ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 13:14
ރަޝިޔާގެ އެސް-300 މިސައިލެއް ސިސްޓަމް
ރަޝިޔާގެ އެސް-300 މިސައިލެއް ސިސްޓަމް
އައިރީނާ ވެރެޝަކް
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ
ހުޅަނގުން ފޯރުކޮށްދިން ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާ އަށް ޔޫކްރެއިނުން ފުރަތަމަ ފަހަރަށް ހަމަލާ ދީފި
ޔޫކްރެއިންގެ އަސްކަރިއްޔާ ހަމަލާ ދިނީ ރަޝިޔާގެ ސަރަހައްދުގައި ހުރި އެސް-300 ގެ މިސައިލް ސިސްޓަމަކަށް

ހުޅަނގުން ފޯރުކޮށްދިން ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާ އަށް ޔޫކްރެއިނުން ފުރަތަމަ ފަހަރަށް ހޯމަ ދުވަހު ހަމަލާ ދީފި ކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާ ހަމަލާ ދިނީ ރަޝިޔާގެ ސަރަހައްދުގައި ހުރި އެސް-300 ގެ މިސައިލް ސިސްޓަމަކަށެވެ.

ޔޫކްރެއިންގެ އޮފިޝަލުން ވަނީ ކާމިޔާބު ހަމަލާއެއްގެ ގޮތުގައި ސިފަކޮށް މި ހަމަލާގެ ފޮޓޯ އާއްމުކޮށްފައެވެ.

ޔޫކްރެއިނުން މި ހަމަލާ ދިނީ އެ ގައުމަށް އެމެރިކާ އިން ފޯރުކޮށްދޭ ހަތިޔާރު ރަޝިއާ އަށް ހަމަލާ ދިނުމުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑްން ދެއްވިތާ ދެތިން ދުވަހުގެ ތެރޭގައެވެ. ހުޅަނގުގެ ބައެއް ގައުމުތަކުންވެސް ޔޫކްރެއިނަށް ވަނީ އެ ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރު ރަޝިއާ އަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

އެމެރިކާގެ ރައީސް ބައިޑްން، ޔޫކްރެއިނަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ރަޝިއާ އަށް ހަމަލާ ދިނުމުގައި ބޭނުން ކުރަން ހުއްދަ ދެއްވުމާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވުލެޑެމިއަރ ޒެލެންސްކީ ވަނީ އެކަމަށް މަރުހަބާ ކިޔުއްވާފައެވެ. ޒެލެންސްކީ ވިދާޅުވީ، މީގެ ސަބަބުން ރަޝިއާ ސިފައިންގެ ކިބައިން ޔޫކްރެއިންގެ ކާކިވް ސަރަހައްދު ދިފާއު ކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ.

ޔޫކްރެއިނަށް އަދި ބޭނުން ކުރެވެނީ ކުރު ރާސްތާ މިސައިލް އެކަނި ކަމަށް ވުމާއެކު އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގައި ކުރިން އޮތް ހުރަސް ޔޫކްރެއިނަށް ނެތިގެން ދިޔަ ކަމުގައި ވިޔަސް ތަޖުރިބާކާރުންގެ ނަޒަރުގައި ރަޝިއާ ސިފައިން ހިފާފައި ސަރަހައްދުތައް އަލުން ޔޫކްރެއިނުން ހޯދުމަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް ޔޫކްރެއިނަށް އެބަހުއްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް