ކ. މާލެ
|
31 މެއި 2024 | ހުކުރު 17:53
އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އެއިސެންހޯވަރ
އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އެއިސެންހޯވަރ
ރޮއިޓާސް
ޔަމަންގެ ހޫތީން އެމެރިކާ އަށް ހަމަލާ ދިނުން
އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އެއިސެންހޯވަރ އަށް ޔަމަންގެ ހޫތީން ހަމަލާ ދީފި
މި ހަމަލާ ދިނީ، ޔަމަންނަށް އެމެރިކާ އާއި އިނގިރޭސިން ގުޅިގެން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ވަނީ ބުނެފަ

އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އެއިސެންހޯވަރ އަށް މިސައިލް ހަމަލާއެއް ޔަމަންގެ ހޫތީން ދީފި ކަމަށް ހޫތީން ބުނެފިއެވެ.

ރަތްކަނޑުން މަނަވަރު ދަތުރު ކުރަނިކޮށް ހޫތީން ހުކުރު ދުވަހު މި ހަމަލާ ދިނީ، ޔަމަންނަށް އެމެރިކާ އާއި އިނގިރޭސިން ގުޅިގެން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ބުނެފައިވެއެވެ.

އިނގިރޭސިންނާއި އެމެރިކާ ގުޅިގެން ޔަމަންނަށް ދިން ހަމަލާގައި 16 މީޙުން މަރުވެ 41 މީހަކު ޒަޚަމްވި ކަމަށްވެސް ޓީވީ މެދުވެރިކޮށް ސާރީ ދިން ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާ އާއި އިނގިރޭސި އަސްކަރިއްޔާ އިން ބުރާސްފަތި ދުވަހު ބުނީ، ޔަމަންގެ ހޫތީންގެ ބައެއް ތަންތަނަށް ހަމަލާ ދިނީ ރަތްކަނޑުން ދަތުރު ކުރާ ބޯޓު ފަހަރަށް ހޫތީން ހަމަލާ ދެމުންދާތީ ހޫތީން ފަހަތައް ޖެއްސުމުގެ ގޮތުން ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސިން ގުޅިގެން ދިން ހަމަލާތަކާ ގުޅިގެން ހޫތީން ބުނީ، އެއީ ޔަމަނުން ގާޒާ އަށް ތާއީދު ކުރާތީ ދިން އަނިޔާވެރި އަދަބެއް ކަމަށެވެ.

ޔަމަނަށް މިދިން ހަމަލާ އީރާނުން ވަނީ ކުށްވެރި ކޮށްފައެވެ.

ޔަމަންގެ ވެރިރަށާއި އާބާދީ ބޮޑު އެހެން ސަރަހައްދުތައް ކޮންޓްރޯލް ކުރާ ހޫތީން ގެންދަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގެންދަނީ ގާޒާއަށް އިޒްރޭލުން ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލާ އެމެރިކާ އާ ގުޅުން ހުރި ކަނޑު އުޅަނދު ފަހަރަށް ހަމަލާ ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް