ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 17:50
ހޫތީން ޑްރޯން ބޭނުން ކޮށްގެން ބޯޓު ފަހަރަށް ހަމަލާ ދިނުން އިތުރުވާ މައްސަލައިގައި އިންޝުއަރެންސް ކުންފުނި ތަކުން ވަކިން ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވޭ
ހޫތީން ޑްރޯން ބޭނުން ކޮށްގެން ބޯޓު ފަހަރަށް ހަމަލާ ދިނުން އިތުރުވާ މައްސަލައިގައި އިންޝުއަރެންސް ކުންފުނި ތަކުން ވަކިން ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވޭ
އޭޕީ
ރަތްކަނޑުން ދަތުރު ކުރާ އާގު ބޯޓު ފަހަރަށް ހަމަލާ
ރަތް ކަނޑުން ދަތުރުކުރި ދެ ވަނަ އާގުބޯޓަށް ހަމާލާދީ ފައްތާލުމާއެކު ބޯޓުފަހަރު ދުއްވާ ކުންފުނި ތަކުން ކަންބޮޑުވެއްޖެ
ހުސްވި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ހޫތީ ސިފައިން ވަނީ ބޯޓު ފަހަރަށް އަމާޒު ކޮށް 70 ށް ވުރެ ގިނަ ހަމަލާ ދީފަ. ހުސްވި ހަފްތާގައި ގްރީކްގެ ޓިއުޓަރ ނަމަކަށް ކިޔާ ބޯޓެއް ވަނީ ހޫތީގެ މިސައިލް ހަމަލާއެއްގައި އަޑިއަށް ގޮސްފަ.

ރަތްކަނޑުން ދަތުރު ކުރާ އާގު ބޯޓު ފަހަރަށް ޔަމަނުގެ ހޫތީ ސިފައިންގެ ނުރައްކާ ބޮޑުވެ، ދެވަނަ ބޯޓަށް ހަމަލާ އަރާ އަޑިއަށް ދިއުމާއެކު، އަވަސް ފިޔަވަޅު މި ކަމުގައި އެޅުމަށް ބޯޓު ފަހަރު އޮޕަރޭޓް ކުރާ ބޮޑެތި ކުންފުނި ތަކުން ބުދަ ދުވަހު ގޮވާލައިފިއެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ހޫތީ ސިފައިން ވަނީ ބޯޓު ފަހަރަށް އަމާޒު ކޮށް 70 ށް ވުރެ ގިނަ ހަމަލާ ދީފައެވެ. އެ މުއްދަތުގެ ތެރޭގައި އެ ސަރައްދުން ދަތުރު ކުރި ބޯޓެއް ހޫތީ ސިފައިން އަތުލައިގަނެ ފައިވެއެވެ.

އާގު ބޯޓު ފަހަރު ދުއްވާ އެންމެ ބޮޑެތި ކުންފުނިތައް ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ހޫތީ ސިފައިންގެ ހަމާލާތައް ކުށްވެރި ކޮށްފައިވެއެވެ.

"މި ހަމަލާތައް ވަގުތުން ހުއްޓެން ޖެހޭ، ބޯޓު ފަހަރުގައި މަސައްކަތް ކުރާ މައުސޫމް ފަޅުވެރިން ގެ ހިމާޔަތުގައި ސަރަހައްދުގެ ނުފޫޒް ހުރި ގައުމު ތަކުން މަސައްކަތް ކޮށް ދިނުމަށް ގޮވާލާން." އާގުބޯޓު ފަހަރުގެ ކުންފުނިތަކުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހުސްވި ހަފްތާގައި ގްރީކްގެ ޓިއުޓަރ ނަމަކަށް ކިޔާ ބޯޓެއް ވަނީ ހޫތީގެ މިސައިލް ހަމަލާއެއްގައި އަޑިއަށް ގޮސްފައެވެ.

ބައިނަލް އަގްވާމީ ކަނޑުގެ ލަޝްކަރު ތަކުންވެސް ބޯޓު ފަހަރުގެ ހިމާޔަތުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ބޯޓު ފަހަރަށް އަމާޒުވާ ހަމަލާތައް އަންނަނީ ގިނަ ވަމުންނެވެ.

ހޫތީން ޑްރޯން ބޭނުން ކޮށްގެން ބޯޓު ފަހަރަށް ހަމަލާ ދިނުން އިތުރުވާ މައްސަލައިގައި އިންޝުއަރެންސް ކުންފުނި ތަކުން ވަކިން ބޮޑަށް ކަންބޮޑުވެއެވެ.

އިންޝުއަރެންސް ކުންފުނިތަކުން ބުނާ ގޮތުގައި ޑްރޯން ހަމަލާތަކުން ދިފާއު ވުން މާ އުނދަގޫ ވެފައި ހަމަލާއިން ލިބޭ ގެއްލުން މާ ބޮޑެވެ.

މި އަހަރުގެ މެއި މަހު ހޫތީންގެ 5 ހަމަލާ އާގު ބޯޓުފަހަރަށް ދީފައިވާއިރު، ޖޫން މަހު މިހާތަނަށް 10 ހަމަލާ ދީފައިވެއެވެ.

އަނެއް ކޮޅުން، ޔަމަނުގެ ހޫތީންގެ ޑްރޯން ހަމަލާ އެއް އާގު ބޯޓަކަށް އަރާ އެ ބޯޓުގާ ރޯވާ މަންޒަރު އިންޓަރނެޓް ގައި ބުދަ ދުވަހު ވަނީ އާއްމު ވެފައެވެ.

ޔަމަނުގެ ހޫތީ ސިފައިން ބުނެފައިވަނީ ބޯޓަށް ހަމަލާދެނީ ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދު ތަކުގައިވާ ބަނދަރުތަކަށް ބޯޓު ފަހަރު ވަނުން ހޫތީން މަނާ ކޮށްފައިވަނިކޮށް އެ އަމުރާ ޚިލާފު ވުމުން ކަމުގައެވެ.

ހޫތީން ބުނެފައިވަނީ، ރަތްކަނޑުން ދަތުރުކުރާ އާގު ބޯޓު ފަހަރަށް ހަމަލާ ދެނީ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލު ސިފައިން ދެމުންދާ ލާ އިންސާނީ އަނިޔާތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ.

ހޫތީން ގެންދަނީ އެރެބިއަން ކަނޑުންނާއި ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލާ އެމެރިކާ އާ ގުޅުން ހުރި ބޯޓު ފަހަރަށް ހަމަލާ ދޭނެ ކަމަށް ބުނަމުންނެވެ.

ބުދަ ދުވަހު މި ހަމަލާގެ ވީޑިއޯ ހާމަ ކުރި އިރު، ގްރީކްގެ އެވަލެންޑް ޝިޕިންގ ކުންފުނީގެ ޓިއުޓަރ ކިޔާ ބޯޓަށް މީގެ ހަފްތާއަކަށް ވުރެ ކުޑަ ދުވަސް ކޮޅެއް ކުރިން ދިން ހަމަލާގެ ސަބަބުން އެ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. އެ ހަމަލާގެ ފުޓޭޖުން ފެންނަ ގޮތުގައި ރަތް ކަނޑުގައި ދަތުރު ކުރި މި ބޯޓަށް ދެ ޑްރޯން އަމާޒު ވެފައި ވެއެވެ. "ވާބީނާ" ނަމަކަށް ކިޔާ ބޯޓަކަށް ޔަމަނުގެ ހޫތީ ސިފައިން ވަނީ ހަމަ އެ ދުވަހު މިސައިލުން ހަމަލާ ދީ ފައެވެ.

ބޯޓަށް ހަމަލާ އަރާ މަންޒަރު ފެންނަ އާއްމުކޮށްފައިވާ ފުޓޭޖު އާ އެކު އަރުވާ ލިޔުން ކޮޅުގައި، ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދު ތަކަށް ވަންނަ ކަނޑު ބޯޓު ފަހަރު ހިމެނޭނީ މަނާ ކޮށްފައިވާ އުޅަނދުގެ ލިސްޓުގައި ކަމަށް ބުނެ ބޯޓު ފަހަރު އޮޕަރޭޓް ކުރާ ކުންފުނި ތަކަށް އީމެއިލުން އަންގާފައި ވާނެ ކަމަށް ބުނެފައިވެއެވެ.

އަދި ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދު ތަކުގައި ހުރި ބަނދަރު ތަކަށް ބޯޓު ފަހަރު ނުވަނުމަށާއި އިޒްރޭލުގެ އަސްކަރިއްޔާ އާ މުއާމަލާތް ނުކުރުމަށް ޔަމަނުގެ އަސްކަރިއްޔާ އިން ބޯޓު ފަހަރު އޮޕަރޭޓް ކުރާ ކުންފުނިތަކަށް ކުރި އެންގި އެންގުން ތަކުރާރު ކުރާ ކަމަށްވެސް އެ ލިޔުންކޮޅުގައި ބުނެފައިވެއެވެ.

ޔަމަނުގެ ހޫތީން ބުނެފައިވަނީ، ގާޒާ ގައި އިޒްރޭލުން ހަނގުރާމަ ހިންގާހާ ދުވަހަކު އެ ސަރަހައްދުން ދަތުރު ކުރާ ބޯޓު ފަހަރަށް އެ މީހުން ހަމަލާ ދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް