ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 08:43
އިސްރާއީލުން ޔޫއެން ސްކޫލަށް ދިން ހަމަލާގައި ބިމާ ހަމަކޮށްފައިވާ އެ އިމާރާތުގެ ތިރީގައި ނުސީރަތު ކޭމްޕުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެއްވެފައި
އިސްރާއީލުން ޔޫއެން ސްކޫލަށް ދިން ހަމަލާގައި ބިމާ ހަމަކޮށްފައިވާ އެ އިމާރާތުގެ ތިރީގައި ނުސީރަތު ކޭމްޕުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެއްވެފައި
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ ސްކޫލަކަށް ޔަހޫދީ ސިފައިން ދިން ހަމަލާގައި އެތައް ބަޔަކު މަރުވެ ހޮސްޕިޓަލް ތޮއްޖެހިފައި
ހޮނިހިރު ދުވަހު އިޒްރޭލުން ގާޒާގެ ސްކޫލަކަށް ދިން ހަމަލާގައި، 16 މީހުން މަރުވެ، 75 މީހުން ވަނީ ޒަޚަމްވެފައެވެ. ހަމަލާތަކުގައި ފަލަސްތީނުގެ 5 ނޫސްވެރިން ވެސް ވަނީ މަރުވެފައެވެ.

ގާޒާގެ ސްކޫލަކަށް ޔަހޫދީ ސިފައިން ހޮނިހިރު ދުވަހު ދިން ނުރައްކާތެރި ހަމަލާގައި 16 މީހުން މަރުވެ، 75 މީހުން މީހުން ޒަޚަމްވެ، ގާޒާ ގައި ހުންނަ އަލް މާޓިއާޒް ހޮސްޕިޓަލް ތޮއްޖެހިފައި ވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މި ހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިންނަށް ވަނީ ޒަޚަމްތައް ލިބިފައެވެ.

ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފައިވަނީ، ހަމަލާ ގައި ޒަޚަމްވީ ތުއްތު ކުދިން ފަރުވާ ދިނުމަށް ހޮސްޕިޓަލްގެ ތަޅުން މަތީ ބައިތިއްބަން ޖެހިފައިވާ ވަރަށް ހޮސްޕިޓަލަށް ބާރު ބޮޑުވެފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު ގާޒާ އަށް ޔަހޫދީ ސިފައިން ދިން ހަމަލާ ތަކުގައި ފަލަސްތީނުގެ 5 ނޫސްވެރިން ވެސް މަރުވެފައިވާ ކަމަށް ގާޒާގެ މީޑިއާ އޮފީހުން ހާމަ ކޮށްފައިވެއެވެ. އެއާ އެކު އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އަދަދު 158ށް ވަނީ އަރާފައެވެ.

އަނެއްކޮޅުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސް ވުމަކަށް އާދެވޭތޯ ހަމާސް އިން ހުށަހަޅާފައިވާ ހުށަހެޅުމުގައި މިހާތަނަށް އެއްގަލަކަށް ނޭރި ހުރި ކަންކަމަށް މަޝްވަރާ ކުރުމަށް އިޒްރޭލާއި އެމެރިކާގެ ވަފުދެއް މިސްރުގައި ބައްދަލު ކުރަން ހަމަ ޖެހިފައިވާ ކަމަށް އަލް ގާހިރާ ޓީވީ އާ ހަވާލާދީ އަލް ޖަޒީރާ އިން ވަނީ ބުނެފައެވެ. ހަމާސްގެ ފުރަތަމަ ހުށަހެޅުމުގައި ހުރ ބައެއް ކަންކަމަށް ލުއި ދިނުމަށް އެ ޖަމާއަތުން އެއްބަސްވެފައިވާ ކަމަށްވެސް އެސޯސިއޭޓެޑް ޕްރެސް އިން ވަނީ ބުނެފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް އަރާ ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް މަރުވި މީހުންގެ އަދަދު 38،098ށް އަރާފައި ވާއިރު ޒަޚަމްވި މީހުންގެ އަދަދު 87،705ށް ވަނީ އަރާފައެވެ. ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް