ކ. މާލެ
|
3 ޖުލައި 2024 | ބުދަ 15:04
ޔޫކްރެއިން ރަޝިއާ ހަނގުރާމަ - ޔޫކްރެއިނަށް ފޯރުކޮށްދޭ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް (ފައިލް ފޮޓޯ)
ޔޫކްރެއިން ރަޝިއާ ހަނގުރާމަ - ޔޫކްރެއިނަށް ފޯރުކޮށްދޭ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް (ފައިލް ފޮޓޯ)
ރޮއިޓާސް
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ބިމުން އެއްވެސް ބައެއް ގެއްލޭ ގޮތައް ޔޫކްރެއިނުން އޮތީ ރަޝިއާ އަށް ދޫކުރާ ގޮތަކަށް ނޫން: އޮފިޝަލް
ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވެފައިވަނީ، ސުލްހައިގެ ވާހަކަތައް ފެށުމަށް ރަޝިއާ އިން ހިފާފައިވާ ބިންތަކުން ޔޫކްރެއިން ސިފައިން ފައިބައިން ޖެހޭނެ ކަމަށެވެ.

ޔޫކްރެއިންގެ ބިމުން އެއްވެސް ބައެއް ގެއްލޭ ގޮތައް އެ ގައުމުން ރަޝިއާ އަށް ދޫ ނުދޭނެ ކަމަށް ޔޫކްރެއިންގެ އިސް އޮފިޝަލަކު ހާމަ ކޮށްފިއެވެ.

ޔޫކްރެއިންގެ ރައީސް ވުލެޑެމިއަރ ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އަންދްރީ ޔަރްމަކް މިހާރު ވޮޝިންގޓަން އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާ-ޔޫކްރެއިން ހަނގުރާ އިސާހިތަކު ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވަމުން ގެންދަވާތީ އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ސުލްހަ ހޯދުމަށް ރަނގަޅު ކޮންމެ ލަފައެއް ޔޫކްރެއިން އިން އަޑު އަހާނެ ކަމަށާއި ނަމަވެސް ހަނގުރާމަ ނިންމުމުގެ ބޭނުމުގައޭ ބުނެ ޔޫކްރެއިންގެ ބިމުން ބައެއް ރަޝިއާ އަށް ދޫކޮށްލަން އެ ގައުމުން އެއްބަސް ނުވާނެ ކަމަށެވެ.

ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރާފައިވަނީ ފެބްރުއަރީ 2022 ގައެވެ.

ޔަރްމަކް ވޮޝިންގޓަން އަށް މި ކުރައްވާ ދަތުރަކީ އަންނަ ހަފްތާގައި ވޮޝިންގޓަން ގައި ފެށޭ ނޭޓޯގެ އަހަރީ ޖަލްސާގައި ބައިވެރިވުމުގެ ގޮތުން ކުރައްވާ ދަތުރެކެވެ. ނޭޓޯގެ މެމްބަރުންގެ މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް އައިޓަމަކަށް އޮތީ ޔޫކްރެއިންގެ މައްސަލަ ކަމަށް ޚަބަރުތައް ބުނެއެވެ.

ހުސްވި ހަފްތާގައި އޮތް އެމެރިކާގެ ރިޔާސީ ބަހުސްގައި މިހާރުގެ ރައީސް ބައިޑްން އަށް ޗެލެންޖް ކުރައްވަމުން ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ވާދަ ކުރައްވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އޭނާ އިންތިޚާބު ވެއްޖެ ނަމަ ޖެނުއަރީ މަހު އޮފީހާ ހަވާލު ވުމުގެ ކުރިން ޔޫކްރެއިން ގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

ޓްރަމްޕް އެކަން ކުރައްވާނެ ގޮތުގެ ތަފްސީލް ދެއްވާފައި ނުވި ނަމަވެސް، ރޮއިޓާސް އިން ހާމަ ކޮށްފައިވާ ގޮތުގައި ޓްރަމްޕް ގެ އިސް ދެ މުޝީރަކު އޭނާ އަށް ލަފާ އަރުވާފައިވަނީ، ޔޫކްރެއިން އިން ރަޝިއާ އާ އެކު ސުލްހައިގެ ވާހަކަ ތަކަށް އެއްބަސް ނުވެއްޖެ ނަމަ އެމެރިކާ އިން ޔޫކްރެއިނަށް ދެމުން އަންނަ އެހީ ހުއްޓާލުމަށެވެ.

ރަޝިއާގެ ރައީސް ވުލެޑެމިއަރ ޕުޓިން ވިދާޅުވެފައިވަނީ، ސުލްހައިގެ ވާހަކަތައް ފެށުމަށް ރަޝިއާ އިން ޔޫކްރެއިން އިން މިހާރު ހިފާފައިވާ ބިންތަކުން ޔޫކްރެއިން ސިފައިން ފައިބަން ޖެހޭނެ ކަމަށެވެ. ޔޫކްރެއިންގެ އުތުރާއި ދެކުނު ގައިވާ ހަތަރު ސަރަހައްދެއް ރަޝިއާ އިން ދެކެނީ އެއީ ރަޝިއާގެ ބިންތަކުގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް