ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 08:17
ސްޕޭނުގެ އަލްވާރޯ މޮރާޓާ
ސްޕޭނުގެ އަލްވާރޯ މޮރާޓާ
ގޫގުލް
ޔޫރޯ 2024
ދެން ގައުމީ ޓީމާއި ސްޕޭނުގައި ވެސް ނުކުޅޭނަން: މޮރާޓާ
އޭނާ ބުނީ ގައުމީ ޓީމަށް ކުޅެން ބޭނުން ނުވަނީ ސްޕޭނުގައި އޭނާ އަށް އިހްތިރާމް ނެތުމުން ކަމަށް.

ސްޕޭނުގެ ގައުމީ ޓީމަށް ކުޅޭނެ ފަހު މުބާރާތަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކަމަށާއި ދެން ސްޕޭނުގައި ވެސް ކުޅެން ބޭނުންނުވާ ކަމަށް ފޯވަޑް އަލްވާރޯ މޮރާޓާ ބުނެފި އެވެ.

މިރޭ ކުޅޭ މުބާރާތުގެ ސެމީ ފައިނަލް މެޗަށް މޮރާޓާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއީ ދެ ރީނދޫ ކާޑު ހަމަވެފައިވާތީ އެވެ. ސްޕޭނުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މޮރާޓާ އަށް ރީނދޫ ކާޑު ދެއްކީ ފުރަތަމަ 11ގައި ކުޅެން ނުކުތުމަށްފަހު ބަދަލުކޮށް، ބެންޗުގައި އިންދަ އެވެ.

އޭނާ ބުނީ ގައުމީ ޓީމަށް ކުޅެން ބޭނުންނުވަނީ ސްޕޭނުގައި އޭނާ އަށް އިހްތިރާމް ނެތުމުން ކަމަށެވެ. އަދި ސްޕޭން ނޫން ގައުމެއްގައި ކުޅެން ބޭނުންވަނީ އެހެން ގައުމެއްގައި ކުޅެން ފެށުމުން އޭނާ އަށް އުފާވެރިކަން އިހުސާސްކުރެވޭތީ ކަމަށެވެ.

ސްޕޭނުގައި އަހަރެންނާއި އަހަރެންގެ އާއިލާއާމެދު ކަންތައްތައް ކުރަނީ ރަނގަޅަކަށްނޫން. އަހަރެން އުފަލެއްނުވޭ. މިހެންވެ އަހަރެން ބޭނުންވަނީ އެހެން ގައުމެއްގައި ފުޓްބޯޅަ ކުޅެން. ސްޕޭނަށްވުރެ އަހަރެން އުފާވޭ އެހެން ގައުމުތަކުގައި ކުޅޭއިރު
ސްޕޭނުގެ ކެޕްޓަން އަލްވާރޯ މޮރާޓާ

ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ ޗެލްސީ އާއި އިޓަލީގެ ޔުވެންޓަސްގައި ވެސް ކުޅުނު ފޯވަޑް މިހާރު ކުޅެމުން ދަނީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑަށެވެ.

އޭނާގެ ވާހަކަތަކާ ބެހޭ ގޮތުން ސްޕޭނުގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ބުނީ އެވާހަކަތަކަށް އެއްބަސްވެވޭ ކަމަށެވެ.

އެއީ ތެދެއް. ސްޕޭނުގައި އޭނާއާ މެދު ކަންކަން ކުރެވެނީ ރަނގަޅަކަށްނޫން. ސަޕޯޓަރުން އޭނާގެ އަގު ވަޒަން ކުރަންޖެހޭ. އޭނާ ކޮންމެ ގޮތަކަށް ނިންމިއަސް އަހަރެންގެ މައްސަލައެއްނެތް. ގައުމީ ޓީމުގެ ދޮރު ބަންދެއްނުވާނެ
ސްޕޭނުގެ ކޯޗު ލުއިސް ޑެލަފުއެންޓޭ

މޮރާޓާ ބުނީ ޖަރުމަނު މެޗަށް ފަހު އޭނާ ރުއީ ޓީމު ސެމީ ފައިނަލަށް ދިއުމުން އުފަލުން ކަމަށެވެ. ނަމަވެސް ސްޕޭނުގެ މީޑިއާތަކުން އޭނާ އަށް މަލާމާލްކުރީ ދެ ރީނދޫ ކާޑު ހަމަވުމުން ރުއީ ކަމަށް ބުނެ ކަމަށާއި މިފަދަ ކަންކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް