ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 12:27
ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައި ހުންނަ ލަކްތާ ސެންޓަރުގައި ބައިނަލްއަގްވާމީ ނިއުސް އެޑިޓަރުންނާ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވާހަކަ ދައްކަވަނީ
ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައި ހުންނަ ލަކްތާ ސެންޓަރުގައި ބައިނަލްއަގްވާމީ ނިއުސް އެޑިޓަރުންނާ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވާހަކަ ދައްކަވަނީ
ރޮއިޓާސް
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ރަޝިއާގެ އިސްތިގްލާލަށް ނުރައްކާ ވެއްޖެ ނަމަ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ފަސް ނުޖެހޭނަން: ޕުޓިން
ޔޫކްރެއިނަށް ހަތިޔާރު ދީގެން ރަޝިއާ އަށް ހަމަލާ ދިނުމަކީ ރަޝިއާ ދެކޮޅަށް ހަނގުރާމައިގަ ބައިވެރިވުން

ރަޝިއާގެ އިސްތިގްލާލަށް ނުރައްކާ ވެއްޖެ ނަމަ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ރަޝިއާ އިން ފަސް ނުޖެހޭނެ ކަމަށް އެ ގައުމުގެ ރައީސް ވުލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން މިހެން ވިދާޅުވީ، ބައިނަލް އަގްވާމީ މީޑިއާ ތަކާ އެކު ބުދަ ދުވަހު ބޭއްވެވި ބައްދަލު ވުމެއްގައެވެ.

ރަޝިއާ އިން ޔޫކްރެއިނަށް 2022ގައި އެރިފަހުން ފުރަތަމަ ފަހަރަށް ބައިނަލް އަގްވާމީ މީޑިއާ ތަކުގެ އިސްފަރާތްތަކާ އެކު ޕުޓިން ބޭއްވެވި ބައްދަލު ކުރުމުގައި ވަރަށް ގިނަ ތަފާތު މައުލޫތަކަށް ނޫސް އޭޖެންސީތަކުން ކުރި ސުވާލު ތަކަށް ޕުޓިން ވަނީ ޖަވާބު ދެއްވާފއެވެ.

ނިއުކްލިއަރ ހަތިޔާރު ރަޝިއާ އިން ބޭނުން ކޮށްފާނެތޯ ދެންނެވުމުން ޕުޓިން ވިދާޅުވީ، ތިޔައީ ސުވާލެއްވެސް އޮތް ކަމެއް ނޫން ކަމަށެވެ.

ކޮންމެވެސް ސަބަބަކާ ހުރެ ހުޅަނގުން ގަބޫލު ކުރަނީ، ރަޝިއާ އަކުން ދުވަހަކުވެސް އެ [ނިއުކްލިއަރ ހަތިޔާރު] ބޭނުމެއް ނުކުރާނޭ.
ރަޝިއާ ރައީސް ވުލެޑިމިއަރ ޕުޓިން

ރަޝިއާގެ 2020 ގެ ނިއުކްލިއަރ ޑޮކްޓްރައިން ބުނާ ގޮތުގުން ރަޝިއާ ސަރުކާރަށް ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރެވޭނީ، ވެޕަން އޮފް މާސް ޑިސްޓްރަކްޝަން އެ ގައުމާ ދެކޮޅަށް ބޭނުން ކުރާ ހާލަތެއްގައި ނޫނީ ދައުލަތުގެ ދެމިއޮތުމަށް ދެން އިތުރު ގޮތެއް ނެތިއްޖެ ހާލަތެއްގައެވެ.

ރަޝިއާގެ ނިއުކްލިއަރ ޑޮކްޓަރިން އަށް ހަވާލާ ދެއްވާ ޕުޓިން ވިދާޅުވީ، އެ ޑޮކްޓަރިން އަށް ބަލާލުމުން އެއްވެސް ފަރާތަކުން ރަޝިއާގެ ދެމިއޮތުމަށް ނުރައްކާ ކޮށްފިނަމަ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރެވޭނެ މަގު އެބައޮތް ކަމަށާއި އެކަން އެއްވެސް ފަރާތަކުން ލުއިކޮށް ނަގައިގެން ނުވާނެ ކަމަށެވެ.

ރަޝިއާ އިން ޔޫކްރެއިނަށް ދެމެންދާ ހަމަލާތަކުން ޔޫކްރެއިން ދިފާއު ވުމުގެ ގޮތުން އެމެރިކާއިންނާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރު ރަޝިއާ އަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުތަކުން ޔޫކްރެއިނަށް ދީފައިވާ މައްސަލަގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެ ގައުމުތަކުން ރަޝިއާ އާ ދެކޮޅަށް ހަނގުރާމާގައި ބައިވެރިވުން ކަމަށެވެ. އަދި ރަޝިއާ އަށް ވެސް އެކަން އެގޮތައް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޕުޓިން ވިދާޅުވީ ރަޝިއާ އަށް ހަމަލާ ދިނުމަށް ޔޫކްރެއިނަށް ހަތިޔާރު ދޭ ފަދައިން ރަޝިއާ އަށް ވެސް އެހެން ގައުމުތަކަށް ހަތިޔާރު ދީގެން އެ ގައުމުތަކުގެ މުހިންމު ތަންތަނަށް ހަމަލާ ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް