ކ. މާލެ
|
24 ޖޫން 2024 | ހޯމަ 21:48
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން ކައުންސިލްގެ އިމާރާތުގައި އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ވަޑައިގަންނަވަނީ
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން ކައުންސިލްގެ އިމާރާތުގައި އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ވަޑައިގަންނަވަނީ
އޭޕީ
މެދުއިރުމަތީގެ މަސްރަހް
މެދު އިރުމަތީގެ ހަނގުރާމަ ފުޅާވެދާނެ ކަމަށް އީޔޫ އިން ކަންބޮޑުވުން ފާޅު ކޮށްފި
ލަގްޒަމްބާގް ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮރެލް ވިދާޅުވީ، ހަނގުރާމަ ދެކުނު ލުބުނާނަށް ފުޅާވެ އަދި އިތުރަށް ފެތުރިގެން ދިއުމުގެ ރިސްކް ކޮންމެ ދުވަހަކު އިތުރުވެގެން އަންނަ ކަމަށް.

ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ޖޯސެފް ބޮރެލް ހޯމަ ދުވަހު ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހް ފެންނަ ގޮތުން ލުބުނާން އާ ހަމައަށް ހަނގުރާމަ ފުޅާވެގެން ދިއުމާ ވަރަށް ގާތްވެފައިވާ ކަމަށެވެ.

ލަގްޒަމްބާގް ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮރެލް ވިދާޅުވީ، ހަނގުރާމަ ދެކުނު ލުބުނާނަށް ފުޅާވެ އަދި އިތުރަށް ފެތުރިގެން ދިއުމުގެ ރިސްކް ކޮންމެ ދުވަހަކު އިތުރުވެގެން އަންނަ ކަމަށެވެ.

އޮކްޓޯބަރ 7 ން ފަށައިގެން އިޒްރޭލުން ގާޒާ އަށް އަރާ ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން މަދަދުވެރިވާ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިޒްރޭލަށް ހަމަލާތައް ދަނީ ދެމުންނެވެ. އަދި ގާޒާ ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާ ނުލަނީސް އިޒްރޭލަށް އެ ޖަމާއަތުން ދޭ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށްވެސް ހިޒްބުﷲ އިން ބުނެފައިވެއެވެ.

ޖޫން މަހުގެ ކުރީ ކޮޅު އިޒްރޭލުން ހިޒްބުﷲ ގެ އިސް ވެރިޔަކަށް ހަމަލާދީ މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ހިޒްބުﷲ އިން އިޒްރޭލުގެ އަސްކަރީ ތަންތަނަށާއި އިޒްރޭލުގެ ބައެއް އަވަށް ތަކަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ވަނީ ދީފައެވެ.

ހުސްވި ހަފްތާގައި ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނެފައިވަނީ ލުބްނާނުގައި އިޒްރޭލުން ހަނގުރާމަ ފަށައިފިނަމަ އިޒްރޭލުގެ އެއްވެސް ތަނެއް ސަލާމަތުން ނުބާއްވާނެ ކަމަށެވެ.

އޭނާގެ މި ބަޔާނުގައި، ލުބުނާނުގެ އަވައްޓެރި އަދި އެ ސަރަހައްދުގައި އޮންނަ އީޔޫގެ މެމްބަރެއް ކަމަށް ވާ ސައިޕްރަސް އަށް ވެސް ވަނީ ލުބުނާނަށް ހަމަލާ ދިނުމުގައި އިޒްރޭލަށް އެހީތެރިވެ ދީފިނަމަ ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ސައިޕްރަސް އަށް ހިޒްބުﷲ އިން އިންޒާރު ދިން މައްސަލައިގައި ގްރީސްގެ ޚާރިޖީ ވަޒީރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޔޫރަޕިއަން ޔުނިއަން ގައި ހިމެނޭ މިނިވަން ދައުލަތަކާ ދެކޮޅަށް ބިރު ދެއްކުމަކީ އެއް ގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން، އަހަރެމެން މިތިބީ ސައިޕްރަސް އާ އެކު.
ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް

ޖަރުމަނު ވިލާތުގެ ޚާރިޖީ ވަޒީރުވެސް ވަނީ ލުބްނާން އާއި އިޒްރޭލާ ދެމެދު ހޫނު ވަމުންދާ މަސްރަހާ މެދު ކަންބޮޑުވުން ފާޅު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"އިތުރަށް މަސްރަހް ގޯސްވެއްޖެ ނަމަ މުޅި ސަރަހައްދަށް ވަރަށް ނުރައްކާވާނެ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލަ އާ ގުޅޭ ގޮތުން ވަރަށް އަވަހަށް ލުބުނާން އަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ.

- ކޮމެންޓް