ސައިކްލޯން ރެމާލް ގެ ސަބަބުން ބަންގްލަދޭޝް އަށާއި އިންޑިއާ އަށް ހޯމަ ދުވަހު ގަދަ ވަޔާއެކު ކުރި ވިއްސާރައިގައި 21 މީހުން މަރުވެ އެތައް ހާސް ގެދޮރަށް ގެއްލުން ވެއްޖެއެވެ.
ބައެއް މީހުން މަރުވެފައިވަނީ ގެނބިގެން ކަމަށާއި ބައެއް މީހުން ވެއްޓުނު ގެ ތަކުގެ ދަށުވެގެން މަރުވެފައިވާ ކަމަށާއި އިތުރު މީހުން ހަލާކުވެފައިވާ ކަރަންޓު ކޭބަލް ތަކަށް އައިސްފައި ހުރި ކަރަންޓުގައި ޖެހި މަރުވެފައިވާ ކަމަށް އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.
ސައިކްލޯންގެ ސަބަބުން ކަނޑުތައް ގަދަވެ އުފެދުނު ވަރުގަދަ ރާޅުގެ ސަބަބުން ދެ ގައުމުގެ އައްސޭރި ފަށުގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައްވެ، އެއްގަމު ތޮށި ހަލާކުވެ އެއްގަމުގެ ބޮޑު ސަރަހައްދަކަށް ރާޅު އަރާ ފެން ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާގެ ޑިރެކްޓަރ އަޒީޒުއް ރަހްމާން އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނީ މި ސައިކްލޯނުގެ ބާރު 36 ގަޑީއިރަށް ދެމިގެން ދިޔަ ކަމަށާއި މިއީ އެ ގައުމުގެ ތާރީޚުގައި ސައިކްލޯނެއްގެ ބާރު އެންމެ ދިގު ދެމިގެން ދިޔަ ފަހަރު ކަމަށެވެ.
ބަންގްލާދޭޝްގެ މޫސުމާ ބެހޭ އިދާރާއިން ހާމަ ކޮށްފައިވާ ގޮތުގައި، ސައިކްލޯންގެ ސަބަބުން ބަންގްލާދޭޝްގެ ބައެއް ސިޓީތަކަށް 200 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.
ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވީ ބަންގްލަދޭޝްގެ ދެކުނުގެ ސަރަހައްދުތަކަށާއި އިންޑިއާގެ ވެސްޓް ބެންގޯލްގެ ސަރަހައްދުތަކަށެވެ. ސައިކްލޯންގެ ސަބަބުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.
ސައިކްލޯންގެ ސަބަބުން ގެއްލުއްވި އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދިނުމަށް ބަންގްލަދޭޝްގައި އެތައް ހާސް ވޮލަންޓިއަރުން ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.
މިއީ ސައިކްލޯންގެ ތަޖުރިބާތައް ކޮންމެ އަހަރަކުވެސް ކުރަންޖެހޭ އިންޑިއާ އަށާއި ބަންގްލަދޭޝް އަށް މިއަހަރު އައި ފުރަތަމަ ސައިކްލޯނެވެ.