ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒަށް ސަނާ ނުކިޔޭ ގޮތައް އެއްވެސް ކަމެއް މަޖިލީހަށް ހުށަހަޅަން ސަރުކާރު މެމްބަރުން ބޭނުމެއް ނުވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ރައްޔިތުން މަޖިލީސް ކުރާ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ސަނާ ކިޔުން އޮންނަނީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މެމްބަރުންނަށް އަންގާފައި ކަމަށެވެ.
ސަރުކާރު ތަމްސީލް ކުރާ މެމްބަރުންނަށް ޓޯކިންގ ޕޮއިންޓްސް ދީފައި އޮންނަނީ، ރައީސަށް ޝުކުރު އަދާކުރުމާއި، ސަރުކާރަށް ޝުކުރު އަދާ ކުރުމާއި، ދެން ބިލް ނޫނީ ގަރާރު ހުށަހެޅި އެ ޕާޓީގެ މެމްބަރަކަށް ޝުކުރު އަދާ ކުރުމުގެ އިތުރުން ކުރީ ސަރުކާރަށް އެއްޗެހި ކިޔުމުގެ ގޮތުން ބުނާ ދެތިން އެއްޗެއްގެ މައްޗަށް ކަމަށް ނާޒިލް ފާހަގަ ކުރެއްވިއެވެ.
"މި ނޫން ގޮތަކަށް އޮންނަ ކަމެއް ވިއްޔާ ގަބޫލެއް ނުކުރޭ،" ނާޒިލް ވިދާޅުވިއެވެ.
ނާޒިލް މި މޭރުމުން ވާހަކަ ފުޅު ދެއްކެވި އިރު، ހޯމަ ދުވަހުގެ ޖަލްސާއަށް ސަރުކާރުގެ ސްކޮލަޝިޕްތަކާއި ސްޓޫޑެންޓް ލޯނުގައި ބޭރުން ކިޔަވާ ދަރިވަރުންނަށް ފައިސާ ދިނުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ވަނީ ބޭރު ކޮށްލައިފައެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 12 މެންބަރުންނެވެ.
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ރައްޔިތުންނާ ގުޅުން ހުރި ކުއްލި މައްސަަލަތައް މަޖިލީހަށް ހުށަހަޅާތީ، އެއީ ބޭކާރު ކަމެއްގެ ގޮތުގައި ސިފަކޮށް، އެފަދަ މައްސަލަތައް ހުށަހެޅުން އިތުރަށް ދަތިވާ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލު ކުރުމަށް ބާރު ލިބޭ ގޮތައް ސަރުކާރު ތަމްސީލް ކުރާ މެމްބަރުން ވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަަކަ ދައްކަވާފައެވެ.