ކ. މާލެ
|
12 ޖޫން 2024 | ބުދަ 19:47
މަސްހިފައިގެން މީހަކު މަގުމަތިން ހިނގާފައި ދަނީ
މަސްހިފައިގެން މީހަކު މަގުމަތިން ހިނގާފައި ދަނީ
ޔޫސުފް ސޮފްވާން ރަޝީދު
މަސްވެރިންގެ ކަންބޮޑުވުން
ހައްގު ހޯދުމަށް އަބަދުވެސް މަސްވެރިން މުޒާހަރާ ކުރަންޖެހެނީ ކީއްވެތޯ؟
23 އޭޕްރީލްއިން ފެށިގެން މިއަދާ ހަމައަށް ފައިސާ ދޫކޮށްފައިނުވޭ
މަސްވެރިން ތިބީ ވަރަށް ހާލުގައި

މިއީ ދައްކާ ކޮޅުންލީ ވާހަކައެއް ނޫނެވެ. ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ދެވަނަ ބައިވެރިއާއެވެ. ނަމަވެސް މަސްވެރިކަމުގެ މި ސިނާއަތަށް ވަރަށް ބޮޑަށް ބަޔަކު އިހުމާލުވެއްޖެއެވެ. މަސްވެރިންގެ ޙައްޤު ހޯދުމަށް އެމީހުން އަބަދުވެސް ރޮއެ އާދޭސް ކުރުން ކަމެއް ނޯވެއެވެ. މިއަދާއި ހަމައަށް އާދެވޭ އިރު ކޮންމެވެސް ސިފައެއްގައި ކޮޅުން ލާފައި އޮންނަން ޖެހޭނެ ކަމަށް މިކަންވާންޖެހެއެވެ.

މަސްވެރިން ބާނާ މަހަށް ގިނަ ފަހަރު ހަމަ އަގެއް ނުލިބެއެވެ. އަބަދުވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއެވެ. އެހެން އެކަން އޮއްވާ ނިމިދިޔަ ސަރުކާރުގެ އެންމެ ފަހު ހަފްތާ ތެރޭގައި މިއަގުތައް މަސްވެރިން ބޭނުންވާ ގޮތަށް ބަދަލު ގެނެސްދިނެވެ. އެކަމަށްވެސް މިއަދުގެ ސަރުކާރުން އޭރު ކެމްޕެއިން ކުރަމުންދިޔަ އިރު ފާޑުކިޔެއެވެ. މިއަދު ވެރިކަމުގައި މިތިއްބެވީ ކުރިން ފާޑު ކީ ބޭފުޅުންނެވެ. މިއަދު މިކަމަށް ޖަވާބެ އްދެއްވަންވީ ނޫންތޯއެވެ. އެންމެ ފަހުން މަސްވެރިންނަށް ފާއިސާ ދީފައިވަނީ އޭޕްރިލް މަހުގެ ފަހުކޮޅުގައެވެ. މިމުއްދަތުން މިއަދާއި ހަމައަށް ބެލިކަމުގައިވީ ނަމަވެސް ދޮޅުމަސް ވޭއެތުވެގެންދަނީއެވެ. ކުރިއަށް މިއޮތީ ބޮޑު އީދު ކަމަށްވެފައި މަސްވެރިންގެ ޝަކުވާ އިންތިހާއަށް ބޮޑެއެވެ.

މަސްވެރިންގެ ދޯނިތައް މަހަށް ފުރޭނެ ގޮތެއް ނެތި ފަޅުގައި އޮޑި އަޅައިގެން ތިބުމާއި، ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ބައެއް ކުންފުނިތަކަށް ދިނުމަށް ސަރުކާރުން ރާވަމުންދާއިރު، ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންނަށް ވަރަށް ބޮޑެތި ވައުދުތަކަކާ އެކުގައެވެ.

ބޮޑު ކަންނެލީގެ މަސްވެރިން ބާނާ މަހަށް 80-100ރ އާ ދެމެދުގެ މިންވަރެއް ކިލޯ އަކަށް ދޭނެ ކަމަށް ވެސް ޑރ މުއިއްޒު ބޮޑު ކަންނެލީގެ މަސްވެރިންނަށް ވީ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފަށާނެ ކަމަށް ވެސް ޑރ މުއިއްޒުގެ ވައުދުނާމާގައި އޮތް އިރު މިވައުދު މިއަދާއި ހަމައަށްވެސް ފުއްދިފައެއް ނުވެއެވެ. އަމުދުން މަސްވެރިންގެ ޝަކުވާ އަޑުއަހާލާނެ ކަންފަތެއްވެސް ނެތީއެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ އެތަނަށް ގޮސް އެވާހަކަތައް އަޑު އައްސަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ވާނީވެސް އެހެންތާ އެވެ. މިއަދު އެތިއްބެވީ ވެރިކަމުގައެވެ. ކުރިން ބުނަމުން އައީ ރައްޔިތުންގެ ކޮންމެ ވާހަކައެއްވެސް އަޑު އަހާނެ މީހުން ސަރުކާރުގެ މަތީ ފަޑީގައި ތިއްބަވާނެ ކަމަށެވެ.

އެއާއެކު ސަރުކާރަށް ތެޔޮ ލިބޭ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގަތްފައި ވެއެވެ.

މަސްވެރިކަމާ ގުޅޭ ގޮތުން ވެފައިވާ ވައުދުތައް ހުރިގޮތައް ހުރި އިރު، މިހާތަނަށް މިދާއިރާގައި މިއޮތީ ޝަކުވާއިން ފުރި ބާރުވެފައެވެ. ހަޤީޤަތަކަކީ މަސްވެރިން އަބަދުވެސް މިޖެހެނީ އެއިރަކު އޮންނަ ސަރުކާރަށް ސަލާން ޖަހާށެއެވެ. މިއީ މިކަން ވެގެންވާނެ ގޮތެއް ނޫން ކަމަށް އާއިލާތަކުން ދަނީ ކަންބޮޑުވުމާއި އެކު ފާޅު ކުރަމުންނެވެ.

މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ، މަސްކިރާތާ 48 ގަޑީއިރު ތެރޭ މަސްވެރިން ކިރާ މަހަށް ޑޮލަރުން ފައިސާދީ ޚަލާސް ކުރާނެ ކަމަށެވެ. މިއީވެސް ހުވަފެނީ ބިލާހެއް ކަމަށް މަސްވެރިންނާއި އާއްމު ރައްޔިތުން ބުނަން ފަށައިފިއެވެ. ވެރިކަމަށް 7 މަސް ފުރިގެންދިޔަ އިރު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ކުރި ވައުދުތަކުން އެންމެ ވައުދެއްވެސް ފުއްދިފައެއް ނުވެއެވެ.

22 އޭޕްރީލްއާ ހަމައަށް މަސްވެރިން ބޭނި މަހަށް ފައިސާ ދޫކޮށްފައިވާއިރު، 23 އޭޕްރީލްއިން ފެށިގެން މިއަދާ ހަމައަށް ފައިސާ ދޫކޮށްފައިނުވާ ކަމަށާއި، މިހާރު ޖުމްލަ 62 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އެބައޮތެވެ.

މާލީދަތިކަމާ ހުރެ މަސްވެރިންނަށް ފައިސާ ނުދެވޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވާއިރު، ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ވަނީ މިފްކޯއިން މަސްވެރިންނަށް ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާ އައު ސަރުކާރަށް ހަމަޖައްސާފައެވެ. ކުރީ ސަރުކާރުގައި އާންމުކޮށް ކޮންމެ ހަފްތާއަކު ފައިސާދޫކުރަމުން ދިޔައެވެ. މިސަރުކާރުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ މީގެ ކުރިން ވެސް ދޫކޮށްފައިވަނީ މަސްވެރިން ރުޅިގަދަވެ، އިހުތިޖާޖަށް ނުކުތުމުންނެވެ. މިކަމާއި ހުރެ މަސްވެރި އާއިލާތަށް ބިކަވެ ހާލު ޖެހެމުންދާއިރު، މިކަމާއި މެދު ވިސްނާލަން ވެއްޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް