ކ. މާލެ
|
29 މެއި 2024 | ބުދަ 14:02
ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން
ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން
ރޮއިޓާރސް
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ
ޔޫކްރެއިންގައި ނޭޓޯ މެމްބަރުން ތިޔަ ކުޅެނީ އަލިފާނާ - ޕުޓިން
ރަޝިއާގެ ރައީސް ވިދާޅުވީ ނޭޓޯގެ ބައެއް މެމްބަރުން ބޭނުން ވަނީ އެ ގައުމުތަކުން ހަތިޔާރު ފޯރުކޮށްދީގެން ޔޫކްރެއިނުން ރަޝިއާގެ އެންމެ އެތެރެއަށް އަށް ހަމަލާ ދިނުމަށް ކަމަށް
ޕުޓިން ވިދާޅުވެފައިވަނީ އެފަދަ ކަމެއް ހިނގައިފި ނަމަ މުޅި ދުނިޔެއަށް ހަނގުރާމަ ފެތުރިގެން ދާނެ ކަމަށް

ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާ އަށް ޔޫކްރެއިން އިން ހަމަލާ ދިނުމަކީ ޔޫރަޕްގައި ހިމެނޭ ނޭޓޯގެ މެމްބަރުން އަލިފާނާ ކުޅުން ކަމަށް ވިދާޅުވެ ރަޝިއާގެ ރައީސް ވިލަޑިމިއަރ ޕުޓިން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ރަޝިއާގެ ރައީސް ވިދާޅުވީ ނޭޓޯގެ ބައެއް މެމްބަރުން ބޭނުން ވަނީ އެ ގައުމުތަކުން ހަތިޔާރު ފޯރުކޮށްދީގެން ޔޫކްރެއިނުން ރަޝިއާގެ އެންމެ އެތެރެއަށް އަށް ހަމަލާ ދިނުމަށް ކަމަށާއި އެކަން ނުވެގެން އުޅެނީ ނޭޓޯ ގައި ހިމެނޭ އެމެރިކާ އިން އެއްބަސް ނުވެގެން ކަމަށެވެ.

ޕުޓިން މިކަމާ ގުޅޭ ގޮތުން އިތުރަށް ވިދާޅުވީ އެފަދަ ކަމެއް ހިނގައިފި ނަމަ މުޅި ދުނިޔެއަށް ހަނގުރާމަ ފެތުރިގެން ދާނެ ކަމަށެވެ.

ޕުޓިން މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު، ހުޅަނގުގެ ގައުމުތަކުން ގެންދަނީ ރަޝިއާ އިން ޔޫކްރެއިން ގައި ހޯދަމުންދާ ކުރިއެރުންތައް ހުއްޓުވަން ހަދާނެ ގޮތަކާ މެދު ވިސްނަމުންނެވެ.

ދާދި ފަހުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވަނީ ޔޫކްރެއިން އިން ރަޝިއާގެ އެންމެ އެތެރެއަށް ހަމަލާ ދިނުމަށް ބޭނުންވާ ހަތިޔާރު ހުޅަނގުގެ ގައުމު ތަކުން ފޯރުކޮށްދިނުން އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ޓަޝްކަންޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނުން ޕުޓިން ވިދާޅުވީ ހާލަތު ގޯސް ކުރަން އުޅުމުގެ ނަތީޖާ ވަރަށް ސީރިއަސް ވާނެ ކަމަށެވެ. ހަނގުރާމައިގެ އަސަރު ޔޫރަޕަށް ފެތުރުމުން އެމެރިކާއިން ދެން ހަދާނީ ކިހިނެއްތޯ ޕުޓިން ވަނީ ސުވާލު އުފައްދަވާފައެވެ.

ވާނެ ގޮތެއް ބުނާކަށް ނޭނގޭ – އެ މީހުން ބޭނުން ވެގެން އެ އުޅެނީ މުޅި ދުނިޔެ ހަމަ ނުޖެހުމަކަށް ދާންތަ؟
ރަޝިއާގެ ރައީސް ވިލަޑިމިއަރ ޕުޓިން

ޕުޓިން ވިދާޅުވީ ހުޅަނގުގެ ގައުމު ތަކުން ދުރު ރާސްތާ ހަތިޔާރާއި، ސެޓެލައިޓް އެހީ އާއި، ޖާސޫސީ މައުލޫމާތާއި، އަސްކަރީ އެހީ ނުލިބި ޔޫކްރެއިން އަކަށް ރޝިޔާގެ ތެރެއަށް ހަމަލާއެއް ނުދެވޭނެއެވެ. އޭގެ މާނައަކީ ހުޅަނގުގެ ގައުމު ތަކުން ސީދާ ބައިވެރި ވެގެން ނޫން ގޮތަކަށް ޔޫކްރެއިން އަކަށް ރަޝިއާ އަށް ހަމަލާ ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕުޓިން ވިދާޅުވީ ހުޅަނގުގެ ގައުމުތަކަށް މި ކުރެވެނީ ކޮން ކަމެއްކަން އެނގޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ހުޅަނގުގެ ގިނަ ގައުމު ތަކަކީ ބިމުގެ ޖާގަ ކުޑަ އާބާދީ ތޮއްޖެހިފައިވާ ގައުމު ތަކެއް ކަން އެމީހުންނަށް އެނގެން ވާނެ ކަމަށެވެ.

ޕުޓިން މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު، ޔޫކްރެއިންގެ ދިފާއީ ވަޒީރު ރުސްޓެމް އުމެރޮވް ވަނީ އެމެރިކާއިން އުފައްދާފައިވާ އެފް-16 ގެ ފައިޓަރ ޖެޓްތައް ވަރަށް އަވަހަށް ޔޫކްރެއިން އަށް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ޔޫކްރެއިންނަށް މި ހަނގުރާމައިގައި މަދަދު ވެރިވާ ގައުމުތަކުން ދޭން ބުނާ ހަތިޔާރު ލިބުމުގައި ލަސްތަކެއް ދިމާވާކަން ޔޫކްރެއިނުން އަންނަނީ ފާހަގަ ކުރަމުންނެވެ.

އުމެރޮވް ވިދާޅުވީ ވަގުތު ވަރަށް މުހިންމު ކަމަށާއި، ދުޝްމަނުން ފަހާލުމަށް ބޭނުންވާ ހަތިޔާރު ވަގުތަށް އަވަހަށް ލިބުން ވަރަށް މުހިންމު ކަމަށެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ހަމަލާތަކާ ކުރިމަތި ލުމުގައި ހަތިޔާރާއި މީހުންގެ ދަތިކަން ޔޫކްރެއިނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ.

ޔޫކްރެއިނަށް މި ހަނގުރާމައިގައި އެހީތެރިވެދޭ ގައުމުތަކުގެ ކިބައިން އިތުރު އަސްކަރީ އާލާތާއި، ދުރު ރާސްތާ ހަތިޔާރާއި، ހަނގުރާމަ މަތީ މަތިންދާ ބޯޓު ފޯރުކޮށް ދިނުމަށް ތަކުރާރުކޮށް އެދެމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ފެބްރުއަރީ 2022 ގައި ރަޝިއާ އިން ޔޫކްރެއިނަށް އަރާ ހިންގަން ފެށި ހަނގުރާމައިގައި ޔޫކްރެއިނަށް އެހީ ވުމުގެ ގޮތުން މާލީ އަދި އަސްކަރީ އެހީތެރިކަން ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ގެންދަނީ ފޯރުކޮށްދެމުންނެވެ.

އަނެއް ކޮޅުން، ޔޫކްރެއިނަށް ފޮނުވާ ހަތިޔާރުގެ ކޮންމެ ޝިޕްމަންޓަކީ ރަޝިއާގެ ޓާގެޓަކަށް ވާނެ އެއްޗެއް ކަމަށް ރަޝިއާ އިން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް