ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 12:57
ދިވެހި ހައްޖުވެރިން ހޮޓެލްގައި
ދިވެހި ހައްޖުވެރިން ހޮޓެލްގައި
ރާއްޖެ ހައްޖު މިޝަން
ހައްޖުވެރިންގެ އިންތިޒާމްތައް
ހައްޖުވެރިންނަށް ފަސޭހަވާނެ ގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: ރާއްޖެ ހައްޖު މިޝަން
އޮފިޝަލުންނާއެކު މިއަހަރު ޖުމްލަ 1150 ހައްޖާޖީން ހައްޖަށް ދިއުމަށްވަނީ ހަމަޖެހިފައިވޭ
ފުރަތަމަ ގުރޫޕްގެ ހައްޖާޖީން މިހާރު ތިބީ ހޮޓެލްގައި، ހާލު ރަނގަޅު
ހުރިހާ އިންތިޒާމެއް ވަރަށް ފުރިހަމަ

ދިވެހި ހައްޖުވެރިންނަށް ފަސޭހަވާނެ ގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖެ ހައްޖު މިޝަނުން ބުނެފިއެވެ.

298 ހައްޖުވެރިންނާއެކު ފުރަތަމަ ގްރޫޕް ފުރާފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 3:51 ގައެވެ. އެ ފްލައިޓް ޖިއްދާ އެއާޕޯޓަށް ޖައްސާފައިވަނީ ރާއްޖެ ގަޑިން ހުކުރު ދުވަހުގެ ރޭ 9:12 ގައެވެ.

Advertisement

ހައްޖާޖީންގެ އިންތިޒާމްތަކާ ގުޅޭގޮތުން ދިވެހި ހައްޖު މިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޑރ. އަހުމަދު އަސްލަމް އަބްދުﷲ ވިދާޅުވީ ފުރަތަމަ ގުރޫޕްގެ ހައްޖާޖީން މިހާރު ތިބީ ހޮޓެލްގައި ކަމަށާއި، ހުރިހާ އިންތިޒާމެއް ވަރަށް ފުރިހަމައަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަނީ ކުރިއަށް އޮތްތަނުގައި ވެސް ދިވެހި ހައްޖުވެރިންނަށް ފަސޭހަވާނެ ގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.

ދިވެހި ހައްޖުވެރިންނަށް ފަސޭހަވާހެން މައްކާ މަދީނާގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަން. އެގޮތުން ބަލާއިރު ހައްޖު މިޝަންއިން މަސައްކަތް ކުރަނީ ހައްޖު ކޯޕްރޭޝަނާ ސައުދީ އަރަބިއްޔާގެ އެންބަސީއާ ގުޅިގެން. ދެން އެގޮތަށް މަސައްކަތް ކުރިއިރުގަ އަޅުގަނޑުމެން ފުރަތަމަ ފްލައިޓްގެ ހައްޖުވެރިން ރިސީވް ކުރަން އެއާޕޯޓަށް ދިޔައިރު ވެސް ގޮސްފައި ހައްޖު ކޯޕްރޭޝަނާ އެމްބަސީއާ ގުޅިގެން މިމަސައްކަތް ކުރީ. އެގޮތުން ކުރެވުނު މަސައްކަތުގައި ހުރިހާ ހައްޖުވެރިންނަށް އެއާޕޯޓުން ނުކުތީމަ ހައްޖުވެރިން އަރުވަންޖެހޭ ބަސްތަކަށް އެރުވުމާ އެބޭފުޅުންގެ ލަގެޖުތައް ބަސްތަކަށް އަރުވާ ހޮޓަލަށް ގެނެސް ހޮޓަލުގަ ހުރިހާ ހައްޖުވެރިން ތިބެން ހަމަޖެހިފައިވާ ކޮޓަރިތަކަށް ހައްޖުވެރިން ގެންގޮސް މިހާރު ހުރިހާ ހައްޖުވެރިން ވެސް ތިބީ މިހާރު މައްކާގައި ތިބުމުގެ ހުރިހާ ކަމެއް ހަމަޖެހިފަ. ދެން ކުރިއަށްމިއޮތީ ހައްޖުވެރިންގެ އުމްރާގެ ކަންތައްތައް.
ދިވެހި ހައްޖު މިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޑރ. އަހުމަދު އަސްލަމް އަބްދުﷲ

ދިވެހި ހައްޖު މިޝަންގެ މެންބަރު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލް ވިދާޅުވީ ހުރިހާ އިންތިޒާމެއް ވަރަށް ފުރިހަމަ ކަމަށާއި، އުންމީދުކުރަނީ ހައްޖުވެރިން އަޅުކަން ކުރިއަށް ގެންދެވޭނެ ފަސޭހަ މާހައުލެއް ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި ރަނގަޅު ގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށް ހެޔޮ ސިއްހަތެއްގައި ހުރިހާ ހައްޖުވެރިން ވެސް އެނބުރި ގައުމަށް ދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ހައްޖު މިޝަންގެ މެންބަރު، ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީ މުހައްމަދު ރަމީޒު ވިދާޅުވީ ފުރަތަމަ ގުރޫޕްގެ ހައްޖާޖީންނަށް އުމްރާވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި، މިހާރު ދެވަނަ ގުރޫޕްގެ ހުރިހާ ކަމަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. ހުރިހާ ހައްޖާޖީން ވެސް ހެޔޮ ހާލުގައި ތިއްބިވިކަން ފާހަގަކުރައްވައި ދިވެހި ހައްޖު މިޝަންގެ ޑިރެކްޓަރ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛް އުސާމް މުޙައްމަދު ސައީދު ވިދާޅުވީ ހައްޖާޖީންގެ ހުރިހާ ކަމެއް ވެސް ހޮޓެލްއިން ހަމަޖެހިފައިވާ ކަމަށާއި، ދަތުރުމަތީގައި ވެސް އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑީއެމްޑީ އައްޝައިޚް އަލީ ޝަރީފް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ފުރަތަމަ ގުރޫޕްގެ ބަހުގެ ދަތުރު ވަރަށް ފުރިހަމަ ކަމަށެވެ. އެހެން އަހަރުތަކުގައި ބަހުގައި 4 ނުވަތަ 5 ހޭދަވާއިރު، މިފަހަރު ހޭދަވީ ގާތްގަނޑަކަށް ދެ ގަޑިއިރު ކަމަށެވެ.

ދިވެހި ހައްޖުވެރިންނަށް ފަސޭހަވާނެ ގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށް ޚާއްސަ އިސްކަމެއްދީގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެ ހައްޖު މިޝަނުން ވަނީ ސައުދީ އެމްބަސީ، ހައްޖު ކޯޕްރޭޝަން، އިސްލާމިކް މިނިސްޓްރީ އަދިވެސް ވަކިވަކި ފަރުދުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރުއަދާކޮށްފައެވެ. އަދި ފުރިހަމަ އިންތިޒާމްތަކެއް ހަމަޖެހިފައިވަނީ ގިނަ ބައެއްގެ ބުރަ މަސައްކަތުންކަން ފާހަގަކޮށްފައިވެއެވެ.

އޮފިޝަލުންނާއެކު މިއަހަރު ޖުމްލަ 1150 ހައްޖާޖީން ހައްޖަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.

ހައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރަން ހަމަޖެހިފައިވަނީ 3 ޖޫން 2024 ގައެވެ. އަދި ތިންވަނަ ގުރޫޕު 7 ޖޫން 2024 ގައި ފުރަން ހަމަޖެހިފައިވާއިރު ހަތަރު ވަނަ ގުރޫޕް ފުރާނީ 10 ޖޫން 2024 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް