ކ. މާލެ
|
14 ޖޫން 2024 | ހުކުރު 19:02
ބެކެމްބާ އާއި އަންހެނުން ހެއިޑީ (ވ)
ބެކެމްބާ އާއި އަންހެނުން ހެއިޑީ (ވ)
ގޫގުލް
ޔޫރޯ 2024
ޔޫރޯ ހުޅުވުމުގެ ޝަރަފު ބެކެމްބާގެ އަންހެނުންނަށް
މުބާރާތުގެ ތަށި ދަނޑަށް ނެރެދޭނީ ބެކެމްބާގެ އަންހެނުން

ޖަރުމަނުގައި މިރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތް 2024 ހުޅުވުމުގެ ޝަރަފު އެ ގައުމުގެ މަޝްހޫރު ލެޖެންޑް ފްރާންޒް ބެކެމްބާގެ އަންހެނުން ހެއިޑީ އަށް ދޭން ނިންމައިފި އެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން މި ގޮތަށް ނިންމީ މި އަހަރުގެ ޖެނުއަރީ މަހު އުމުރުން 78 އަހަރުގައި އަވަހަރާވި ބެކެމްބާގެ ޝަރަފުގަ އެވެ. އޭނާ އަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޖަރުމަނުގައި އުފެދުނު އެންމެ އަގުހުރި ފުޓްބޯޅަ ޝަހުސިއްޔަތެވެ.

ބެކެމްބާގެ އަންހެނުން ހެއިޑީ މުބާރާތުގެ ވާދައިގެ ތަށި ދަނޑަށް ނެރެދެއްވާނެ އެވެ. އޭނާއާއެކު މި ކަމުގައި ބައިވެރިކުރަން ނިންމާފައިވަނީ ޖަރުމަނުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ ބާނާޑް ޑީޒް އާއި ޔާގެން ކްލިންސްމަން އެވެ. މިއީ ޔޫރޯ 1980 އާއި 1996ގައި ޖަރުމަނަށް ކާމިޔާބުކޮށްދިން ދެ ކެޕްޓަނުންނެވެ.

ޖަރުމަނުގެ ލެޖެންޑް ފްރާންޒް ބެކެމްބާ - ގޫގުލް

ބެކެމްބާ އަކީ ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުން ވޯލްޑްކަޕް ކާމިޔާބުކުރި މީހެކެވެ. އަދި ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެ، ކޯޗުކޮށްދީ ފަހުން ކުލަބުގެ ރައީސްކަން ވެސް ކުރި އެވެ. 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑްކަޕް އޮގަނައިޒިން ކޮމިޓީގެ ޗެއާމަނަކީ ވެސް އޭނާ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނީ އެއީ ޖަރުމަނާއި ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑެއް ކަމަށެވެ.

އެއީ ވަރަށް ރަނގަޅު މީހެއް. ފުޓްބޯޅައިގެ މިތުރެއް، ޗެމްޕިއަނެއް އަދި ހަގީގީ ލެޖެންޑެއް. އަހަރުމެން އޭނާ މަތިން ހަނދާނެއް ނުނެތޭނެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އެލެގްޒެންޑާ ސެފެރިން ބުނީ ޖަރުމަނުގެ ފުޓްބޯޅައިގެ ލެގަސީ ދުނިޔެ އަށް ފަތުރައިދިނީ ބެކެމްބާ ކަމަށެވެ.

އޭނާގެ މަސައްކަތްތާއި ކެރުމާއި ހިތްވަރަކީ އަބަދުވެސް ނަމޫނާއެއް. ޑިފެންސުން މިޑްފީލްޑަށް އަދި ބަދަލުވާ ގޮތާއި ބޯޅަ ކޮންޓްރޯލިން އާއި ވިޝަނަރީ ސްޓައިލަކީ ފުޓްބޯޅަ ބަދަލުކޮށްލި ކަމެއް.
ޔޫއޭފާގެ ރައީސް ސެފެރިން

ބެކެމްބާ ވަނީ ޖަރުމަުގެ ބަޔާން މިއުނިކަށް އަށް ގިނަ ކާމިޔާބީތަކެއް ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުން ހޯދައިދިނުމަށްފަހު އެކުލަބުގެ ރައީސްކަން ވެސް ކޮށްފަ އެވެ.

ޔޫރޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާގެ ހަނދާން އާ ކުރުމުގެ އިތުރަށް ޖަރުމަނުގެ ސަޕޯޓަރުންނަށް އޭނާގެ ހާއްސަ ވީޑިއޯ އެއް ވެސް ދެއްކުން އޮންނާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް