ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 15:00
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވާހަކަދައްކަވަނީ
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވާހަކަދައްކަވަނީ
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
ގުރައިދޫ މަރުކަޒުގެ ޚިދުމަތްތައް
ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
މުޖުތަމައުގެ އެހެން ފަރުދުންނާއި އެއް ހަމައެއްގައި ދިރިއުޅެވެން ޖެހޭ
މުޖުތަމައުއަށް ނެރުމަށް މަސައްކަތް ކުރޭ
އެމީހުންނަށް ތަމްރީނާއި ތެރަޕީގެ އެހީތެރިކަން ފޯރުކޮށްދޭ

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 1976 ވަނަ އަހަރު ގާއިމްކުރެވުނު ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ގުރައިދޫ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދީ، ތަމްރީނާއި ތެރަޕީގެ އެހީތެރިކަމާއެކު މުޖުތަމައުގެ އެހެން ފަރުދުންނާއި އެއް ހަމައެއްގައި އުޅެ، ދިރިއުޅުމުގެ ޒިންމާތައް އުފުލައި މުޖުތަމައުގައި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް، އަލަށް ފަށަން ހަމަޖެހިފައިވާ އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމުގެ 4 ތަމްރީނު ޕްރޮގްރާމެއް އިފްތިތާޙު ކޮށްދެއްވާފައެވެ. މީގެ ތެރޭގައި ކުރެހުމުގެ ކޯހަކާއި ސްކްރީން ޕްރިންޓިން ކޯހަކާއި، ފަހާ ކޯހެއް އަދި ކައްކާ ކޯހެއް ހިމެނެއެވެ. ދާދި ފަހުން މި މަރުކަޒުގައި އާއިލާތަކަށް ހަވާލުކުރުމަށް ތައްޔާރުވެފައި ތިބި، ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޕޮލިޓެކްނިކްއާއި ގުޅިގެން ކުރިއަށް ގެންދެވުނު ބޭސިކް ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ވެސް ވަނީ ހަވާލުކޮށްފައެވެ.

ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމައަށް އަނބުރާ ހަވާލުކޮށް، އިޖުތިމާއީ ގުޅުންތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމުތައް މި މަރުކަޒުގައި މިހާރު ކުރިއަށް ގެންދެއެވެ. އަދި 48 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާއި މުވައްޒަފުން ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަރުކަޒުގައި ދެވޭ ފަރުވާއާއި، ކުރިއަށް ގެންދެވޭ އެންމެހައި ހަރަކާތްތަކުގެ އެންމެ މުހިންމު މަގުސަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިގެންވާ ފަރާތަކަށް ހެދުމެވެ. އަދި އެފަދަ ކޮންމެ ފަރާތަކަށްވެސް އެފަރާތްތަކުގެ އާއިލާއާއެކު މުޖުތަމައުގައި ހަމަޖެހޭ، ރީތި ދިރިއުޅުމެއް، ބާކީކުރުމެއް ތަފާތުކުރުމެއް ނެތި އުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެވުޒާރާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް