ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިޔަށް އޮތް 3 ދުވަހުވެސް އުތުރާއި މެދުރާއްޖެތެރެ ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 3 ދުވަހުވެސް އުތުރާއި މެދުރާއްޖެތެރެއަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ފާއިތުވި ފަސް ދުވަހުވެސް ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކޮށްފައެވެ. އަދި ފާއިތުވި ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ތަފާތު އެކި ހާދިސާތައް ހިނގާފައިވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީގޮތުން ބަލާއިރު، ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ކަމަށް ބުނެފައިވެއެވެ.
އަދި ހުޅަނގު މޫސުމުގެ އަސަރުތައް އާންމުގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށެވެ.