ކ. މާލެ
|
26 މެއި 2024 | އާދީއްތަ 09:29
މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިން އެފްއެކަޕް ތަށި އުފުލާލަނީ
މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިން އެފްއެކަޕް ތަށި އުފުލާލަނީ
އިނގިރޭސި އެފްއޭކަޕް
ޗެމްޕިއަން ސިޓީ ބަލިކޮށްގެން ހޯދި އެފްއޭކަޕް ތަށިން، މެންޗެސްޓަރ ޔުނައިޓެޑް ސީޒަން ސަލާމަތްކޮށްފި
މިއީ ޔުނައިޓެޑް އެފްއޭކަޕް ހޯދި 13 ވަނަ ފަހަރު

ޗެމްޕިއަން ސިޓީ ބަލިކޮށްގެން ހޯދި އެފްއޭކަޕް ތަށްޓާއެކު މެންޗެސްޓަރ ޔުނައިޓެޑުން ސީޒަން ސަލާމަތްކޮށްފި އެވެ.

ލީގުގެ ދަށް ނަތީޖާތަކާއެކު އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތަކުންވެސް ފުރުޞަތު ނުލިބި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް ސީޒަން ސަލާމަތްވީ ސީޒަންގެ ފަހު މެޗުގައި އެފްއޭކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާ, އެފްއޭކަޕްވެސް ދިފާއުކުރަން ނިކުއިން ސިޓީގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދީ 2-1 ނެވެ. ފުރަތަމަ ހާފްގައި ފުރަތަމަ ދެ ލަނޑު ޖަހާ މެޗުގައި ލީޑް ނެގީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑަށް މެޗުގައި ދެ ލަނޑު ޖަހައިދިނީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ގާނާޗޯ އާއި މައިނޫ އެވެ. ފުރަތަމަ ލަނޑު 30 ވަނަ މިނިޓްގައި ގާނާޗޯ ޖެހީ ގްވާޑިއޯލް ހަދިޔާކުރި ބޯޅަ އަކުން މުޅިން ހުހަށް އޮތް ގޯލަށް ފޮނުވާލައިގެންނެވެ. އޭގެފަހުން ފެނުނީ ރަޝްފޮޑް ދެވަނަ ގޯލެއް ޖެހިތަނެވެ. ނަމަވެސް ލައިސްމަން އޮފްސައިޑް ދިދަ ނަގާފަ ހުރުމުން ބަލައި ނުގަތެވެ. އެކަމަކު ފުރަތަމަ ލަނޑަށް އެންމެ ނުވަ މިނިޓްގެ ތެރޭގައި މައިނޫ ދެވަނަ ލަނޑެއް ޖަހާ ޔުނައިޓެޑަށް ބޮޑު އުއްމީދެއް ހޯދައިދިނެވެ.

ޕްރެޝަރަރުގައި ސިޓީން ދެވަނަ ހާފްގައި ނިކުތީ ބަދަލުތަކާއެކުއެވެ. ނަތަން އަކޭއާއި, ކޮވަސިޗްގެ ބަދަލުގައި ޑޮކޫއާއި އަކަންޖީ ހިމަނާ, ޑި ބުރޭނާގެ ބަދަލުގައި އަލްވަރޭޒް އަށްވެސް ހާފްގެ ވަރަށް ކުރީކޮޅު ފުރުޞަތު ދިނެވެ. ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ކުޅެ, ރަނގަޅު ދެތިން ފުރުޞަތެއް ހޯދި ނަމަވެސް ޔުނައިޓެޑްގެ ޑިފެންސް ފެނުނީ ރޭވުންތެރިކަމާއެކުއެވެ. ސިޓީން މިހާފްގައި ފޮނުވާލި އެންމެ ރަނގަޅު ހަމަލާ ހާލަންޑް ފޮނުވާލުމުން އަމާޒުވީ ހުރަސް ދަނޑި އަށެވެ. އަލްވަރޭޒް ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވިއެވެ. ސިޓީއަށް އުއްމީދެއް ގެނެސްދިނީ މޮޅަށް ކުޅުނު ޑޮކޫ އެވެ. އޭނާ ލަނޑު ޖެހީ 87 ވަނަ މިނިޓްގައެވެ. އިތުރަށް ހަތް މިނިޓް ދެއްކި ނަމަވެސް އިތުރު ލަނޑެއް ނުޖެހި, ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްގެ ސީޒަން ސަލާމަތްވީ އެވެ.

މިއީ މެންޗެސްޓަރ ޔުނައިޓެޑުން އިނގިރޭސޮ އެފްއޭކަޕް ހޯދި 13 ވަނަ ފަހަރެވެ. މިތަށްޓާއެކު އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން ޔުނައިޓެޑަށް ޖާގަ ލިބޭނެ އެވެ.

- ކޮމެންޓް