ކ. މާލެ
|
12 ޖޫން 2024 | ބުދަ 17:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ފަލަސްތީނާއެކު ދިވެހީން
މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވޭ
މިއީ ދެ ގައުމެއްގެ ދޭތެރޭގައި އޮތް މައްސަލައެއް ނޫން
މި ޓެލެތޯން ކުރިއަށް ދާނީ ބުދަ ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށް

މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއްވާ ދުވަސް ކަމަށް ހެއްދެވުމަށާއި، މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ގައުމީ ފެންވަރުގައި ބާއްވާ ޚާއްސަ ޓެލެތޯން 'ފަލަސްތީނާއެކު ދިވެހީން' ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ބުދަ ދުވަހު ފެށި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ.

އެގޮތުން މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ހައްގެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު "މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ދުނިޔޭގައި، މީގެ ކުރިން ފަލަސްތީނާ އެކީގައި ވާހަކަ ނުދައްކާ ތިބި ފަރާތްތަކުންވެސް، ފާޅުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ތެދުވެ މަސައްކަތް ކުރާތަން ފެންނަ ކަމަށާއި، އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މި މަސައްކަތްވެސް އިތުރު ހަރުފަތްތަކަކަށް ގެންދަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ ދެ ގައުމެއްގެ ދޭތެރޭގައި އޮތް މައްސަލައެއް ނޫން ކަމަށާއި، މިއީ އިސްލާމީ އުއްމަތަށް ކުރިމަތިވެފައި އޮތް ބޮޑު ކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސިފަޔަކީ، އެއް މުސްލިމަކަށް ދިމާވާ ކޮންމެ ކަމެއްގައި މުޅި އުންމަތް ޝާމިލްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއީ ފަލަސްތީނާއި އިޒްރޭލާ ދޭތެރޭގައި އޮތް މައްސަލައެއް ކަމަށް ބަލައި، ލޯމަރައިލައިގެން ތިބެގެން ނުވާނެ ކަމަށާއި، މިއީ ކޮންމެ މުސްލިމެއްގެވެސް ހައްގެއް ކަމަށާއި، ޒިންމާއެއް ކަމަށެވެ. މަސްއޫލިއްޔަތެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައިކަން ވަރަށް ފުރިހަމައަށް މިއަދު ސާބިތުކޮށްދޭނެ ކަމާމެދު ޝައްކުނުކުރާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުވެސް އެހީތެރިވަމުން ދިއުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިލްތިމާސް ކުރެއްވިއެވެ.

އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى ނިޢުމަތް ދެއްވަނީ، އެ ނިޢުމަތް ޒިންމާދާރުކަމާ އެކީގައި، ބޭނުންކުރުމަށްޓަކައި. މިއީ، އިމްތިޙާނެއް. އިމްތިޙާނުގައި ފާސްވަނީ، އެ އިމްތިޙާނުގައި ކަންކަން ރަނގަޅު ގޮތުގައި ކުރުމަށް އެނގޭ ފަރާތްތައް. ކަންކަން ދިމާވާ ވަގުތު، އެ މީހެއްގެ ހުރި ސިފައެއް ފެންނާނީ. މިއޮތީ އަޅުގަނޑުމެން މުސްލިމުންގެ ކުރިމަތީގައި މި ވަގުތު އޮތް އެންމެ ބޮޑު މައްސަލަ، މީގެ ކުރީގައި ބޮޑުނުވާވަރަށް، ބޮޑުވެފައި. ފަލަސްޠީނުގެ ރައްޔިތުންނަށް މިވަގުތު އަޅުގަނޑުމެންގެ އެހީތެރިކަން ނުދީފިނަމަ، ދެން އަޅުގަނޑުމެން ދައްކާނެ އެހެން ވާހަކައެއް މިކަމުގައި، ނޯންނާނެ. ދިވެހި ރައްޔިތުން، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން، އެއް ކަމެއްގައި އެކައްޗެއް ކިޔާ ކަމެއް މިކަމަކީ. އެހެންވީމާ، ހުރިހާ ރައްޔިތުން، ކޮންމެ ދިމާއެއްގައި ތިއްބަސް، ކޮންމެ ޕާޓީއެއްގައި ހުއްޓަސް، ކޮންމެ ވިސްނުމެއްގައި ހުއްޓަސް، މިއީ އެކައްޗެއް ކިޔާ ކަމެއް. އެހެންވީމާ، މިއަދު ހުރިހާ ރައްޔިތުން ނުކުމެވަޑައިގެން، މި ޓެލެތޯނުގައި ބައިވެރިވެވަޑައިގަތުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްތީނަށް އެހީވުމަށް ބާއްވާ 'ފަލަސްތީނާއެކު ދިވެހީން' ޚާއްސަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަގީންކުރުމަށް މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސަވާފައެވެ. މި ޓެލެތޯން ކުރިއަށް ދާނީ ބުދަ ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ގަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ. މި ފަންޑަށް ދިވެހި ސަރުކާރުން މީގެކުރީން ދިޔައީ ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް ވެދެމުންނެވެ. ނަމަވެސް މި އެހީ ދިހަ ގުނައަށް އިތުރުކުރުމަށް ރައީސް މުއިއްޒުގެ ޒައާމަތުގައި ނިންމަވައި، މީގެ ފަހުން ކޮންމެ އަހަރަކު 50 ހާސް ޑޮލަރު ދިވެހި ސަރުކާރުން މި ފަންޑަށް ޖަމާކުރަމުން ދާނޭކަމަށް ބުދަ ދުވަހުގެ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ވަނީ އިއުލާނުކުރައްވާފައެވެ.

- ކޮމެންޓް
12 ޖޫން 2024 | ބުދަ 19:16
ނުރަބޯ
ފަލަސްތީން ރައްޔިތުންނަށްޓަކައި ދިވެހިސަރުކާރުން ކޮށްދޭންވާ އެއްމެ މުހިއްމު ކަމަކީ ފަލަސްތީން އެއީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށް ގަބޫލު ކޮށް އެކަން އިޢުލާނު ކުރުން.