިފައި ވާއިރު ޝަހީމުގެ އަނބިކަނބަލުން ފާތިމަތު އާފިޔާ އަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެމްބަރުކަން ދެއްވާފައި ވުމާއެކު ޑރ. މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޝަހީމް ހިމެނޭ ގޮތުން އެމަނިކުފާނުގެ އާއިލާގެ 4 ބޭފުޅުންނަށް މިހާރު ރައްޔިތުންގެ ޓެކްސް ފައިސާ އިން އާމްދަނީ ލިބިވަޑައިގަންނަވައެވެ.