މާލޭގެ އާސަހަރާ މިސްކިތް އޮގަސްޓް މަހުގެ ނިޔަލަށް ނިންމާ ބޭނުންކުރެވޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު މޭޔަރު އާޒިމް ވަނީ މިސްކިތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އެސަރަހައްދުގައި ހުރެ މީޑިއާތަކަށް ދެއްވި އިންޓަވިއުގައި މޭޔަރު އާޒިމް ވިދާޅުވީ އާސަހަރާ މިސްކިތުގެ މަސައްކަތަކީ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ މަސައްކަތެއް ކަމަށާއި، މިމަޝްރޫއު ނިންމުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ގުޅިގެން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިވިކަން އާޒިމް ފާހަގަކުރެއްވިއެވެ.
މިސްކިތުގެ މުޅި ކުރެހުމުގެ މަސައްކަތް ނުނިންމާ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މަސައްކަތްތައް ކުރިއަށްދާ ވަރަކަށް ބަދަލުތައް ގެންނަން ޖެހުމަކީ މަސައްކަތް ނިންމުމަށް ލަސްވާ ސަބަބެއް ކަމަށެވެ. މިމަޝްރޫއުގެ މަސައްކަތް ބެހިފައިވަނީ ދެބަޔަށްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެއްބަޔަކީ އިންފްރާސްޓަކްޗަރގެ މަސައްކަތް ކަމަށާއި، އަނެއްބަޔަކީ ފިނިޝިންގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ފުރަތަމަ ކޮންޓްރެކްޓް ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން އެ މަސައްކަތުގެ އެއްބަސްވުން ބާތިލްކޮށް، ދެވަނަ ފަހަރަށް މަސައްކަތް ހަވާލުކުރި ކަމަށެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ބަޔަކާ އެ މަސައްކަތް ހަވާލުކުރިއިރު ފިނިޝިންގެ މަސައްކަތް ހަވާލުކޮށްފައިނުވާތީ ތިން ވަނަ ފަހަރަށް އެހެން ބަޔަކާ މިސްކިތުގެ ފިނިޝިންގެ މަސައްކަތް ކުރަން ހަވާލުކުރި ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިސްކިތުގެ މަޝްރޫއު ނިމިގެންދާއިރު، މިސްކިތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން މިސްކިތް ވަރަށް ބޮޑުވާނެ ކަމަށާއި، މިސްކިތް އޭސީ ކުރާނެ ކަމަށެވެ. ހުރިހާ ރައްޔިތުންނަށް ފަސޭހައިން ނަމާދުކޮށް، ހިތްފަސޭހަ މާހައުލެއްގައި މަޑުކުރުމުގެ ފުރުސަތު ލިބޭނެ ކަަމަށް އާޒިމް ވިދާޅުވިއެވެ.
އިންފްރާސްޓަކްޗަރ މަސައްކަތް ފުރަތަމަ ހަވާލުކުރި ފަރާތުން ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން އެމީހުންގެ އަތުން މަސައްކަތް ނެގިފައިވަނީ. އަނެއްކާ ދެ ވަނަ ފަރާތަކާ މަސައްކަތް ހަވާލުކުރެވިގެން އެމީހުން ލައްވާ މަސައްކަތްކޮށް މަސައްކަތް ކޮށް ނިންމާ އަދި ތިން ވަނަ ކޮންޓްރެކްޓަރަކަށް ދާން މިޖެހުނީ އެ ހަވާލުކުރިއިރުގަ ފިނިޝިންގ މަސައްކަތް ހަވާލުނުކޮށް އޮތީމަ އަނެއްކާ ފިނިޝިންގެ މަސައްކަތް ކުރަން ވަކިން ދާން މިޖެހުނީ. މިހާރު ފިނިޝިންގ މަސައްކަތް އަޅުގަނޑުމެން ބިޑް ކޮށްގެން ކޮންޓްރެކްޓަރެއް ހޯދައިގެން މަސައްކަތް މިކުރިއަށްދަނީ. މިތަނުގައި ވަރަށް ބޮޑެތި ބަދަލުތަކެއް މިއަންނަނީ މަސައްކަތް ނިމިގެންދާއިރު. މިތަނަށް ބަދަލު އަންނައިރު އިތުރު ހިނަވާ ހައްޓެއް ހެދިގެންދާނެ. އަންހެނުން ނަމާދުކުރުމަށް ވަކި ބައެއް ހެދިގެން ދާނެ. އަންހެނުން ވުޟޫ ކުރަން ވަކި ބައެއް ހެދިގެންދާނެ. އަންހެނުންނަށް ވަކި ފާހަނާއެއް ހެދިގެންދާނެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަދަވޭ ގޮތަށް ފާހަނާތައް ބަދަލުވެގެންދާނެ. އަދި މިތާގައި މިހުރި ހުރިހާ ފާހަނައަކީ ކައުންސިލުން ބޭނުންވާ އެންމެ ޒަމާނީ ފެންވަރަށް ރީއްޗަށް ހެދިފައި ހުރި ފާހަނާތަކަށް ބަދަލުވެގެންދާނެ މިސްކިތުގަ. މިސްކިތުގެ ޖާގަ ވަރަށް ބޮޑަށް ބޮޑުވެގެން މިދަނީ. މިތަން ހެދުމާއެކު މިހުރާބުގައި ވަރަށް ބޮޑަށް އަރިމައްޗަކަށް އަރާފައި. އެހެންވީމަ މިހުރާބު ބަދަލުކުރަންޖެހޭ. އެއީ ވެސް އިތުރު މަސައްކަތެއް ގޮތަށް ފާހަގަވެގެންދަނީ. ބޮޑެތި މަސައްކަތެއް ހިނގަމުންދާ ތަނެއްގެ ގޮތުގައި ފާހަގަވަނީ.މާލޭގެ މޭޔަރު އާދަމް އާޒިމް
އާސަހަރާ މިސްކިތުގެ މަޝްރޫއުއަށް ބޮޑު ހޭދައެއްކޮށްފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މަސައްކަތްތައް ކުރިއަށްދާ ގޮތުން އެންމެ ލަސްވެގެން އޮގަސްޓް މަހުގެ ފަހު ހަފްތާއަށް މަޝްރޫއު އެއްކޮށް ނިމި މިސްކިތް ބޭނުންކުރަން ފެށޭނެ ކަމަށެވެ.
މި ޕްރޮޖެކްޓަށް ބޮޑު ހަރަދެއް ހިނގާފި މިހާރު. ފުރަތަމަ ކޮންޓްރެކްޓަށް މަސައްކަތް އުނިކުރިއިރުގަ ވަނީ ގާތްގަނޑަކަށް 3 މިލިއަންއަށްވުރެ ގިނަ ރުފިޔާ ދެވިފައިވަނީ. ދެވަނަ ކޮންޓްރެކްޓް ހަވާލުކުރެވިފައިވަނީ ހަމަ އެމަސައްކަތް ކުރަން. އެމަސައްކަތް ހަވާލުކޮށްގެން އެމީހުންނަށް ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ހަރަދުވެފައިވަނީ. މިހާރު ފިނިޝިންގެ މަސައްކަތަށް ރަނގަޅު އަގެއްދެވިފައި މިވަނީ. 2.7 މިލިއަން. އެއީ ފިނިޝިންގެ ހުރިހާ މަސައްކަތެއް ހިނގަމުން މިދަނީމާލޭގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ އާސަހަރާގެ މިސްކިތުގެ ފިނިޝިންގެ މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި މިހާރު ހުރި މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.