ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިންއިން ވާދަވެރި އޭ.އެސް މޮނާކޯއަށް ކުޅެމުންދާ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ގެންދަން މަސައްކަތް ކުރަން ފަށައިފިއެވެ.
މީޑިއާ ރިޕޯރޓްތަށް ބުނާގޮތުން ޕީ.އެސް.ޖީއިން އެމްބާޕޭ ގެންދިއުމަށް 180 މިލިއަން ޔޫރޯ ބިޑު ކުރާނެއެވެ. އެހެންނަމަވެސް ޔުއެފާގެ ފައިނޭންޝަލް ފެއާ ޕްލޭގެ ގަވާއިދުގެ ދަށުން އެޓީމަށް މިވަރުގެ އަގެއް ހުށަނޭޅޭނެކަމަށް ގިނަ ބަޔަކު ގަބޫލްކުރެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޕީ.އެސް.ޖީގެ ރައީސްވަނީ ސީދާ އެމްބާޕޭއާ ބައްދަލުކޮށް އޭނާ ޕީ.އެސް.ޖީއަށް ގެންދިއުމަށް މަސައްކަތްކުރަމުން ދާކަމަށް ބުނެފައެވެ.
ޕީ.އެސް.ޖީއިން ވަނީ ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން ދިޔަ ބްރެޒިލްގެ ކެޕްޓަން ނޭމާ، ދުނިޔޭގެ ރިކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް، އެޓީމަށް ގެންގޮސްފައެވެ. މީގެ އިތުރުންވެސް އެޓީމުންވަނީ ބްރެޒިލްގެ ޑިފެންޑަރ ޑެނީ އަލްވޭސްވެސް ގެންގޮސްފައެވެ.
އެމްބާޕޭ ގެންދިއުމަށް މެންޗެސްޓާ ސިޓީއާއި ރެއާލް މެޑްރިޑްގެ އިތުރަށް ބާސެލޯނާއިންވެސް މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތަށް ބުނެއެވެ.
އުމުރުން 18 އަހަރުގެ އެމްބާޕޭވަނީ މޮނާކޯއަށް ކުޅުނު 41 މެޗުގައި 16 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުންވެސް ފަރަންސޭސި ގައުމީ ޓީމަށްވެސް އޭންވަނީ ހަތަރު މެޗު ކުޅެދީފައެވެ.