ކ. މާލެ
|
28 ޖޫން 2024 | ހުކުރު 21:07
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު
ރައީސް އޮފީސް
ރައީސް މުއިއްޒު ސަރުކާރު
މުއިއްޒު ވެރިކަމަށް ވަޑައިގަތީ "ދަރަނި ދައްކައިދޭނެ ފަރާތްތަކުގެ ގްރީން ސިގްނަލް އާ އެކު، އެއްވެސް ހާސް ކަމެއް ނެތި"
ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ލައްކަ ވާހަކައެއް ދެއްކެވިއެވެ. އެގޮތުން ކުރީ ސަރުކާރު ކިޔާ ބަހަނާ ނުދައްކަވާނެ ކަމަށް ވިދާޅުވިއެވެ. ލޯނު ދައްކައިދޭނެ ފަރާތްތަކުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި އިގްތިސާދު ހަމައަކަށް އަޅުވަން އެއްވެސް ހާސް ކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭން ދައްކަން ޖެހޭ ދަރަނީގެ ސަބަބުން ރާއްޖެ ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރާ އެކު ފިޗް އިން މިދިޔަ ހަފްތާ ނިމެން އުޅެނި ކޮށް ނެރުނު ރިޕޯޓާއެކު، ޑރ. މުއިއްޒުގެ ސަރުކާރުގެ ވަފާތެރިން އަވަސް ވެގަތީ ކުރީ ސަރުކާރު ބަދުނާމު ކުރުމަށެވެ. ކުރީ ސަރުކާރުން މާ ގިނަ ދަރަނިތަކެއް ނަގާފައި އޮތް ކަން ކުއްލި އަކަށް ޑރ. މުއިއްޒުގެ ސަރުކާރަށް ދޭހަވި ކަމެއްގެ ގޮތުގައި ދެއްކުމަށް އަވަސްވެ ގަތެވެ. ދަރަނީގެ ހާލަތު ނުވެސް އެނގޭ ކަމަށް ހަދަން ލައްކަ މަސައްކަތް ފެށިއެވެ. އެކަމުން އަރައިގަންނަން ކުރިން ބުނެފައި ނުވާ ރައްޔިތުންނަށް ދަތިވާނެ ކަންކަން ކުރަންޖެހޭނެ ކަމަށް ބުނަން ފެށިއެވެ. އާސަންދަ އާއި ފެނާ ކަރަންޓުން ރައްޔިތުންނަށް ދޭ ސަބްސިޑީ ކަނޑާލުމާއި، މަސްވެރިންނަށް ދޭ ސަބްސިޑީ ކަނޑާލުން ފަދަ ވާހަކަތަކުގެ އަޑު ގަދަވާން ފަށައިފިއެވެ. އެންމެ ފަހުން މި ޖެހުނީ މި ކަމުގައި ރައްޔިތުން "ފެލިގެން" ދާށެވެ.

އެހެން ނަމަވެސް، ރައީސް މުއިއްޒު އަށް ތާއީދު ކޮށް ކުރީ ސަރުކާރުގެ ބޮލުގައި ދަރަނީގެ މައްސަލަ އަޅުވަން މަސައްކަތް ކުރާ އިރު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ގައި ވ. ފެލިދޫގައި ވާހަކަފުޅު ދައްކަވަނުން މުއިއްޒުގެ ސަރުކާރަކީ، ކުރީ ސަރުކާރު ކިޔާ ބަހަނާ ދައްކާނެ ސަރުކާރަކަށް ނުވާނެ ކަމަށް އޭނާ ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އެގޮތައް ކިޔާ އަޅުގަނޑުމެންގެ ޒިންމާ އިން ރެކޭނެ ބައެއް ނޫން. ކުރީ ސަރުކާރު ކިޔާފައެއް ދުލެއް ނުކުރާނަން."

މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދަރަނީގެ ހާލަތު އޮތް ގޮތް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެން ކަން އާއްމުންނަށް އޮޅުން ފިލުއްވައިދެއްވަން އޭނާ ދައްކަވާފައި ހުރި ވާހަކަތައް މިހާރު ވަނީ ހަނދާން އައު ކޮށްލުމަށް އެންމެންގެ ލޯ މައްޗަށް ތިލަވެފައެވެ.

ހދ. ކުރިނބީ އަށް ވަޑައިގެން ރިޔާސީ އިންތިޚާބުގައި ތާއީދު ހޯއްދަވަން ދެއްކެވި ވާހަކަފުޅުގައި ޑރ. މުއިއްޒު ވިދާޅުވީ، "ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހި ވެފައި، މިހާރުވެސް އަޅުގަނޑުމެންނާ ރައްޓެހި ބައެއް ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި މި ހުރި ބޮޑެތި ލޯންތައް ރީފައިނޭންސް ކުރެވޭނެ ގޮތް ގޮތް." އެއާއެކު ހާޒިރީންގެ ތަރުހީބްގެ އަތްތިލަބަޑި އެއް ޑރ މުއިއްޒު އަށް ލިބިގެން ދިޔަ މަންޒަރު ފެނުނެވެ.

"އަޅުގަނޑުމެންނަކަށް ކަންބޮޑުވުމެއް ނެތޭ، ހަމަ ހަގީގަތުގައިވެސް އެއްވެސް ކަންބޮޑުވުމެއް ނެތް ރާއްޖޭގެ މިއޮތް އިގްތިސާދީ ސިޔާސަތު ހައްލު ކުރުމުގައެއް." ވަރަށް ހަމަޖެހިވަޑައިގެން ހުންނަވާ ހިނިތުން ވުމާއެކު ޑރ. މުއިއްޒު ކުރިނބީގައި އޮތީ ވިދާޅުވެފައެވެ.

މިހާ ސާފުކޮށް ލޯނުގެ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށާއި އެކަން ކޮށްދޭނެ ފަރާތްތަކުގެ ފެހި ސިގްލަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން 7 މަސް ދުވަސް ފަހުން އެކަން ހަނދުމަފުޅު ނެތް ކަމަށް ދޭހަވާ ގޮތައް ސަރުކާރުގެ ބަސްމަގު ހުރުމުން އާއްމުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ޑރ. މުއިއްޒަށް ވަނީ އަމާޒުވެފައެވެ.

ސަރުކާރުން މިހާރު އެ ލޯންތައް ރީފައިނޭންސް ކުރަން އެހީވާން ބުނި ފަރާތްތަކުގެ ވާހަކަ އެއް ނުދައްކައެވެ. ދައްކަނީ މުޅިން އެހެން ވާހަކައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، ދަ ޑިމޮކްރަޓްސްގެ އަލީ އާޒިމް ވަނީ ސަރުކާރުން ޓެކްސް ބޮޑު ކުރާ ވާހަކަ ދައްކަން ފެށުމުން ލޯނު ދައްކަން އެހީވާނެ ކަމަށް ފެހި ސިގްނަލް ދިން ކަމަށް މުއިއްޒު ވިދާޅުވި ފަރާތްތައް ކޮބާތޯ އައްސަވާފައެވެ.

"ތިޔަ އުޅުއްވަނީ ޓެކްސްތައް ބޮޑުކުރަން ގްރީން ސިގްނަލް ރެޑް ވީމަތޯ؟" އާޒިމް "އެކްސް' ގައި ލިޔުއްވާފައިވެއެވެ.

ޝައްކެއްވެސް ނެތް ގޮތުގައި އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީ ސަރުކާރުގެ އިގްތިސާދާ ބެހޭ ވަޒީރު މި ކަމާ ބެހޭ ގޮތުން ވިދާޅުވެފައިވާ ފަދައިން، "ރައްޔިތުން މުއިއްޒު އަށް ވޯޓުދިނީ ކުރީ ސަރުކާރާ މެދު ދެއްކެވި ވާހަކަތަކަށް ބަލައި، ރައްޔިތުންނަށް މާ ރަނގަޅު ގޮތެއް ތިމަން މަނިކުފާނު ހޯއްދަވައި ދެއްވާނޭ ކަމާއި އެކަންކަން ކުރައްވަން އެނގިވަޑައިގަންނަވާ ކަމަށް ކެންޕޭނުގައި ވިދާޅުވުމުން" ނެވެ.

އެ ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ.

“އޭރު ހިތިބޭހުގެ ވާހަކައެއް ނުދައްކަވާ. ހިތިބޭސް ދީގެން ކޮންމެ މީހަކަށްވެސް ކަންކަންކުރެވިދާނެ." ފައްޔާޒު "އެކްސް" ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް