ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 14:19
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިހްސާން
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިހްސާން
ހޯމް މިނިސްޓްރީ
ޓެކްނޮލޮޖީ ބޭނުންކޮށް ނަތީޖާ ނެރުން
ރާއްޖެއަކީ ޓެކްނޮލޮޖީއަށް ހަރަދު ކުރުމުގައި ނަމޫނާ ގައުމެއް، ނަމަވެސް އެ ބޭނުންކުރުމުގައި އުޅެނީ ވަރަށް ފަހަތުގައި: މިނިސްޓަރު އިހުސާން
ފުލުހުންގެ ޚިދުމަތުން ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއްނެތި ޚިދުމަތް ދޭން ޖެހޭ
އަހަރެއްގެ މައްޗަށް 2 ބިލިއަން ރުފިޔާ ފުލުހުންގެ މުއައްސަސާއަށް ހޭދަކުރޭ
ރައްޔިތުން ވެސް ޓެކްނޮލޮޖީއަށް ހޭލުންތެރިކުރުވަންޖެހޭ

ދިވެހިރާއްޖެއަކީ ޓެކްނޮލޮޖީއަށް ހަރަދު ކުރުމުގައި ނަމޫނާ ގައުމެއް ކަމަށާއި، ނަމަވެސް ޓެކްނޮލޮޖީ ބޭނުންކުރުމުގައި އުޅެނީ ވަރަށް ފަހަތުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުޅި ދުނިޔެ ކުރިއަރައިގެން ދާއިރު، ރާއްޖެއިން ވެސް އެޓެކްނޮލޮޖީއާއެކު މަސައްކަތް ކުރަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހާއްސަކޮށް ފުލުހުންގެ މުއައްސަސާއިން އެގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

Advertisement

ރާއްޖެއަކީ ޓެކްނޮލޮޖީއަށް ހަރަދު ކުރުމުގައި ނަމޫނާ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ޓެކްނޮލޮޖީ ބޭނުންކުރުމުގައި އުޅެނީ ވަރަށް ފަހަތުގައި ކަމަށެވެ. އެގޮތުން ފުލުހުންގެ އެޕްލިކޭޝަނެއް ގާއިމްކޮށްފައިވާއިރު، އެޑައުންލޯޑްކޮށްގެން ބޭނުންކުރަނީ ވަރަށް މަދު ބައެއް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ރައްޔިތުން ވެސް ޓެކްނޮލޮޖީއަށް ހޭލުންތެރި ކުރުވަންޖެހޭ ކަމަށެވެ. އެހެންނޫން ކަމަށްވާނަމަ ބޭނުންވާ ނަތީޖާ ހާސިލް ނުކުރެވޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖެއަކީ ޓެކްނޮލޮޖީއަށް ހަރަދު ކުރުމުގައި ނަމޫނާ ގައުމެއް. އެހެންނަމަވެސް ޓެކްނޮލޮޖީ ބޭނުންކުރުމުގައި އަޅުގަނޑުމެން މިއުޅެނީ ވަރަށް ފަހަތުގައި. މިސާލެއް ދަންނަވާލާނަން. އަޅުގަނޑުމެން ހުރިހާ އެންމެން މޭޒުމަތީގައި ސިސްޓަމްތައް ބަހައްޓައިގެން އޭގެން ބަރާބަރަށް އީމެއިލް ކުރާނެ. އެހެންނަމަވެސް އަދިވެސް ސިޓީ ލިޔުން ހުއްޓާނުލާ. އަޅުގަނޑުމެން ބަރާބަރަށް އަޅުގަނޑުމެންގެ ސީސީޓީވީ ކެމެރާތައް ބަލާނެ. އޭގައި އެބަހުރި ޑިޓެންޝަން ޓޫލްތައް ވެސް. އަދި އޭގެ އިންޕްލިމެންޓޭޝަންތައް ހުންނާނީ ހުރިހާ ދިމާލަކަށް ދޫކުރެވިފައިނޫން. އަޅުގަނޑުމެން އަތުގައި ހުންނާނެ ޓެކްނޮލޮޖީގެ އިތުރު ވަސީލަތްތައް ވެސް. ޕޮލިސް އެޕްލިކޭޝަން އެބަހުރި. އެކަމަކު އެޕްލިކޭޝަން އަދިއެއް ދިވެހިރައްޔިތުންގެ ތެރެއިން ގިނަ މީހުންނެއް ޑައުންލޯޑެއް ނުކުރާނެ. އެހެންވީމަ ޓެކްނޮލޮޖީ ޑިވަލޮޕް ކުރެވެމުންދާ ވަރަކަށް އެކުއަރ ކުރެވޭ ވަރަކަށް މި ބޭނުންކުރުމުގެ ރޫހު އަޅުގަނޑުމެންގެ ތެރެއަށް ގެންނަން އެބަޖެހޭ. ރައްޔިތުން ބޭނުންކުރަންޖެހޭ ޓެކްނޮލޮޖީ ރައްޔިތުން އެވެއަރ ކުރުވާ ރައްޔިތުންލައްވާ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އަޅުގަނޑުމެންގެ މަސައްކަތްތަކަށް އަވަސްކަން ގެންނަންޖެހޭ. ހަމައެއާއެކު ޓެކްނޮލޮޖީ ބޭނުންކޮށްގެން ނަތީޖާ ނެރުމަށްޓަކައި އަވަސް ކުރުވަންޖެހޭ.
ހޯމް މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުންގެ ޚިދުމަތުން ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއްނެތި ޚިދުމަތް ދޭން ޖެހޭ ކަމަށެވެ. ގާނޫނަށް ފުށޫއަރާ ހިނދު މީހެއްގެ މަގާމަށް ބަލަން ނުޖެހޭ ކަމަށާއި، ގާނޫނު ތަންފީޒު ކުރަންޖެހޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އަހަރެއްގެ މައްޗަށް 2 ބިލިއަން ރުފިޔާ ފުލުހުންގެ މުއައްސަސާއަށް ހޭދަކުރާ ކަމަށާއި، އެއީ ދައުލަތަށް ލިބޭ ކޮންމެ 100 ރުފިޔާއަކުން 4 ރުފިޔާ ކަމަށެވެ. އެހެންކަމުން ދައުލަތާއި، ރައްޔިތުންގެ ވަރަށް ބޮޑު އުންމީދުތަކެއްވާނެ ކަމަށާއި، ނަތީޖާ ނެރެންޖެހޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް