ކ. މާލެ
|
28 މެއި 2024 | އަންގާރަ 00:18
ޚަރްކީވްގެ ބޮޑު ފިހާރައަކަށް ރަޝިޔާއިން ދިން ހަމަލާއެއްގެ ޝިކާރައަކަށްވި މީހެއްގެ ހަށިގަނޑު އިމަޖެންސީގައި މަސައްކަތްކުރާ މީހުން ގެންދަނީ
ޚަރްކީވްގެ ބޮޑު ފިހާރައަކަށް ރަޝިޔާއިން ދިން ހަމަލާއެއްގެ ޝިކާރައަކަށްވި މީހެއްގެ ހަށިގަނޑު އިމަޖެންސީގައި މަސައްކަތްކުރާ މީހުން ގެންދަނީ
ކޮސްޓިއަންޓީން ލިބަރޯވް/ލިބްކޯސް/ގެޓީ އިމޭޖް
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ
ސްޕެއިން އިން ޔޫކްރެއިން އަށް 1 ބިލިއަން ޔޫރޯގެ އެހީ
ސްޕެއިންގެ ބޮޑުވަޒީރު ވިދާޅުވީ މިއީ 2024 ވަނަ އަހަރަށް އަސްކަރީ ރޮނގުން ޔޫކްރެއިންއަށް ސްޕެއިން ދޭ އެހީއެއް ކަމުގައި
މި އެހީގެ ސަބަބުން ޔޫކްރެއިންގެ އަސްކަރީ ގާބިލްކަން އިތުރު ކުރެވިގެންދާނެ

ރަޝިއާ އިން ޔޫކްރޭންގައި ހިންގަމުންދާ ހަނގުރާމައިގައި ޔޫކްރެއިން އަށް އެހީ ވުމުގެ ގޮތުން ސްޕެއިން އިން 1 ބިލިއަން ޔޫރޯ ދިނުމަށް ނިންމައިފިއެވެ.

އެހީގެ އެއްބަސްވުމުގައި ސްޕެއިންގެ ފަރާތުން ސޮއި ކުރެއްވީ ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އެވެ. ޔޫކްރެއިންގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ރައީސް ވުލެޑެމިއަރ ޒެލެންސްކީއެވެ. އެހީގެ އެއްބަސްވުމުގައި ސޮއި ކުރުން އޮތީ މެޑްރިޑްގައެވެ.

އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސްޕެއިންގެ ބޮޑުވަޒީރު ވިދާޅުވީ މިއީ 2024 ވަނަ އަހަރަށް އަސްކަރީ ރޮނގުން ޔޫކްރެއިންއަށް ސްޕެއިން ދޭ އެހީއެއް ކަމުގައެވެ.

ބޮޑުވަޒީރު ވިދާޅުވީ މި އެހީގެ ސަބަބުން ޔޫކްރެއިންގެ އަސްކަރީ ގާބިލްކަން އިތުރު ކުރެވިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި އާއްމުންނާއި އިންފްރާސްޓްރަކްޗަރ ގެ ސަލާމަތައް އެއަރ ޑިފެންސް ނިޒާމް ވަރުގަދަ ކުރެވިގެން ދާނެ ކަމަށް ސަންޗޭޒް ވިދާޅުވިއެވެ.

ޒެލެންސްކީ ސްޕެއިންގެ ވެރިރަށަށް މެޑްރިޑަށް ވަޑައިގެންނެވި އިރު ރަޝިއާ އިން ޔޫކްރެއިންގެ ޚާކީވް ސަރަހައްދަށް ދޭ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފައެވެ. މި ދިޔަ ހޮނިހިރު ދުވަހު އެ ސިޓީގެ މާރުކޭޓަކަށް ރަޝިއާ އިން ދިން ހަމަލާއެއްގައި 16 މީހުން ވަނީ މަރުވެފައެވެ.

ޔޫކްރެއިން އަށް ރަޝިއާ ސިފައިން އަރާ ކުރަމުންދާ ހަނގުރާމައިގެ 3 ވަނަ އަހަރު ގުނަމުންދާއިރު ޔޫކްރެއިން ގެންދަނީ ރަހުމަތްތެރި ގައުމުތަކުގެ ކިބައިން އިތުރު ހަތިޔާރަށް އެދެމުންނެވެ. ރަޝިއާގެ ހަމަލާތަކުން ރައްކައުތެރި ވުމަށް ޔޫކްރެއިން އަށް އެއަރ ޑިފެންސް ސިސްޓަމްތައް ބޭނުންވާ ކަމަށް ވެސް ޔޫކްރެއިންގެ ރައީސް ތަކުރާރު ކޮށް އަންނަނީ ވިދާޅުވަމުންނެވެ.

މީގެ ކުރިން ޒެލެންސްކީ ވަނީ އަސްކަރީ އެއްބަސްވުން ތަކުގައި ފަރަންސޭސި ވިލާތާއި، ޖަރުމަނާއި، ޔޫކޭ އާއެކުވެސް ސޮއި ކުރައްވާފައެވެ.

ޒެލެންސްކީ ވިދާޅުވާ ގޮތުގައި ޔޫކްރެއިން އަށް އިތުރު 7 ޕެޓްރިއޮޓް މިސައިލް ލޯންޗަރ ޔޫކްރެއިން ދިފާއަށް ބޭނުންވެއެވެ. އޭނާ ބޭނުންފުޅުވަނީ އެކުވެރި ދައުލަތްތަކަށް ޕްރެޝަރ ކޮށްގެން މިސައިން ލޯންޗަރ އެ ގައުމަށް ހޯއްދަވާށެވެ.

ޒެލެންސްކީ ވިދާޅުވީ މި މަހު އެކަނިވެސް 3،200 ގައިޑެޑް މިސައިލް ރަޝިއާ އިން ޔޫކްރެއިން އަށް ފޮނުވާލާފައިވާ ކަމަށެވެ.

އެއާ ހަނގުރާމަ ކުރާނީ ކިހިނެއް؟ އެތައް ހާސް މިސައިލަކާ ހަނގުރާމަ ކުރާނެ ވައިގެ ދިފާއީ ނިޒާމެއް ނެތް. އެކުވެރި ބައެއް ގައުމުތަކުން އޭތި މީތި ޔޫކްރެއިން އަށް ދޭން ޖެހިލުންވާ އިރު އެނގެންވާނެ ވައިގެ ދިފާއު ދިފާއަކީ ވައިގެ ދިފާއުކަން، އެއީ އިސްވެ ހަމަލާ ދިނުން ނޫންކަން.
ޔޫކްރެއިންގެ ރައީސް ވުލެޑެމިއަރ ޒެލެންސްކީ

މި ދިޔަ ހުކުރު ދުވަހު އެމެރިކާ އިން ވަނީ 275 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިން އަށް ދިނުމަށް ނިންމާފައިވާކަން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އިއުލާން ކުރައްވާފައެވެ. އެއީ ރަޝިއާ އިން ޚާކީވް އަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ބޭނުންވާ އެހީތެރިކަން ކަމުގައިވެސް އެމެރިކާ އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް