އީރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރުގައި ރޯވީ ބޯޓު ވެއްޓުނު ފަހުން ކަމަށާއި ބޯޓަށް ހަމަލާއެއް ދީފައިވާ ކަމަށް ނުބެލޭ ކަމަށް އިރާނުގެ އަސްކަރިއްޔާ އިން ނެރުނު ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.
ހެލިކޮޕްޓަރ ވެއްޓުނު ސަބަބު ދެނެގަތުމަށް އީރާނުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ތަހުގީގުގެ ފުރަތަމަ ރިޕޯޓު ނެރުނީ ބުރާސްފަތި ދުވަހުއެވެ.
ރިޕޯޓުގައި މި ހާދިސާގައި އިތުރު ފަރާތެއްގެ ރޯލެއް އޮތް ކަމަށް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އިތުރު ތަފްސީލް އެނގޭނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށް ރިޕޯޓުގައި ވެއެވެ.
ހުސްވި ހަފްތާގެ އާދިއްތަ ދުވަހު ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އީރާނުގެ ރައީސް އާ އެ ގަމުގެ ޚާރިޖީ ވަޒީރު ވަނީ އަވަހާރަވެފައެވެ. އޭގެ އިތުރުން އެ ހެލިކޮޕްޓަރުން ދަތުރު ކުރި އިތުރު 6 މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.
ރިޕޯޓުގައި ބުނެފައިވަނީ، ބޯޓު ވެއްޓުމުގެ ކުރިން ކޮންޓްރޯލް ޓަވަރާ ބޯޓުގެ ފަޅުވެރިންނާ ކުރެވިފައިވާ މުއާމަލާތްތަކުން ޝައްކު ކުރެވޭ ކަހަލަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލޭ ކަމަށެވެ.
ރިޕޯޓުގައި ހާމަ ކޮށްފައިވާ ގޮތުން ވެއްޓުނު ހެލިކޮޕްޓަރާ އެ ހެލިކޮޕްޓަރާ އެކުގައި ދަތުރުކުރި އަނެއް ދެ ހެލިކޮޕްޓަރާ ދެމެދު އެންމެ ފަހުން ވާހަކަ ދައްކާފައިވަނީ ހެލިކޮޕްޓަރު ވެއްޓުމުގެ 90 ސިކުންތު ކުރިން ކަމަށެވެ.
ހެލިކޮޕްޓަރަށް ބޭރުން ހަމަލާއެއް އަރާފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށާއި، ހެލިކޮޕްޓަރު ދަތުރު ކުރަން ހަމަ ޖެހިފައިވާ ރޫޓް ބަދަލު ކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
އާދިއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ވެއްޓުނު ހެލިކޮޕްޓަރ ފެނުނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ހާދިސާގައި އަވަހާރަވި އީރާނުގެ ރައީސް ފަސްދާނުލެވުނީ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ އުފަން ޝަހަރު މަޝްހަދު ގައެވެ.