ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 09:55
ޕީޕީއެމް އަދި ޕީއެންސީން އިސް ނަގައިގެން ބޭއްވި އިންޑިއާ އައުޓް އެއްވުމުގެ ތެރެއިން
ޕީޕީއެމް އަދި ޕީއެންސީން އިސް ނަގައިގެން ބޭއްވި އިންޑިއާ އައުޓް އެއްވުމުގެ ތެރެއިން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މޯދީގެ ހުވާކުރުމުގެ ރަސްމިއްޔާތައް "އިންޑިއާ އައުޓް ޓީޝާޓް އެއްގައި" ؟؟
ރައީސް މުއިއްޒު ހުވާ ކުރައްވައި ދެއްވި ފުރަތަމަ ތަގްރީރުގައިވެސް އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި

އިންޑިއާގެ އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެވެސް ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ރައީސް ޑރ މުއިއްޒު މަރުހަބާ ވިދާޅުވުމާއެކު ދިވެހިންގެ ތެރޭގައި ޗުކުޗުކު ލައްވަން ފެށުނެވެ. ތަފާތު ޖޯކުތައް ޖަހާއުޅުނެވެ. ހަމައެއާއެކު މޯދީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ މުއިއްޒު ވަޑައިގަންނަވަން ނިންމެވުމާއެކު އެއަޑުތައް ގަދަވިއެވެ. ދެފަށް މާނައިގާ އެތައް ކޮމެންޓެއް މީހުން ކުރަން ފެށިއެވެ. ބައެއް މީހުން ސީދާ ފާޅުގައި ރައީސް މުއިއްޒަށް ފާޑުވިދާޅުވަމުން ގެންދިޔައެވެ. އޭގެތެރެއިންވެސް އެންމެ އަޅައިގެން އެއް ކޮމެންޓަކީ "މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ރައީސް ޑރ މުއިއްޒު ވަޑައިގަންނަވާނީ އިންޑިއާ އައުޓް ޓީޝާޓެއް" ތުރުކުރައްވައިގެންތޯ އަހައި މީހަކު ސޯޝަލް މިޑީއާގައި ކުރި ޕޯސްޓެވެ.

ވާނީވެސް އެހެންތާއެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒާއި އެމަނިކުފާނުގެ ޓީމުން އެންމެބޮޑަށް ބޭނުން ކުރެއްވި ކެމްޕޭން މެޓީރިއަލްއަކީ "އިންޑިއާ އައުޓް"އެވެ. މިގައުމުން އިންޑިއާ ބޭލުމެވެ. އިންޑިއާއިން ރާއްޖެ އަޅުވެތިކޮށްގެން އުޅޭ އުޅުމަށް ނިމުމެއް ގެނައުމެވެ. ފިޔަޔާއި ބިހާ، ކާޑުކޮޅުފަދަ ތަކެތި ދީގެން އިންޑިއާގެ މައްޗަށް ރާއްޖެ ބަރޯސާ ކުރުވާފައި އޮތް އޮތުން ޚަތިމް ކުރާށެވެ. ސަރުކާރު ހިންގަނީ އިންޑިއާއިން ބުނާ ގޮތައް ކަމަށް ބުނެ ރައްޔިތުންނަށް ވިސްނައިދެމުން ގެންދިޔައެވެ. ސީދާ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ކަންކުރައްވަނީ މޯދީގެ އޯޑަރަށް ކަމަށްވެސް ފާޅުކޮށް ގޮވާނެގިއެވެ. އިންޑިއާ އާއި މޯދީއަށް ކުޑައިމީސްކޮށް ތަފާތު ޖޯކުތައް ޖަހައި ކާޓޫނުތައް ކުރަހައި ފޮޓޯ އެޑިޓްކޮށްގެން މަލާމާތްކޮށް ހެދިއެވެ. ޑްރާމާތައްވެސް ކުޅެނެގިއެވެ.

އެހަރަކާތްތަކުގައި އޭރުގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާ އައުޓް ޓީޝާޓް ތުރުކުރައްވައިގެން މުޒާހަރާތަކާއި އެއްވުންތަކުގައި ނަގާކިޔާ އުޅުއްވިއެވެ. ސީދާގޮތުންނާއި ނުސީދާގޮތުން އިންޑިއާއަށާއި މޯދީއަށް ފާޑުވިދާޅުވެ އިންޒާރުތައްވެސް ދެއްވަމުން ގެންދެވިއެވެ.

ޑރ.މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެއްލައްވަނީ - ޓްވީޓަރ

އެއަވައިގާޖެހި ރައްޔިތުން އިންޑިއާގެ ކިބައިން މިނިވަންވާން ދިންވޯޓުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުނެވެ. ނަމަވެސް އެހާހިސާބަކުންވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމާއި ސަރުކާރުން އިންޑިއާއަށް ކިޔަމުންދިޔަ ފާޑަކަށް ފަނޑުކަމެއް ނައެވެ. ވަޒީރުންނާއި ނައިބު ވަޒީރުން އިހުހުރިވަރުގައެވެ. ސީދާ ރައީސް މުއިއްޒުވެސް ހަމައެގޮތުގައެވެ. ވެރިކަމުގެ ހުވާ ކުރައްވައި ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ތަގްރީރުގައިވެސް އިންޑިއާއަށާއި މޯދީއަށް ދެއްވީ ކުރުދޮށިންނެވެ. އެންމެ އާދައިގެ މީހާއަށް އެނގޭހާ ތިލަކޮށް ސީދާ ފާޅުކަން ބޮޑުގޮތުގައާއި ނުސީދާކޮށް ވަށްބަހުންނެވެ. ކުރުކޮށްލާފައި ފޮނިކޮށް ބުނާނަމަ ވެރިކަމަށް ވަޑައިގެންނެވުނީމާވެސް "އިންޑިއާ އަށާއި މޯދީއަށް ރަތްމަހަކަށް ނުގޮވާހާ އެއްޗެހި" ގޮވާނެގިއެވެ.

ދިވެހިންގެ ތެރެއިން ކަމުވޮށިގެންވާ މީހުންނާއި ކުރީގެ ސަރުކާރުން ބުނަމުން ދިޔައީ ތިޔައީ ގޯހެއް ކަމަށެވެ. ސިޔާސީ ގުޅުން ގާއިމްކޮށް ގާތް ގުޅުމެއް އޮންނަ ގައުމަކަށް އެވަރު އަރުވާލުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ. އިންޓަރނޭޝަނަލް ރިލޭޝަންސްތަކަށް އެކަނިވެސް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުންތަކެއް އޮންނަން ޖެހޭނެ ކަމަށް ބުނަމުން ދިޔައެވެ. އެކަމަކު ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ ޓީމުން އެއަކަށް އަޅައެއް ނުލައްވައެވެ.

ޑރ.މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެއްލައްވަނީ - އިންޑިއާ ޓައިމްސް

"ގެންދަވާނީ ދައްކަވާން ހުރި ތަނެއް ދައްކަވާފައިކަން" މިއީ އިލާހީ ގާނޫނެވެ. ވެރިކަމަށް ވަޑައިގެން ވިދާޅުވި ގަދަބަސްތަކުގެ ބާރު ކެނޑުނެވެ. ހީފުޅު ކުރެއްވި ގޮތަށް ކަންކަން ވާގޮތެއް ނުވިއެވެ. އިންޑިއާ ފޭކޮށް ގާތްވާން އުޅުއްވި އެހެން ގައުމުތަކުން މާބޮޑަކަށް އަޅައެއް ނުލިއެވެ. ލިބޭނެ ކަމަށް ހީފުޅުކުރެއްވި އެއްބާރުލުމާއި ދޭނެކަމަށް ބެލެވުނު އެހީތައް ލިބޭގޮތެއް ނުވިއެވެ. އިސާހިތަކު އިންޑިއާ ނޫންގޮތެއް އަނެއްކާވެސް ނެތުނީއެވެ. ނާށިގަނޑު ދީފައި ފޮނުއްވީ އިންޑިއާ ގާތަށެވެ. ލައްކަ ގާތްވެލީއެވެ. އެއްބަސްވުންތައް އާކުރަން ތައްޔާރުވަނީއެވެ. ބޮޑެތި ޖޫރިމަނާތައް މަޢާފް ކޮށްދިނީއެވެ. އިންޑިއާއަށށް ދައްކަން ޖެހޭ ފައިސާ ނުދެއްކުނީތީ އެފައިސާ ދެއްކުން ފަސްކޮށްދީ އަނދަވަޅުން ސަލާމަތްކޮށްދިނީއެވެ. މިހާރު އިންޑިއާ ވަރެއް ނެތެވެ. ކުރިން ކީހާޅެން ފަރިއްސަށްވީއެވެ. މިހާލަތަށް އައިމާ ސިޔާސަ ކުދިން އެއްޗެއްނުބުނެ ނުތިބޭނެތާއެވެ. "މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ރައީސް މުއިއްޒު ވަޑައިގަންނަވާނީ އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެންތޯއޭވެސް" އަހާފައި އެވަނީ އެބީދައިންނެވެ.

މީހުން ބުނެއުޅެއެވެ. ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ވާނެއެވެ. މަރްހޫމް ނައިފަރު ދޮހޮއްކޮބެގެ ލަވައެއްގައިވެސް ވެއެވެ.

"އެދޭނަމަ ލޯބިވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކަށެވެ. އަދާވާތްތެރިވިއަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކަށެވެ"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
50%
0%
0%
0%
50%
ކޮމެންޓް