ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 22:08
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ރާއްޖޭގެ މާލީ ހާލަތު
ގައުމިއްޔަތައް ބޮޑު ޚަރަދެއް ޑރ. މުއިއްޒުގެ ސަރުކާރުން ކޮށްފި
ގައުމިއްޔަތު ކޮލެޖަށް 50 ކޮންސަލްޓަންޓުން އައްޔަން ކުރި
570 މިލިއަން ރުފިޔާ ޑްރޯން ގަންނަން ޚަރަދު ކުރި
ދައުލަތުގެ މަހު މުސާރައަށް 700 މިލިއަން ޚަރަދުވޭ

ގައުމިއްޔަތު މިނިސްޓްރީގެ ނަމުގައި މިނިސްޓްރީ އެއް އުފައްދާ އެތަނަށް ސިޔާސީ އެތައް މަގާމަކަށް މީހުން އައްޔަން ކޮށްފައި ވަނިކޮށް، އޭގެ އިތުރުން ގައުމިއްޔަތު ކޮލެޖްގެ ނަމުގައި އައު މުއައްސަސާ އެއް ކޮލެޖެއްގެ ނަމުގައި ހަދައި އެތަނަށް 50 ކޮންސަލްޓަންޓުން ޑރ. މުއިއްޒުގެ ސަރުކާރުން އައްޔަން ކުރުމަކީ، ހިންގުމުގެ ޚަރަދު މައްޗަށް ދިޔަ އެއް ސަބަބު ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޚަރަދުތައް މައްޗަށް ދާ ސަބަބުތަކާ ބެހޭ ގޮތުން، ހޮނިހިރު ދުވަހު ހަވީރު މޯޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމް ކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ޚަރަދު ކުރެވޭނެ ޖާގަ ނެތް ނަމަވެސް ޑރ. މުއިއްޒުގެ ސަރުކާރުން ޚަރަދުތައް ދިޔައީ ބޮޑު ކުރަމުން ކަމަށެވެ.

ރައީސް ސާލިޙްގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އޭނާ ވިދާޅުވީ ސަރުކާރުން ދިޔައީ ހާލަތާ ނުބައްދަލު ބޭކާރު ހަރަދުތަކެއް ކުރަމުން ކަމަށް - ރާއްޖެއެމްވީ

އެ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ބަޖެޓްގައި ފާސް ކޮށްފައި ނެތް ރަސްމާލެ މަޝްރޫއު ފެށުމާއި، 570 މިލިއަން ރުފިޔާ ހޭދަކޮށް ޑްރޯން ގަތުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން 50 މިލިއަން ރުފިޔާ ހޭދަ ކޮށްގެން އީދު ފާހަގަ ކުރުމާއި، އެކި އެކި އިހްތިފާލް ތަކާއި އިވެންޓްތައް ޚަރަދު ބޮޑުކޮށް ބޭއްވުން ހިމެނޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މި ސަރުކާރުން ސިޔާސީ މަގާމުތައް 2000ށް ވުރެ ގިނަ ކުރުމުގެ އިތުރުން ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކޮށް، މަހު މުސާރައިގެ ގޮތުގައި ދައުލަތުން 700 މިލިއަން ރުފިޔާ ހޭދަ ވާކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، ގައުމީ ޗާޕް ޚާނާ ފަދަ މި ވަގުތައް މުހިންމު ކަން ކުޑަ އޮފީސްތައް ހަދާ އެތަންތަނަށް މުވައްޒަފުން ނެގުން ފަދަ އިސްރާފު ބޮޑު ޚަރަދުތައް ޑރ. މުއިއްޒުގެ ސަރުކާރުން ކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ކަމަށް ވިދާޅުވެ ޑރ. މުއިއްޒު ވަނީ ސަރުކާރުން ބާއްވާ ހަފްލާތައް ކުރިއަށް އޮތްތާނގައި ނުބާއްވާ ގޮތައް ހަމަ ޖައްސަވާ އެކަން އާންމު ކުރައްވާފައެވެ. އަމީރު ވިދާޅުވީ، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަފްލާ މިހާރު ނުބާއްވާ ގޮތައް ހަމަ ޖެއްސި ނަމަވެސް، މިހާރު އެ ކަމަށް އޮންނާނީ ޚަރަދުތަކެއް ހިނގާފައި ކަމަށެވެ.

އަނެއްކޮޅުން، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ޝާއިއު ކޮށްފައިވާ ޖޫން މަހުގެ "އިކޮނޮމިކް އަޕްޑޭޓް" އިން ފެންނަ ގޮތުގައި މި އަހަރުގެ މާޗް މަހު ދައުލަތުން ކުރި ޖުމްލަ ޚަރަދު، ކުރީ އަހަރުގެ މާޗް މަހު ކުރި ޚަރަދަށް ވުރެ 115.3 މިލިއަން ރުފިޔާ އިތުރު ވެފައި ވާކަން ވަނީ ހާމަވެފައެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ އިތުރުވެގެން ދިޔައީ ރިކަރެންޓް ޚަރަދު ތައް ކަމަށެވެ.

މިއަހަރުގެ މާޗް މަހު ރިކަރަންޓް ޚަރަދުތަކުގެ ގޮތުގައި ޚަރަދު ކުރި މިންވަރު 559.8 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ކޮމެންޓް