ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 10:07
ޑރ. ޖަމީލް - ޑރ. ޖަމީލް ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ވަރަށް ބޮޑަށް އޮތީ ކަރަޕްޝަން ކަމުގައި
ޑރ. ޖަމީލް - ޑރ. ޖަމީލް ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ވަރަށް ބޮޑަށް އޮތީ ކަރަޕްޝަން ކަމުގައި
ޕީޕީއެމް
ޕީއެންއެފް ޖަލްސާ
ރައީސް ޔާމީނަށް އެންމެ ބޮޑު ހަމަލާ އެއް ދިނީ މުއިއްޒު: ޑރ. ޖަމީލް
ޑރ.މުއިއްޒު ހިންގަވަމުން ގެންދަވަނީ ކްރޮނިޒަމް އާއި ނިޕޮޓިޒަމް
މުޅި ދައުލަތް އޮތީ އަބްދުއް ރަހީމަށް ފައިދާވާ ގޮތައް
ސަރުކާރުން ހިންގާ ކަރަޕްޝަންގެ ހުރިހާ ބުރައެއް އުފުލަން ޖެހެނީ ރައްޔިތުން

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އެންމެ ބޮޑު އަނިޔާ އެއް ނުވަތަ ހަމަލާ އެއް ދިނީ މިހާރު ރައީސް ކަމުގައި ހުންނެވި ޑރ. މުއިއްޒު ކަމަށް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމީން އަށް އެންމެ ބޮޑު އަނިޔާ ދިން ފަރާތަކީ ޑރ. މުއިއްޒު ކަމަށް ވިދާޅުވަމުން އެ އަނިޔާ ޑރ. ޖަމީލް ސިފަކުރެއްވީ އެއީ ، "ހޮޅިން ދިން ފަދަ ހަމަލާ" އެއް ކަމަށެވެ.

"ރާއްޖޭގެ ތާރީޚްގައި އެންމެ އުނދަގޫ ކުރި އެއް ބަޔަކީ ހޮޅިން....ހަމަ އެފަދަ ބޮޑު ހަމަލާ އެއް ހޮޅިން ދިން ފަދަ ހަމަލާއެއް، ރައީސް ޔާމީނަށް ޕީއެންސީ ގެ ފަރާތުން މުއިއްޒު ދީފައިވަނީ،" ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ވަރަށް ބޮޑަށް އޮތީ ކަރަޕްޝަން ކަމުގައެވެ. އަދި އެކަންކަން ބެލޭނެ ގޮތެއް ވެސް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އާއިލީ މީހުންނަށް ކަންކަން ކޮށްދިނުމާއި، ވަޒީފާތަކަށް އާއިލީ މީހުން ހަމަޖެއްސުން ޑރ. މުއިއްޒުގެ ވެރިކަމުގައި އޮތީ ވަރަށް ބޮޑަށް އަށަގެންފައި ކަމަށް ދޭހަވާ ގޮތައް ޑރ ޖަމީލް ވަނީ މިސާލު ޖައްސަވަމުން ވިދާޅުވެފައެވެ.

މަގޫދޫ ގައި އެއަރޕޯޓް އޮއްވާ ނިލަންދޫގައި އެއަރޕޯޓް އަޅާ، ނިލަންދޫ މީހުންނަށް އެތައް ވަޒީފާ އެއް ދީ މި ހުރިހާ ކަމެއް ކުރެއްވީ ގައުމުގެ މާލީ ހާލަތު ދަށުގައި އޮއްވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"އަމިއްލަ ކޮއްކޮ ހޮވުމަށްޓަކައި، އަމިއްލަ ކޮއްކޮ އެތަނުން އިންތިޚާބު ކުރުމަށްޓަކައި، ކޮށްލިހާ ވަރު މި ދައްކަނީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ މިހެން ކުރެވޭ ހުރިހާ ޚަރަދެއްގެ ބުރަ އުފުލަން ޖެހެނީ ރައްޔިތުން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ބައެއްގައި ރާއްޖޭގެ ނައިބު ރައީސް ކަމުގެ މަގާމް އަދާ ކުރެއްވި، ޑރ. ޖަމީލުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ މަގާމުގައި މިހާރު ހުންނެވި އަބްދުއް ރަހީމަށް ނިސްބަތް ކުރައްވާ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ފުޅު ދެއްކެވިއެވެ.

ޑރ. ޖަމީލް ސިފަކުރެއްވި ގޮތުގައި މުޅި ސަރުކާރު އޮތީ އަބްދުއް ރަހީމަށް ފައިދާވާ ގޮތަށް ކަމަށެވެ.

"އަބްދުއް ރަހީމްގެ ބޭބެ ވަރިކުރި މީހާއަށް ވެސް ވަޒީފާ، އޭނާގެ އަންހެން ދަރިފުޅު މެލޭޝިއާގައި، ފިރިހެން ދަރިފުޅު ފައިސަލް މިނިސްޓަރު،" އޭނާ ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒު ގައުމު ހިންގަވަން އުޅުއްވާ ތަނެއް ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ޕީއެންސީ ތެރޭގައި ޑރ.މުއިއްޒު ހިންގަވަމުން ގެންދަވަނީ ކްރޮނިޒަމް އާއި ނިޕޮޓިޒަމް އޮތް ކަމަށާއި، އަކަން ކުރައްވަނީ އަބްދުއް ރަހީމަށް ޓަކައި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލުގެ ވާހަކަފުޅުގައި ރަސްމާލެ ހިއްކުމަށް މަސައްކަތް ހަވާލު ކުރުމުގައިވެސް އޮތީ ވަރަށް ބޮޑަށް ކަރަޕްޝަން އެކުލެވިފައި ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލްތައްވެސް ހާމަ ކުރެއްވިއެވެ.

ޕީއެންއެފް ގެ މި ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް