ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސާ ދެކޮޅަށް ސްޕޭނުގެ ތިން ކުޅުންތެރިއަކަށް ނުކުޅެވޭނެހެން ސަސްޕެންޑްކޮށްފި އެވެ.
މި ތިން ކުޅުންތެރިންނަކީ ދެ ޑިފެންޑަރުން ކަމަށްވާ ޑެނީ ކަވަހާލް އާއި ރޮބިން ލެ ނޯމަންޑް އާއި ފޯވަޑް އަދި ކެޕްޓަން އަލްވާރޯ މޮރާޓާ އެވެ. މީގެ އިތުރުން ޖާމަނީ މެޗުގައި އަނިޔާވެގެން ބޭލި ސްޕޭނުގެ މިޑްފީލްޑަރު ރޮޑްރީ އަށް ވެސް މި މެޗުގައި ނުކުޅެވޭނެ އެވެ.
ސްޕޭން ޓީމުގައި ސަސްޕެންޝަނުގެ މައްސަލަ ބޮޑަސް ފްރާންސް ޓީމުގައި މިފަދަ މައްސަލައެއްނެތެވެ. އެޑްރިއަން ރަބިއޯ މި މެޗަށް ނުކުންނާނީ ސަސްޕެންޝަނެއް ނިންމާފަ އެވެ.
މި މުބާރާތުގައި ސްޕޭން ޓީމުން އެންމެ ބޮޑަށް ވިދަމުން އަންނަ ކުޅުންތެރިއަކީ ޗެކްސީގެ މާކް ކުކުރޭޔާ އެވެ. އޭނާ ބުނީ މުހިންމު ދެ ޑިފެންޑަރުން ނެތަސް ފްރާންސްގެ ފޯވަޑުން ހުއްޓުވާނެގޮތް އެނގޭ ކަމަށެވެ.
އަހަރުމެންނަކީ ޓީމު މޭޓުންނަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން ތައްޔާރަށްތިބި އެކުވެރި ބައެއް. އެއީ އަހަރުމެންގެ ކާމިޔާބީގެ އަސްލަކީ ވެސްސްޕޭނުގެ ޑިފެންޑަރު މާކް ކުކުރޭޔާ
އޭނާ ބުނީ މުބާރާތުގައި ސްޕޭން ޓީމު ވަނީ ކިތަންމެ ގަދަ ޓީމެއް ވެސް ބަލިކުރެވޭނެކަން ސާބިތުކޮށްދީފައި ކަމަށެވެ. މިހެންވެ ފްރާންސާ ދެކޮޅަށް ސްޕޭން ނުކުންނާނީ ފުރިހަމަ އިތުބާރާއެކުގައި ކަމަށެވެ.
އަހަރުމެން ޓީމަކީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންނާއި ވަރަށް ދުވަސްވީ ކުޅުންތެރިން ހިމެނޭ މިކްސްއެއް. އެންމެންވެސް ޓީމުގައި ތިބެނީ ވަރަށް އުފަކުން. އެންމެން އުޅެނީ އާއިލާއެއް ފަދައިން. މިހެންވެ އަހަރުމެންގެ އިތުބާރު ބޮޑުސްޕޭނުގެ ޑިފެންޑަރު ކުކުރޭޔާ
މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ކުޅޭނީ މާދަމާ ރޭ އިނގިރޭސިވިލާތާއި ނެދަލޭންޑްސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.