އީރާނުގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންނަށް ވުމަށް އެދި ކުރިމަތިލީ 80 ފަރާތުގެ ތެރެއިން އިންތިޚާބުގައި ވާދަ ކުރެވޭނެ 6 ފަރާތެއް ފާސް ކޮށްފިއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތި ލެވޭނެ ފަރާތްތައް ފާސް ކުރީ 12 މެމްބަރުންގެ މައްޗަށް އެކުލެވޭ އީރާނުގެ ކޮންސްޓިޓިއުޝަނަލް ކައުންސިލުންނެވެ.
ކައުންސިލްގެ ތަރުޖަމާނު ހާދީ ތާހަން ނާޒިފް އާ ހަވާލާދީ ޕްރެސް ޓީވީން ބުނެފައިވަނީ ކެންޑިޑޭޓުން ހޮވާފައިވަނީ ކޮލިފިކޭޝަން އަށް ބަލައިގެން ކަމަށެވެ.
އިންތިޚާބުގެ ކަންކަން އީރާނުގައި ހަމަ ޖެހިފައި އޮންނަ ގޮތުން، ކައުންސިލުން ފާސް ކުރާ ނަންތައް ދެން ފޮނުވާނީ ދާޚިލީ ވުޒާރާ އަށެވެ.
އާދިއްތަ ދުވަހު އީރާނުގެ ދާޚީލީ ވުޒާރާ އިން ވަނީ 6 ކެންޑިޑޭޓުންގެ ނަން އިއުލާން ކޮށްފައެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި އިއުލާން ކުރި ކެންޑިޑޭޓުންނަކީ ކުރީގެ ދާޚިލީ ވަޒީރު މުސްތަފާ ޕޯމުހައްމަދީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަސްއޫދު ޕެޒެޝްކިއާން، ކޮންޒަވޭޓިވް ޕޮލިޓީޝިއަން އާމިރުހުސެއިން ގާޒީޒާދޭ، ތެހެރާން ސިޓީގެ މޭޔަރ އަލީރެޒާ ޒަކާނީ، ކުރީގެ ނިއުކްލިއަރ ޗީފް ނިގޯޝިއޭޓަރ ސައީދު ޖަލީލީ އަދި އީރާނުގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް މުހައްމަދު ބާގިރް ގަލިބަފް އެވެ.
އީރާނުގައި ރިޔާސީ އިންތިޚާބު ބާއްވަން ޖެހުނީ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހީމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓި އެމަނިކުފާނު ކުއްލި ގޮތަކަށް އަވަހާރާ ވުމާ ގުޅިގެންނެވެ.
އީރާނުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ޖޫން 28 ގައެވެ.