ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 16:01
އީރާންގެ ކުރީގެ ޓޮޕް ނެގޯޝިއޭޓަރ ސައީދު ޖަލީލީ އާއި ކުރީގެ ހެލްތް މިނިސްޓަރ މަސްއޫދު ޕެޒެޝްކިއަން
އީރާންގެ ކުރީގެ ޓޮޕް ނެގޯޝިއޭޓަރ ސައީދު ޖަލީލީ އާއި ކުރީގެ ހެލްތް މިނިސްޓަރ މަސްއޫދު ޕެޒެޝްކިއަން
އޭޕީ
އީރާންގެ ރިޔާސީ އިންތިޚާބު
އީރާނުގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް
ހޮނިހިރު ދުވަހު އީރާނުގެ ގައުމީ ޓީވީން ވަނީ އިންތިޚާބުގެ ނަތީޖާ އިއުލާން ކޮށްފައެވެ. މި އިންތިޚާބުގައި 24.5 މިލިއަން މީހުން ވޯޓުލާފައިވެއެވެ.

އީރާނުގައި ހުކުރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރެވޭ މިންވަރަށް ވޯޓު ނުލިބުމުން އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ކަމަށް އީރާނުގެ އިންތިޚާބާ ބެހޭ އޮފީހުގެ ތަރުޖަމާނު ހާމަ ކޮށްފިއެވެ.

ހޮނިހިރު ދުވަހު އީރާނުގެ ގައުމީ ޓީވީން ވަނީ އިންތިޚާބުގެ ނަތީޖާ އިއުލާން ކޮށްފައެވެ.

އިންތިޚާބާ ބެހޭ އޮފީހުގެ ތަރުޖަމާނު މުހްސިން އިސްލާމީ ހާމަ ކުރި ގޮތުގައި 24.5 މިލިއަން މީހުން އިންތިޚާބުގައި ވޯޓު ލައިފައިވެއެވެ.

އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނު ކުރީގެ ސިއްހަތާ ބެހޭ ވަޒީރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަސްއޫދު ޕެޒެޝްކިއަން އަށް ލިބުނީ 10.4 މިލިއަން ވޯޓެވެ. އެއީ 42.45 އިން ސައްތަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ އީރާނުގެ ކުރީގެ ނިކުލިރަ ކަންކަމާ ބެހޭ އިސް ނިގޯޝިއޭޓަރ ސައީދު ޖަލީލީ އަށެވެ. އޭނާ އަށް ލިބުނީ 9.4 މިލިއަން ވޯޓެވެ. އީރާނުގެ އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް މަދުވެގެން 50 އިންސައްތައިގެ އިތުރަށް އެއް ވޯޓު ހޯދަން ޖެހެއެވެ.

ކުރިން ބެލެވިފައި އޮތް ގޮތާ ޚިލާފަށް ހުކުރު ދުވަހުގެ އިންތިޚާބުގައި މިހާރުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަށާއި، ކުރީގެ ދާޚިލީ ވަޒީރަށް އެކަށީގެންވާ ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ފަރާތުން ވާދަ ކުރާ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ޖުލައި މަހުގެ 5 ވަނަ ދުވަހު ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް