ކ. މާލެ
|
28 ޖޫން 2024 | ހުކުރު 00:11
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ
ރޮއިޓަރސް
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ޔޫކްރެއިނުން 10 އަހަރު ދުވަހުގެ ސަލާމަތީ އެއްބަސްވުމެއްގައި ވިލާތުގެ އިއްތިހާދާ އެކު ސޮއި ކޮށްފި
މި އެއްބަސްވުމުގެ ދަށުން ވިލާތުގެ އިއްތިހާދުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާއި، ޔޫކްރެއިންގެ ސިފައިން ތަމްރީން ކުރުމާއި، ޔޫކްރެއިންގެ ޑިފެންސް އިންޑަސްޓްރީ ވަރުގަދަ ކުރުން ހިމެނެއެވެ.

ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިލާތުގެ އިއްތިހާދާ އެކު 10 އަހަރު ދުވަހުގެ ސަލާމަތީ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ބްރަސްލްސްގައި މި ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން ޔޫކްރެއިންގައި ރަޝިއާ އިން ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރެއިނަށް ވިލާތުގެ އިއްތިހާދުގެ އެހީތެރިކަން ދިގު މުއްދަތަކަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ޔޫކްރެއިނަށް ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދިނުމަށް ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާކަން ދާދި ފަހުން ވަނީ އިއުލާން ކޮށްފައެވެ.

ޒެލެންސްކީ ބްރަސްލްސް އަށް މި ކުރައްވާ ދަތުރުފުޅަކީ ވިލާތުގެ އިއްތިހާދުގައި ހިމެނޭ ޔޫކްރެއިން އަށް އެންމެ ބޮޑަށް ތާއީދު ކުރާ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޚަބަރުތައް ބުނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ޒެލެންސްކީ ވިދާޅުވީ، މި ތާރީޚީ އެއްބަސްވުމައްޓަކައި ވިލާތުގެ އިއްތިހާދުގެ ލީޑަރުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި، މިއީ އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރި ކަމެއް ކަމަށެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވިލާތުގެ އިއްތިހާދުގެ ވެރިޔާ ޗާލްސް މިޗެލް ވިދާޅުވީ، ޔުކްރެއިންނަށް، އެހީ ބޭނުންވާހާ މުއްދަތަކަށް އެހީ ދިނުމުގައި ވިލާތުގެ އިއްތިހާދު ދެމި އޮންނާނެ ކަމުގެ މެސެޖް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

ޔޫކްރެއިން އިން ވަނީ މި ބާވަތުގެ ސަލާމަތީ އެއްބަސްވުން ތަކުގައި ވަކިވަކި 17 ގައުމަކާ އެކުވެސް ސޮއި ކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ޖަޕާން ހިމެނެއެވެ.

ވިލާތުގެ އިއްތިހާދުން މި އަހަރު ޔޫކްރެއިނަށް 5 ބިލިއަން ޔޫރޯ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި އެއްބަސްވުމުގެ ދަށުން މި މިންވަރަށް ކޮންމެ އަހަރަކު 2027 ގެ ނިޔަލަށް ޔޫކްރެއިނަށް ވިލާތުގެ އިއްތިހާދުން އެހީ ހަމަ ޖެހޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މި އެއްބަސްވުމުގެ ދަށުން ވިލާތުގެ އިއްތިހާދުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާއި، ޔޫކްރެއިންގެ ސިފައިން ތަމްރީން ކުރުމާއި، ޔޫކްރެއިންގެ ޑިފެންސް އިންޑަސްޓްރީ ވަރުގަދަ ކުރުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް