ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 08:32
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބޭއްވި މުޒާހަރާގެ ތެރެއިން
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބޭއްވި މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ޝިޔާމުގެ "ބޯކޮޅު ވަތަށް". މަސްވެރިން ރަތަށް
މަސްވެރިން ކިރުވި މަހަށް ދޭން ޖެހޭ އައްޑިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވޭ

ކުރީގެ ވެރިކަން ބަދަލު ކުރުމަށް އޭރުގެ އިދިކޮޅުން އެންމެ ގާތްކޮށް ބޭނުންކުރި އެއްބަޔަކީ ދިވެހި މަސްވެރިންނެވެ. މަހުގެ އަގު ދަށް ވާހަކައާއި މަސްކިރުވާފައި ދޭން ޖެހޭ ފައިސާ ނުދޭވާހަކަ އަޑަށް ބާރުލާފައި ދެއްކިއެވެ. އަދި އެމަސްވެރިންގެ ކެކުޅުންތައް އަޑުއަހާނެ ވެރިއަކު ސަރުކާރުގައި ނެތް ކަމަށާއި މަސްވެރިންގެ ކަންކަން ބަލަހައްޓާނެ މީހަކުވެސް ނެތްކަމަށް ބުނަމުން ދިޔައެވެ.

އެބީދައިން އޭރު އެންމެ ގަދައަށް އަޑު އުފުލި އެއްބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. ސީދާ ނައިފަރު ބަހުރުވައިން މަލާމާތުގެ ރާގުގައި ޝިޔާމް އޭރު ގެންދެވީ މަޖިލިސް ތެރޭގައި މަސްވެރިންނާމެދު އެއަށްވުރެ ބޮޑަށް ވިސްނަވާ ބޭފުޅަކު ނެތްފަދައިން ވާހަކަ ދައްކަވަމުންނެވެ.

އިއްތިފާގުން މި ސަރުކާރުން މަސްވެރިންގެ ކަންކަން ބައްލަވަން ހަވާލު ކުރެއްވީ ޝިޔާމްއާއެވެ. ފިޝަރީޒް މިނިސްޓަރުކަން ދެއްވީ ޝިޔާމަށެވެ. މަސްވެރިން ތިބީ އެކަމާ ހެވި ދިއްލިފައެވެ. ޝިޔާމުމެންގެ ބަހަށް ވެރިކަން ބަދަލުކުރަން ދިން ވޯޓާއެކު ވެރިކަން ބަދަލު ކުރެވުމުގެ އިތުރުން އެމީހުންގެ މީހެއްގެ ގޮތުގައި ޝިޔާމް އެވުޒާރާއަށްވެސް ލެއްވެވީތީއެވެ.

ވަތަކުތޯ ނުޖެހުނީ އެހާހިސާބުންނެވެ. އޭރު މިހާރުގެ ފިޝަރީޒް މިނިސްޓަރު ޝިޔާމްމެން ބިންނެވި ބޮޑެތި ކާށިތަކުގެ ފެން ނެތްކަން މަސްވެރިންނަށް ފެންނަން ވެރިކަމުގައި އަހަރެއްވެސް ނުނެގިއެވެ. ކީހާޅެން ފަރިއްސަށްވެ، ލަވައިގެ ރާގުތައް ބަދަލުވީ މާ އަވަހަކަށެވެ.

ވެރިކަމަށް ހަމަސްނުވެ މަސްވެރިންނަށް ޖެހުނީ ދޮށިބޮނޑި ބާއްވާފައި ބޭނި މަސްކޮޅަށް ލިބެންޖެހޭ ފައިސާކޮޅު ހޯދަން މުޒާހަރާއަށް ނުކުންނާށެވެ. ކަރަންޓް ބިލާ ފެންބިލު ނުދެއްކި މަސްވެރި އާއިލާތައް ދަރާވިކެންފެށިއެވެ. އަނބިދަރިންގެ ޒަރޫރީ ކަންކަން ހަމަޖައްސައިދޭނޭ ފައިސާ ނުލިބި އޭރު ބޯމަތިވި ރޯދަމަހާ ދިމާކޮށް މަސްވެރިން މާޔޫސްވިއެވެ. އެވެރިންގެ ކުށަކާ ނުލައެވެ. ކިރުވި މަސްކޮޅަށް ސަރުކާރުން ފައިސާ ނުދީގެންނެވެ.

މަޖިލިސް އިންތިޚާބާ ދިމާކޮށް ފިޝަރީޒް މިނިސްޓަރު ޝިޔާމްގެ މޮޅު ބުއްދިއާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނެވެ. އިހުތިޖާޖް ކުރި މަސްވެރިން ފަހަތަށް ނުޖެހި ދެމިތިބީތީ އިތުރު ގޮތެއް ނެތިގެންނެވެ. ލާރިކޮޅު ދިނުމުގެ އިތުރުން "މަސްވެރި އަލިބެ"މެން ފަދަ މީހުންނަށް ވަޒީފާތައް ދީގެން މަސްވެރިން އޮބަހެއްޓިއެވެ.

މަޖިލިސް އިންތިޚާބު ހެޔޮވަރު ވަރަކަށް އަތްމައްޗަށް ކަހާލެވުމާއެކު އިހު ހުރި ވަރަށްވުރެ ބޮޑުވަރެވެ. މަސްވެރިން އެތިބީ ގޮތް ހުސްވެ މުޒާހަރާގައެވެ. ލޯބޯ ފިއްސައިގެން ކަނޑުފަޅުގައި އުޅެގެން ބޭނި މަސްކޮޅު ކިރާލީމާ ދޭން ޖެހޭ ފައިސާ ނުދީ ހިފަހައްޓައިގެންނެވެ. އެންމެ ރުފިޔާފޮއްޗެއް ނޫނެވެ. މިލިއަނުންނެވެ. އައްޑިހަ އެތައް މިލިއަން ރުފިޔާއެއް ނުލިބި މަސްވެރިން އެދަނީ އާދޭސް ކުރަމުންނެވެ. އެވެރިންގެ އުދާސްތައް ބޭރު ކުރަމުންދާއިރު އެއަޑު އަހާލަން ސަރުކާރުގައި އެދަނީ އެދެމުންނެވެ. އެމީހުންގެ ހައްގުގައި ކުރިން ނާރު ފުފޭވަރަށް ހަޅޭލަވަމުންދިޔަ ނައިފަރު ދާއިރާގެ މެންބަރު އަދި މިއަދުގެ ފިޝަރީޒް މިނިސްޓަރުގާތު އެދެމުން އެދަނީ އެއިން އޮޑިއަކަށް އަރާލާ އެމީހުންގެ ވާހަކަތައް އަޑުއައްސަވާލެއްވުމަށެވެ.

އެކަމަކު މަސްވެރިން ބުނާގޮތުންނަމަ ޝިޔާމުގެ ބަހަކީ ދެތިން ބަނގްލަދޭޝް މީހަކު ކުރާ މުޒާހަރާއެއްގެ އަޑު އެހުމުގެ ޝައުގެއް ނެތް ކަމަށެވެ. "ޗަކޮއެމެން ޗަހެން ތެޅިތެޅި ތިބޭށޭ"އެވެ. އިތުރު ގޮތެއް ނެތިގެން އެހިސާބަށް ވަޑައިގެންނެވިއަސް އިތުބާރެއް ނެތެވެ. ކުރިން ކަން ކުރެއްވި ގޮތުން އުއްމީދު ވަނީ ގެއްލިފައެވެ. މެންބަރު ކަމުގައި ކިތައްމެ ހަޅޭކެއް ލެވިއަސް އެވަނީ ޝިޔާމްގެ "ބޯކޮޅު ވަތައް" ޖައްސަވާފައި ކަމަށެވެ. އެއާއެކު މަސްވެރިން އެވަނީ ރަތަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް