ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 23:15
ރައީސް އޮފީސް
ރައީސް އޮފީސް
މަގޭ ރިޕޯޓް
ތަރައްގީ ހުއްޓިފަ، އެކަމަކު ޚަރަދުތައް އިންތިހާއަށް ބޮޑު
ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.9 ބިލިއަން ރުފިޔާ ހާއްސަކުރި ނަމަވެސް ހޭދަކުރީ އެންމެ 24 ޕަސެންޓް

މިހާރުގެ ސަރުކާރުގައި ތިބި މީހުން އޭރު އިދިކޮޅުގައި ތިބެގެން އެންމެ ބާރަށްލެވި ހަޅޭކަކީ ދައުލަތުގެ ޚަރަދުތައް ބޮޑު ކަމުގެ ވާހަކައެވެ. ބޭކާރު ޚަރަދުތައް ކުރާ ވާހަކައެވެ. އޭރު ސަރުކާރުގެ ވަޒީރަކު، އަދި އަމުދުން ރައީސުލް ޖުމްހޫރިއްޔާ ރަސްމީ ކަމެއްގައިވެސް ބޭރަށް ވަޑައިގަންނަވައިފިނަމަ އެކަމަށްދިޔަ ޚަރަދުތަކުގެ ވާހަކަ ބޮޑު ވާހަކައެއްގެ ގޮތުގައި ދައްކައެވެ. ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދުތައް ހިމަނައިގެން އެއީ ބޮޑު ޚަރަދުގެ ގޮތުގައި އައީ ރައްޔިތުންނަށް ވިސަނައިދެމުންނެވެ.

އެބީދައިން ވާހަކަ ދައްކަމުން އައިސް ސަރުކާރާ ހަވާލުވެ އަހަރެއް ދެބައިވާން އެޅިއިރު ޚަރަދުތައް މިވަނީ އިންތިހާގައެވެ. އަތްނުފޯރާވަރަށްވުރެ މަތީގައެވެ. ތަފާތަކީ ޚަރަދުތައް އިންތިހާއަށް ބޮޑުއިރު، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވުމެވެ. ނިމިދިޔަ ސަރުކާރުން ފަށާފައިހުރި ގިނަ މަޝްރޫއުތައް އެއްކޮށް ވަނީ ހުއްޓިފައެވެ. ރައީސް ޑރ މުއިއްޒުވެސް އޭރު ވިދާޅުވަމުން ގެންދެވީ އެންމެ ލާރިއެއް ނެތަސް މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށެވެ. ހަމަ އެންމެ މަޝަރޫއެއްވެސް ހުއްޓާ ނުލައްވާނެ ކަމަށެވެ.

މިއީކީ ރަށްރަށުގެ މީހުންނަށް މިއަދު އޮޅުވާލެވެން އޮތް ކަމެއް ނޫނެވެ. އެރަށުގައި ހިނގަމުން އައި މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައި ހުރިތަން އެހެރީ ރޯމާދުވާލު ފެންނާށެވެ. ބޮޑުކަމެއް އަލަށް ފަށައިގެން ކުރިއަކަށް ނުދެއެވެ. ގަދަބަސް ވިދާޅުވެ ރޭވުމެއް، ޕްލޭނެއް، ފައިސާއެއް ނެތި ފެށްޓެވި "ރަސްމާލެ" ބޮޑު ޕްރޮޖެކްޓްވެސް އެއޮތީ މިވަގުތަށް ޚަތިމް ވެފައެވެ.

މިއިން އެއްވެސްކަމެއް ނުހިނގިނަމަވެސް ދައުލަތުގެ ޚަރަދުތައް އެދަނީ ބޮޑުތަނުން މައްޗަށެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް ސަރުކާރު ހިންގުމަށް ކުރި ހަރަދު ނުވަތަ ރިކަރަންޓު ހަރަދުތަކާ އަޅައިބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން ކުރި ހޭދަ 627 މިލިއަން ރުފިޔާއިން ވަނީ އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ޖޫން ހަޔަކާ ހަމައަށް ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކުގެ ނަންބަރުތައް ހިމެނޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު" ޝާއިއުކޮށްފަ އެވެ. އެ ރިޕޯޓަށް ބަލާއިރު ދައުލަތުން ޕްރޮޖެކްޓުތަކަށް ކުރި ހޭދަ ބޮޑުތަނުން ދަށްވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ މި މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރީ 2.15 ބިލިޔަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 5.35 ބިލިޔަން ރުފިޔާ ޕްރޮޖެކްޓުތަކަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.9 ބިލިއަން ރުފިޔާ ހާއްސަކުރި ނަމަވެސް އަހަރު ދެބައިވާން ކައިރިވެފައިވާއިރު އޭގެ ތެރެއިން ޕްރޮޖެކްޓުތަކަށް ހޭދަކުރީ އެންމެ 24 ޕަސެންޓެވެ.

މި ހަރަދުތައް ކުޑަކުރި ނަމަވެސް ދައުލަތް ދުވަހެއް ދުވަހެއް ހިންގުމަށް ހިނގާ ހަރަދު ކަމަށްވާ ރިކަރަންޓު ހަރަދުތައް ވަނީ އިތުރުވެފަ އެވެ. ޚަރަދުތައް ބޮޑުވިއިރު  ސަރުކާރުގެ ސިޔާސީ މަގާމްތައް ވަނީ މީން ދުވަހަކު އިތުރު ނުވާވަރަށް އިތުރުވެފައެވެ. ވޭތުވެ ދިޔަ ސަރުކާރުތަކުގެ ދައުރު ނިމުނުއިރުވެސް ނާރާހާ މައްޗަށް އެންމެ ހަމަސް ދުވަހުގެ ތެރޭގައި މިސަރުކާރުގައި ވަނީ މައްޗަށް އަރާފައެވެ. ސިޔާސީ މަގާމްތަކުގައި 30އަށްވުރެ ދަށް ހަމަ އެންމެ ވުޒާރާއެއްވެސް ނެތެވެ. ބައެއް ތަންތަނުގައި އިށީންނާނެ ގޮނޑި މޭޒެއް ނެތް ސިޔާސީ މުވައްޒަފުން އެބަތިއްބެވެ.  ނަތީޖާއެއްގެ ގޮތުން ފިސްކަލް ރިޕޯޓްތަކުން ފެންނަ ގޮތުގައި މުވައްޒަފުންނަށް ކުރާ ހަރަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މުވައްޒަފުންނަށް ހިނގާ ހަރަދު މި އަހަރު ވަނީ 11 ޕަސެންޓުން އިތުރުވެފަ އެވެ. ރިކަރަންޓް ހަރަދުވެސް ވޭތުވެދިޔަ އަހަރަށްވުރެ 617 މިލިއަނުން ވަނީ އިތުރުވެފަ އެވެ.

ޚަރަދުތައް ބޮޑުވިނަމަވެސް ސަރުކާރުގެ އަމަލުތަކުން އެކަމަށް އަޅާލުމެއް ނެތެވެ. އިތުރުކުރާ ސިޔާސީ މަގާމްތަކަށް ނިމުމެއްނެތެވެ. މަސައްކަތެއް ހަވާލު ނުކޮށް ސަސްޕެންޑްކޮށްފައިތިބި ނައިބު ވޒީރުންނަށް ހުއްޓުމެއްނެތި މުސާރަދޭތާ ސަރުކާރަށް ވީހާ ދުވަހެއް ވީއެވެ. ވަޒީރުންނާ ރައީސުލް ޖުމްހޫރިއްޔާ އުދުހި ނަގަނީއެވެ. ހަނާވަމުންދަނީ ރައްޔިތުންނެވެ. ކަރަންޓްބިލް ބޮޑުވީ އިންތިހާއަށެވެ. މާލީ ތަނަވަސްކަން ނެތީތީ މަސްވެރިންނަށް އެވަނީ އެމީހުން ކިރުވި މަހަށް ފައިސާ ނުދީ ބިކަކޮށްލާފައެވެ.

ކޮންމެއަކަސް މިއީ އާދައިގެ ކަމެއް ނޫނެވެ. އެންމެ ހައެއްކަ މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް މިހާވަރުން މައްޗަށް ދާނަމަ ދައުރު ނިމޭއިރު ވާނެ ވަރާމެދު އެއްޗެއް ބުނާންވެސް ދައްޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
100%
ކޮމެންޓް
- ގުޅުންހުރި