ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 07:49
26 އާ 60 އާ ދެމެދުގެ އަދަދަކަށް ޝާހްޖަހާން ބުއިޔާން ވަނީ މަރުގެ ހުކުމް ތަންފީޒް ކޮށްފައި
26 އާ 60 އާ ދެމެދުގެ އަދަދަކަށް ޝާހްޖަހާން ބުއިޔާން ވަނީ މަރުގެ ހުކުމް ތަންފީޒް ކޮށްފައި
ރޮއިޓާސް
މަރުގެ އަދަބު
ބަންގްލަދޭޝްގައި އެންމެ ގިނަ މީހުންނަށް މަރުގެ އަދަބު ދިން މީހާ މަރުވެއްޖެ
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަނީ 26 މީހުން ދަންޖައްސައިގެން މަރާފައި.

ބަންގްލަދޭޝްގައި މިހާތަނަށް އެންމެ ގިނަ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒް ކުރި މީހާ މަރުވެއްޖެއެވެ.

އުމުރުން 74 ގައި ޝާހްޖަހާން ބުއިޔާން ހޯމަ ދުވަހު މަރުވި އިރު އޭނާ ވަނީ، ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި 26 އާ 60 އާ ދެމެދުގެ އަދަދަކަށް މަރުގެ ހުކުމް ތަންފީޒް ކޮށްފައެވެ.

އޭނާ މަރުވީ ހޯމަ ދުވަހު މެޔަށް ތަދުވާތީ ޑާކާގެ ހޮސްޕިޓަލަށް ގެންދެވި، ފަރުވާ ދެމުން ދަނިކޮށް ކަމަށް ޚަބަރުތައް ބުނެއެވެ.

މަރުގެ އަދަބު ތަންފީޒް ކުރާ މީހެއްގެ ވަޒީފާ އޭނާ އަށް ހަމަޖެހުނު އިރު ޝާހްޖަހާން އަކީ ވައްކަމާ މީހަކު މެރުމުގެ ކުށް ސާބިތުވެ 42 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން ދިޔަ މީހެކެވެ.

ހުސްވި އަހަރު އޭނާގެ ޖަލު ހުކުމުން 10 އަހަރު ލުއިކޮށްދީ މިނިވަން ކުރީ މަރުގެ އަދަބު ތަންފީޒް ކުރާ މީހެއްގެ ގޮތުން ވޮލަންޓިއަރ ކޮށް މަސައްކަތް ކޮށްދިނުމުގެ އިނާޔަތެއްގެ ގޮތުން ކަމަށް ޚަބަރުތައް ބުނެއެވެ.

ޝާހްޖަހާން ދަން ޖައްސާ މެރި މީހުންގެ ތެރޭގައި، ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު އަދި ބަންގްލަދޭޝްގެ ބާނީގެ ގޮތުގައި ދެކޭ، ޝެއިޚް މުޖީބުއްރަހްމާން އަވަހާރަ ކޮށްލުމުގައި ބައިވެރިވި އަސްކަރީ އޮފިސަރުން ހިމެނެއެވެ.

ޝާހްޖަހާން މަރުގެ އަދަބު ތަންފީޒް ކުރާތީ އެކަމާ ވަރަށް ގިނަ ފަރާތްތަކުން އޭނާއާ ސުވާލު ކުރުމުން އޭނާގެ މަސައްކަތް ދިފާއު ކޮށް ބުނާ ކަމަށް ވަނީ އޭނާ އެކަން ނުކުރަންޏާ ކޮންމެވެސް އެހެން މީހަކު އެކަން ކުރާނެ ކަމުގައެވެ.

ޖަލުން ހުސްވި އަހަރު މިނިވަން ވުމުން ޝާހްޖަހާން ވަނީ އޭނާ އަށް ވުރެ އުމުރުން 50 އަހަރު ހަގު މީހަކާ ކައިވެނިވެސް ކޮށްފައެވެ.

ހުސްވި އަހަރު ޝާހްޖަހާން ވަނީ ދަންޖައްސައިގެން މީހުން މެރުމާ ބެހޭ ގޮތުން އޭނާގެ ތަޖުރިބާގެ މައްޗަށް ފޮތެއްވެސް ޝާއިއު ކޮށްފައެވެ.

- ކޮމެންޓް