ކ. މާލެ
|
3 ޖޫން 2024 | ހޯމަ 21:20
ޗައިނާ ސަރުކާރުގެ ތަރުޖަމާނު މާއޯ ނިންގ
ޗައިނާ ސަރުކާރުގެ ތަރުޖަމާނު މާއޯ ނިންގ
ރޮއިޓާސް
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ
ސުލްހައިގެ ސަމިޓަށް ގައުމުތަކުން ނުދިއުމަށް ޗައިނާ އިން ބާރު އަޅާ ކަމަށް ޔޫކްރެއިންގެ ރައީސް ދެއްކެވި ވާހަކަ ޗައިނާ އިން ދޮގުކޮށްފި
ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގައި ޗައިނާ އިން ގެންގުޅެނީ ދެފުށް ފެންނަ ސިޔާސަތެއް ކަމަށާއި، އެއްވެސް ހާލެއްގައި އެހެން ގައުމަކުން ވަކި ގޮތަކަށް ކަން ކުރަން ޗައިނާ އިން ބާރު ނާޅާ ކަމަށް ބުނެފައިވޭ

ޔޫކްރެއިން-ރަޝިއާ ހަނގުރާމަ އާ ގުޅޭ ގޮތުން އިންތިޒާމް ކުރާ ސުލްހައިގެ ސަމިޓަށް ގައުމުތަކުން ނުދިއުމަށް ޗައިނާ އިން ބާރު އަޅާ ކަމަށް ޔޫކްރެއިންގެ ރައީސް ދެއްކެވި ވާހަކަ ހޯމަ ދުވަހު ޗައިނާ ސަރުކާރުގެ ތަރުޖަމާނު މާއޯ ނިންގ ދޮގުކޮށްފިއެވެ.

ޗައިނާގެ ޚާރިޖިއްޔާ އިން ބުނެފައިވަނީ، ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގައި ޗައިނާ އިން ގެންގުޅެނީ ދެފުށް ފެންނަ ސިޔާސަތެއް ކަމަށާއި، އެއްވެސް ހާލެއްގައި އެހެން ގައުމަކުން ވަކި ގޮތަކަށް ކަން ކުރަން ޗައިނާ އިން ބާރު ނާޅާ ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ސިންގަޕޫރުގައި އޮތް ސެކިއުރިޓީ ފޯރަމްގައި ވާހަކަ ފުޅު ދައްކަވަމުން ވިދާޅުވީ، ސްވިޓްޒަލޭންޑްގައި މި މަހު ފަހުކޮޅު ބާއްވާ ސުލްހައިގެ ސަމިޓްގައި ގައުމުތަކުން ބައިވެރިވިޔަ ނުދޭން ޗައިނާ އިން ގަދަ އަޅާ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ހުސްވި ހަފްތާގައި ޗައިނާ އިން ބުނެފައިވަނީ ރަޝިއާ އިން އެ ސަމިޓްގައި ބައިވެރި ނުވާނަމަ ޗައިނާ އިން ސަމިޓްގައި ބައިވެރިވުން ވަރަށް ދަތިވާނެ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ މިހާތަނަށް ސަމިޓްގައި ބައިވެރިވާން 100 ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ޔޫކްރެއިން-ރަޝިއާ ހަނގުރާމަ އާ ގުޅޭ ގޮތުން ޗައިނާ އިން ބުނަމުން އަންނަނީ އެ ގައުމުން ގެންގުޅެނީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެއް ކަމަށާއި ޗައިނާ އިން ބޭނުންވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށް ސުލްހަ ގާއިމް ކުރަން ކަމަށެވެ.

ޗައިނާ އިން މިހެން ބުނި ނަމަވެސް ހުޅަނގުގެ ގައުމުތަކުން ދެކޭ ގޮތުގައި ޗައިނާ އިން ރަޝިއާ އާ ގާތް ގުޅުމެއް ބޭއްވުމާއެކު ރަޝިއާގެ ރައީސަށް ހަނގުރާމަ ކުރިއަށް ގެންދަން ސިޔާސީ އަދި ޑިޕްލޮމެޓިކް ނިވާފަތް ގަނޑެއްގެ ރޯލު ޗައިނާއިން އަދާކޮށްދޭ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް