ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 16:45
އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފި
ސެކިއުރިޓީ ކައުންސިލްގެ 15 މެމްބަރުންގެ ތެރެއިން ގަރާރަށް ފެންނަ ކަމަށް 14 ގައުމުން ވޯޓު ދީފައިވޭ، ރަޝިއާ އިން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވޭ

ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެމެރިކާ އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.

ސެކިއުރިޓީ ކައުންސިލްގެ 15 މެމްބަރުންގެ ތެރެއިން ގަރާރަށް ފެންނަ ކަމަށް 14 ގައުމުން ވޯޓު ދީފައިވެއެވެ. ރަޝިއާ އިން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

ގަރާރަށް ފެންނަ ކަމަށް ވޯޓު ދިން ގައުމުތަކުން ވަނީ އެމެރިކާއިން ގަރާރާ އެކު ހުށަހެޅި 8 މަސް ދުވަހަށް ވުރެ ދިގުލީ ގާޒާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް މަރުހަބާ ކިޔާފައެވެ.

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ހުސްވި މަހު ހާމަ ކުރެއްވި ޕްލޭނަކީ ބައިޑްން ވިދާޅުވާ ގޮތުން 3 ފޭސް އަކަށް ބަހާލެވިފައިވާ ޕްލޭނެކެވެ. އެއީ ފުރަތަމަ 6 ހަފްތާގެ ތެރޭގައި ހަމަލާތައް މުޅިން ހުއްޓާލުމާއި، އިޒްރޭލުގެ ބައެއް އަސީރުން މިނިވަން ކުރުމާއި، އަދި އިޒްރޭލުން ހައްޔަރު ކޮށްފައިވާ ބައެއް ފަލަސްތީނުގެ ރަހީނުން ދޫކުރުމެވެ.

ދެވަނަ މަރުހަލާ ގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާއި، ދެ ކޮޅުގައި ބާކީ ތިބި ހުރިހާ ރަހީނުން މިނިވަން ކުރުމެވެ.

ތިންވަން މަރުހަލާގައި ވަނީ ފުނޑުފުނޑު ވެފައިވާ ގާޒާ އަލުން އާރާސްތު ކުރުމެވެ.

އެމެރިކާއިން ބުނެފައިވަނީ މި އެއްބަސްވުން އިޒްރޭލުން ގަބޫލު ކޮށްފައިވާ ކަމަށެވެ.

އެމެރިކާ އިން މިހެން ބުނި ނަމަވެސް އިޒްރޭލުގެ ބައެއް އިސް އޮފިޝަލުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލާނީ އިޒްރޭލުން ބޭނުންވާ މަގްސަދު ހާސިލް ވުމުން ކަމަށާއި އެއީ ހަމާސް މުޅިން ނައްތާލެވުން ކަމަށެވެ.

ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި އެމެރިކާގެ ހުށަހެޅުން ގަބޫލު ކުރުމަށް ހަމާސް އަށާއި އިޒްރޭލަށް ގޮވާލާފައިވެއެވެ.

"އެއްވެސް ޝަރުތެއް ނެތި އަދި އެއްވެސް ލަސް ކުރުމެއް ނެތި، މީގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ އަށް ތަންފީޒް ކުރުމަށް ގޮވާލަން" ގަރާރުގައި ވެއެވެ.

ގަރާރު ފާސްވުމާއެކު ހޯމަ ދުވަހު ހަމާސް އިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ 3 މަރުހަލާގެ ހުށަހެޅުމަށް މަރުހަބާ ކިޔައިފައެވެ. ވޯޓަށް ފަހު ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުށަހެޅުމަށް މަޝްވަރާ ކުރުމަށް މީޑިއޭޓަރުންނަށް އެއްބާރުލުން ދިނުމަށް އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށެވެ.

އެމެރިކާ އިން ވަނީ އިޒްރޭލުން މި އެއްބަސްވުން ގަބޫލު ކުރާ ކަމަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވަރަށް ސާފުކޮށް ދުނިޔެއަށް ހާމަ ކޮށްފައެވެ. އޭގެ މާނައަކީ އިޒްރޭލުން ހަނގުރާމަ ހުއްޓާ ނުލާނަމޭ ބުނި ކަމުގައި ވިޔަސް އެމެރިކާގެ އެ ވާހަކައިގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލަށް ޕްރެޝަރ ވަރަށް ބޮޑުވެގެން ދިއުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އދ ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރާ ގަރާރުތަކަކީ ބައިނަލް އަގްވާމީ ގާނޫނުތައް ބުނާ ގޮތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް އެއްޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް