ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 16:02
ފަލަސުރުހީ ޕްރޮގްރާމްގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ގަވައިދާ އުސޫލުތައް ތަންފީޒުކުރުން
ނުފޫޒު ފޯރުވައިގެން ޚިދުމަތް ލިބޭ ތަނަކަށް މާލެސިޓީ ވަނީ ބަދަލުވެފައި، އެ އުސޫލު ބަދަލުކުރާނަން: މޭޔަރު އާޒިމް
ހުރިހާ ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވޭ
ގަރާޖު ސިޓީ ބޮޑު އަގުގައި ވިއްކާ މައްސަލަ ވަނީ ހައްލުކުރެވިފައި
ގައުމީ މައްސަލަތައްކަމުގައި ދެކިގެން މަސައްކަތް ކުރާ ކަމަށްވާނަމަ ހައްލު ލިބޭ

ނުފޫޒު ފޯރުވައިގެން ޚިދުމަތް ލިބޭ ތަނަކަށް މާލެސިޓީ ބަދަލުވެފައިވާ ކަމަށާއި، އެ އުސޫލު ބަދަލުކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މޭޔަރު އާޒިމް ވިދާޅުވީ މާލެސިޓީއަކީ ގަވާއިދުތައް ތަންފީޒު ކުރާ ސިޓީއަކަށް ހެދުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ބައެއް މަސައްކަތްތައްކޮށް، ގަރާޖު ސިޓީ ބޮޑު އަގުގައި ވިއްކާ މައްސަލަ ހައްލުކޮށްފައިވާ މޭޔަރު އާޒިމް ވިދާޅުވިއެވެ. އަދި އެމަސައްކަތް ކުރަމުންދަނީ ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން ކަމަށާއި، ނަތީޖާ ނެރެވެމުންދާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. މޭޔަރު އާޒިމް ވިދާޅުވީ ނުފޫޒު ފޯރުވައިގެން ޚިދުމަތް ލިބޭ ތަނަކަށް މާލެސިޓީ ބަދަލުވެފައިވާއިރު، އެއުސޫލު ބަދަލުކުރާނެ ކަމަށެވެ.

މޭޔަރު އާޒިމް ވިދާޅުވީ މިފަދަ ބޮޑެތި މައްސަލަތަކުގައި ގައުމީ މައްސަލަތައްކަމުގައި ދެކިގެން މަސައްކަތް ކުރާ ކަމަށްވާނަމަ ހައްލު ލިބޭ ކަމަށެވެ.

މީގެ އިތުރުން މޭޔަރު އާޒިމް ވަނީ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

މޭޔަރު އާޒިމް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މާލެސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. މިމައްސަލަ ހައްލު ކުރުމަށް ކަމާގުޅުންހުރި އިދާރާތައް ކަމަށްވާ ހޯމް މިނިސްޓްރީ، ފުލުހުން، އިމިގްރޭޝަން އަދި މާލެސިޓީ ކައުންސިލުން ގުޅިގެން މަސައްކަތް ކުރާކަމަށްވާނަމަ ދެ އަހަރެއްގެ ތެރޭގައި އެކަށީގެންވާ ނަތީޖާ ނެރެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަސައްކަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މިތަނަކީ ހަމައާ އުސޫލާއި ތެރެއިން ހިނގާތަނަކަށްވާންޖެހޭ. އަޅުގަނޑުމެން ވެސް ތަހުޒީބު މުޖުތަމައުއަކަށްދާން ބޭނުންވާ ކަމަށްވާނަމަ އެންމެވެސް އުސޫލުގެ ތެރެއިން އުޅުމަކީ ވަރަށް މުހިންމު ކަމެއް. މިކަން ކުރެވޭނީ އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރީމަ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މަސައްކަތުގެ މާހައުލަށް އިޝާރާތް ކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ މާރުކޭޓު ގޮޅި ދޫކުރަނީ ދިވެހިންނަށް ކަމަށާއި، ބިދޭސީންނަށް ދޫނުކުރާ ކަމަށެވެ. އެ ގޮޅީގައި ބިދޭސީއަކު މަސައްކަތް ކުރާ ކަމަށްވާނަމަ އެމީހަކަށް ފާހެއް ދޫކުރާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމް ވިދާޅުވީ ހުރިހާ ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވާ ކަމަށެވެ. އެގޮތުން ހޮޓާ/ރެސްޓޯރެންޓް، ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގައި އަދި އެކިއެކި ކުންފުނިތަކުގައި ބިދޭސީ މަސައްކަތްތެރިންގެ ދައުރު ބޮޑު ކަމަށެވެ. މޭޔަރު އާޒިމް ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް ބިދޭސީ މަސައްކަތްތެރިން ބޭނުންވާ ކަމަށާއި، އިމާރާތެއް ކުރަން ބަލާއިރު، އެމީހުންނާ ނުލައި އެމަސައްކަތް ކުރެވެން ނެތް ކަމަށެވެ.

ބިދޭސީންނަކީ މިއަދު ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ގޮތުގައި ބަލަންޖެހޭކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ އެމީހުން ވެސް އުސޫލާ ގަވާއިދުގެ ތެރެއިން ގެންގުޅެންޖެހޭ ކަމަށެވެ. އެމީހުންނަކީ ވެސް ގާނޫނީ އިމުގެ ތެރެއަށް ޓެކްސް ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި ބޭނުންވާ ގޮތަކަށް އުޅުނު ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި، އެކަން ހުއްޓުވޭނީ ރައްޔިތުންނަށް ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް