ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 23:33
ޔޫކްރެއިންގެ ޚާރްކިވް ސިޓީ އަށް ރަޝިއާ އިން ދިން ހަމަލާއަށްފަހު ރެސްކިއު ޓީމުގެ މެންބަރަކު ސައިޓްގައި ހަރަކާތްތެރިވަނީ
ޔޫކްރެއިންގެ ޚާރްކިވް ސިޓީ އަށް ރަޝިއާ އިން ދިން ހަމަލާއަށްފަހު ރެސްކިއު ޓީމުގެ މެންބަރަކު ސައިޓްގައި ހަރަކާތްތެރިވަނީ
ރޮއިޓާސް
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ރަޝިއާގެ މިސައިލް ލޯންޗް ކުރާ ތަންތަނަށް ޔޫކްރެއިނުން ހަމަލާ ދީފި
ރަޝިއާގެ ހަމަލާ ތަކުގައި ފާއިތުވެ ދިޔަ 24 ގަޑީއިރުގެ ތެރޭ ޔޫކްރެއިން އިން 5 މީހުން މަރުވެފައިވޭ

ޔޫކްރެއިނުން ރަޝިއާގެ މިސައިލް ލޯންޗް ކުރާ ސައިޓްތަކަށް ހަމަލާ ދޭން ފެށުމާއެކު ރަޝިއާއިން ޚާރްކިވް އަށް ދޭ ހަމަލާތައް މަދުވެ، އެ ސިޓީގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް އެ ސިޓީގެ މޭޔަރ ހާމަ ކޮށްފިއެވެ.

ޔޫކްރެއިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚާރްކެވްގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް އެ ސިޓީގެ މޭޔަރ އީހޯރް ޓެރެޚޮވް ވިދާޅު މިވީ، އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާ އަށް ހަމަލާ ދިނުމުގެ ހުއްދަ އެ ގައުމުތަކުން ދިންތާ ދެ ހަފްތާ އެއްހާ ދުވަހުގެ ތެރޭގައެވެ.

އަނެއްކޮޅުން ޔޫކްރެއިންގެ އިތުރު ދެ ވިލެޖެއް ޚާރްކިވް އަދި ލުހާންސްކް ސަރަހައްދުން ރަޝިއާ އިން ހިފާފައިވާ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާ އިން ވަނީ ބުނެފައެވެ. މިކަމާ ބެހޭ ގޮތުން ޔޫކްރެއިނުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް، ރަޝިއާ އަށް ތާއީދު ކުރާ ޗެޗްނިޔާގެ ލީޑަރ ރަމަޒާން ކަދިރޮވް އޭނާގެ ސިފައިން ޔޫކްރެއިންގެ ސުމީ ސަރަހައްދުގެ ވިލެޖެއް ހިފައިފި ކަމަށް ހާމަ ކުރި ވާހަކަ ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ދޮގު ކުރައްވާފައެވެ. ޒެލެންސްކީ ވިދާޅުވީ އެ ސަރަހައްދުގައި ރަޝިއާ ސިފައިން ނެތް ކަމަށެވެ.

ރަޝިއާގެ ހަމަލާ ތަކުގައި ފާއިތުވެ ދިޔަ 24 ގަޑީއިރުގެ ތެރޭގައި ޔޫކްރެއިން އިން 5 މީހުން މަރުވެފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ރޮއިޓާސް އަށް މައުލޫމާތު ދެމުން ހާމަ ކޮށްފައިވެއެވެ. އޭގެ ތެރެއިން 4 މީހުންނަކީ ޚާރްކިވް ސަރަހައްދަށް ނިސްބަތްވާ މީޙުންނެވެ.

ރަޝިއާގެ ހަމަލާތަކުގައި ޚާރްކިވް ސަރަހައްދަށް ނިސްބަތްވާ 4 މީހުން ހޯމަ ދުވަހު މަރުވެފައިވޭ - ބީބީސީ

ރަޝިއާގެ ހަމަލާ ތައް ހުއްޓުވުމަށް ޔޫކްރެއިނަށް އެއަރ ޑިފެންސް ނިޒާމްތައް ބޭނުންވާ ކަމަށް ޔޫކްރެއިންގެ ރައީސް ވަރަށް ގިނަ ފަހަރަށް ވަނީ ވިދާޅުވެފައެވެ. ޒެލެންސްކީ މިހާރު ޖަރުމަނު ވިލާތަށް ކުރައްވާ ދަތުރުފުޅުގައި ވެސް އޭނާ ވަނީ އެ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

ޖަރުމަނުވިލާތުގެ ޗާންސެލަރ އޮލަފް ޝޮލްޒް ޔޫކްރެއިން އަށް އެއަރ ޑިފެންސް ނިޒާމު ފޮނުއްވާނެ ކަމަށް ޒެލެންސްކީ އަށް ވަނީ މި ދަތުރުފުޅުގައި ޔަގީންކަން ދެއްވާފައެވެ. މީގެ ތެރޭގައި ޕެޓްރިއޮޓް ނިޒާމާއި އިތުރު މިސައިލް ހިމެނޭ ކަމަށް ޖަރުމަނު ވިލާތުން ވަނީ ބުނެފައެވެ.

ޔޫކްރެއިންގެ ޚާރްކިވް ސިޓީ އަކީ ރަޝިއާގެ ބޯޑަރާ ގާތުގައި އޮންނަ ސިޓީއެއް ކަމަށްވުމާއެކު ރަޝިއާގެ އެތެރެއިން މި ސިޓީއަށް ދޭ ހަމަލާތައް ހުއްޓުވުމުގައި ޔޫކްރެއިނަށް ބޮޑެތި ގޮންޖެހުންތަކެއް މިހާތަނަށް ވަނީ ކުރިމަތިވެފައެވެ.

- ކޮމެންޓް