ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 23:52
ސިންގަޕޫރު އެއަރލައިންސްގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމްވި ހާދިސާގެ ތެރެއިން
ސިންގަޕޫރު އެއަރލައިންސްގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމްވި ހާދިސާގެ ތެރެއިން
އެކްސް/އެފްއެލް360އެއޮރޯ
ގަދަ ކޮޅިގަނޑެއްގައި ޖެހުނު ސިންގަޕޫރު އެއަރލައިން
ގަދަ ކޮޅިގަނޑުގައި ޖެހުނު ސިންގަޕޯރ އެއަރލައިންސްގެ ބޯޓުން ކުދި އަނިޔާ ލިބުނު ކޮންމެ މީހަކަށް 10،000 ޑޮލަރު ދެނީ
ދިގު މުއްދަތައް ފަރުވާ ހޯދަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ފަރާތްތަކުގެ ފަރުވާ އަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރު ދިނުމަށް ހަމަ ޖެހިފައިވޭ

ހުސްވި މަހު ގަދަ ކޮޅިގަނޑެއްގައި ޖެހުމުގެ ސަބަބުން ސިންގަޕޯރ އެއަރލައިންސްގެ ބޯޓަކުން ދަތުރުކުރި މީހުންގެ ތެރެއިން ކުދި އަނިޔާވި މީހުންގެ ތެރެއިން ކޮންމެ މީހަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 10،000 ޑޮލަރު ދިނުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

މެއި މަހުގެ 21 ވަނަ ދުވަހު ބޯޓު ކޮޅިގަނޑުގައި ޖެހުނު އިރު ދަތުރު ކުރަމުން ދިޔައީ އިނގިރޭސި ވިލާތުން ފުރައިގެން ސިންގަޕޫރަށެވެ. ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ބޯޓު އިމަރޖެންސީ ކޮށް ތައިލެންޑްގެ ބެންކޮކަށް ވަނީ ޖައްސާފައެވެ.

ސިންގަޕޯރ އެއަރލައިންގެ ފޭސްބުކް ޕޭޖްގައި އަންގާރަ ދުވަހު ހާމަ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހާދިސާ ގައި ބޮޑެތި އަނިޔާ ލިބުނު މީހުންނަށް ބަދަލު ދިނުމަށް އެ ފަރާތްތަކާއެކު ވާހަކަ ދައްކަން ދައުވަތު ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް، ދިގު މުއްދަތައް ފަރުވާ ހޯދަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ފަރާތްތަކުގެ ފަރުވާ އަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރު ދިނުމަށް ހަމަ ޖެހިފައިވާ ކަމަށްވެސް އެއަރލައިނުން ބުނެފައިވެއެވެ.

އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބުނު މި ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމުމުގެ އިތުރުން އެ ބޯޓުން ދަތުރުކުރި އެންމެންގެ ޓިކެޓް ރިފަންޑް ކޮށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެއަރލައިނުން ބުނެފައިވެއެވެ.

- ކޮމެންޓް