ކ. މާލެ
|
7 ޖޫން 2024 | ހުކުރު 17:27
ރައްޔިތުންގެ ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރ އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ
ރައްޔިތުންގެ ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރ އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްޓީސީސީގެ މަސައްކަތްތައް
އެމްޓީސީސީގެ ކެޕޭސިޓީ ނެތް ކަމަށް ބުނެ ދައްކަނީ ސިޔާސީ ވާހަކަތަކެއް: އާޒިމް
ކުރިއަށްވުރެ އިތުރަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ މިއަދު އެމްޓީސީސީގެ މެނޭޖްމަންޓުން ކުރަންޖެހޭ ކަމެއް
އެމްޓީސީސީގެ މުވައްޒަފުންނަކީ ވެސް ވަރަށް ރަނގަޅު ގާބިލު ބައެއް
2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި މަހާޖައްރާފު ހަދައިގެން ވަނީ ގެނެސްފައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަކީ ކެޕޭސިޓީ ހުރި ކުންފުންޏެއް ކަމަށާއި، މިސަރުކާރުގެ ބޭފުޅުން ކެޕޭސިޓީ ނެތް ކަމަށް ބުނެ ވާހަކަތައް ދައްކަނީ ސިޔާސީ ގޮތުން ކަމަށް މާލޭ ސިޓީގެ މޭޔަރ އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މޭޔަރު އާޒިމް ވިދާޅުވީ އެމްޓީސީސީއާ ގުޅުވައި މިސަރުކާރުން ދައްކަމުންދަނީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ.

އާޒިމް ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި މަހާޖައްރާފު ހަދައިގެން ގެނެސްފައިވާ ކަމަށެވެ. އެދުވަހުން ފެށިގެން ޖޫން މަހާ ހިސާބަށް އައިރު ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު އުފައްދަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީއާ ހަވާލުވިއިރު، އެމްޓީސީސީ އޮތީ ވަރަށް ދަށުގައި ކަމަށާއި، ނަމަވެސް ކުރެވުނު މަސައްކަތުން ކޮވިޑާ ގުޅިގެން އެންމެ ދަތިކޮށް ދިޔަ އަހަރުވެސް 200 މިލިއަން ރުފިޔާގެ ފައިދާވެފައިވާ ކަމަށެވެ. އެމްޓީސީސީއަކީ ފައިދާވާ ކުންފުންޏެއް ކަމާއި، ތަނުގެ މުވައްޒަފުންނަކީ ވެސް ވަރަށް ރަނގަޅު ގާބިލު ބައެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުންފުނި ހަލާކުވެ މަސައްކަތްތައް ނުކުރެވިގެންދަނީ އެތަނުގައި ތިބި މަދު ބަައެއްގެ ސަބަބުން ކަމަށެވެ.

އާޒިމް ވިދާޅުވީ ބޭރުގެ ކުންފުނިތަކަށް ކުރެވޭ މަސައްކަތްތައް ދިވެހި ކުންފުނިތަކަށް ކުރެވޭނެ ކަމަށާއި، އެވިސްނުމުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު ނިމުނުއިރު 100ށް ވުރެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިންގުމުގެ ގާބިލުކަން ކުންފުންޏަށް ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮންމެ 11 ދުވަހަކުން ކުދި އަދި ބޮޑެތި މަޝްރޫއުތައް އެމްޓީސީސީން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ ނަތީޖާ ދައްކާފައިވާ ކުންފުންޏެއް ކަމަށާއި، މިއަދު ވެސް އެގޮތަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. ކެޕޭސިޓީ އެބަހުރި ކަމަށާއި، ކުރިއަށްވުރެ އިތުރަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ މިއަދު އެމްޓީސީސީގެ މެނޭޖްމަންޓުން ކުރަންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންވީމަ ކީއްވެގެންތޯ ސަރުކާރުން ހަވާލުވެފައި މިހާތަނަށް މިދޭތެރޭގައި މަޖިލިސް އިންތިޚާބާ ދޭތެރޭގައި އެއްބިލިއަން ރުފިޔާއަށްވުރެ ގިނަ މަސައްކަތް އިތުރަށް އެމްޓީސީސީއަށް ދިނީ. ކެޕޭސިޓީ ނެތްތަނަށް ކީއްކުރަންތޯ އިތުރަށް މަސައްކަތް ދިނީ. އޭރުގައި އިތުރަށް މަސައްކަތް ދީފައި ހުރެގެން ނުކުރެވުނޭ ބުނި ބޭފުޅުން މި ޖެނުއަރީ މިހާތަނަށް އެއްބިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މަސައްކަތް އެބަހުރި ހަވާލުކޮށްފައި. ކެޕޭސިޓީ ނެތްނަމަ ހަވާލެއް ނުކުރާނެ. އެތަނުގައި ގާބިލްކަން ނެތްނަމަ ހަވާލެއް ނުކުރާނެ. އެހެންވީމަ ދައްކާ ވާހަކައާ އަމަލާ ދިމާލެއް ނުވޭ. ކެޕޭސިޓީ އެތާގައި އެބަހުރި.
މާލޭ ސިޓީގެ މޭޔަރ އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް މިހެން ވިދާޅުވެފައިމިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެމްޓީސީސީއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. 2024 މެއި 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެމްޓީސީސީގެ ކެޕޭސިޓީގައި އެއްފަހަރާ ކުރިއަށް ގެންދެވޭނީ 60 އެއްހާ މަޝްރޫއު ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ގިނަ މަޝްރުއޫތަކެއް ފަށާފައިވާއިރު ބައެއް ކަންކަން ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެއްފަހަރާ އެމްޓީސީސީގެ ކެޕޭސިޓީ ނެތް މިންވަރަށް މަޝްރޫތައް ގެންދިއުމަކީ އެދެވޭ ގޮތެއް ނޫން ކަމަށާއި، އެކަން ކުރާނަމަ އިތުރަށް ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް