އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމާފައިވަނީ އެމަސައްކަތް ކުރުމުގައި އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ނެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ވިދާޅުވީ އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގައި ސަރުކާރުގެ ސިންސިއަރިޓީއެއް ނެތް ކަމަށެވެ. އެންމެކުރިން ވެސް ސަރުކާރުން އަމަލުކުރަމުން ދިޔަ ގޮތަށް ބަލާއިރު އެކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ލަސްވާ ގޮތަށް ސަރުކާރުން އަމަލުކުރަމުންދަނީ އެ މަސައްކަތް ކުރުމުގައި އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ. އަދި އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންގެ ޕްރެޝަރާއި، ފާޑުކިޔުމުގެ ސަބަބުން ކަމަށް މެންބަރު ވިދާޅުވިއެވެ.
އަޅުގަނޑަށް ދެންނެވޭނީ ހަމަ ސިންސިއަރިޓީއެއް ނެތް. އެހެން ނަމަވެސް ރައްޔިތުންގެ ޕްރެޝަރ އެމްޑީޕީން ވެސް މިހާރު ފެށުނު މަޖިލީހުގައި ފުރަތަމަ ބިލެއްގެ ގޮތުގައި މިހުށަހެޅީ ޕާސްޕޯޓު މާނާކުރާ އެކަމަށް ބާރުއަޅާ ގާނޫނެއް. އިސްލާހެއް. އެހެންވީމަ އެކަމާ ހެދި ކަމަށް ބޮޑަށް ލަފާކުރެވެނީ. އެހެންވީމަ އަޅުގަނޑަށް ދެންނެވޭނީ ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތޭ މިކަމުގައި. ދެން ރައްޔިތުންގެ ޕްރެޝަރާ ހެދި އެހެން ގޮތެއް ނެތިގެން ކޮށްގެން އުޅޭ ކަމެއް.އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
އިޒްރޭލުން ފަސްލަތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރެއް މަޖިލީހުން ފުރަތަމަ ފާސްކޮށްފައިވަނީ 1 އޭޕްރީލް 2024 ގައެވެ. އަދި 16 ނޮވެންބަރު 2023 ގައި ވެސް ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން ލަފާދީ މަޖިލީހުން ރައީސް އޮފީހަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އެ ސިޓީއަށް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައިނުވެއެވެ. އަދި އަމަލު ކޮށްފައެއް ވެސް ނުވެއެވެ.
މީގެ އިތުރުން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް 30 މެއި 2024 ގަައި ވަނީ ހުށަހަޅާފައެވެ. އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ނަމަވެސް މި އިސްލާހާ ގުޅޭގޮތުން މިހާތަނަށް ސަރުކާރުން ބަހެއް ބުނެފައިނުވެއެވެ.
އިސްލާހުގައި ބުނެފައި ވަނީ އިޒްރޭލްގެ ޕާސްޕޯޓު ހިމެނޭހެން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ރާއްޖެ އެތެރެވުން މަނާ ކަމަށެވެ.